ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހި (މީސަލްސް) ޖެހިފައިވާ އިތުރު ދެ މީހަކު ފެނި، މި އަހަރުގެ މިހާތަނަށް ފެނުނު ކޭސްތަކުގެ ޖުމްލަ އަދަދު ނުވަޔަކަށް އަރައިފިއެވެ.

މި މަހުގެ ކުރީކޮޅުން ފެށިގެން މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތައް ފެންނަން ފަށާފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިވަގުތު ވެސް ފަސް ކޭސްއެއްގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި އެ ފަސް ކޭހާ ގުޅޭގޮތުން ފާހަގަކުރެވުނު 128 ކޮންޓެކްޓުން އެޗްޕީއޭއިން އަންނަނީ މޮނީޓާ ކުރަމުންނެވެ.

މި އަހަރުގެ ތެރޭގައި ފެނުނު ހިމަބިހީގެ 9 ކޭސްގެ ތެރެއިން 6 ކޭސް ފެނިފައިވަނީ މި މަހުގެ ތެރޭގައެވެ.

އެޗްޕީއޭއިން ވަނީ އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު ހިމަބިހި ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން ހިމަބިހީގެ އަލާމާތެއް ކަމަށްވާ ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމާއި އެކަހެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބައްޔަށް ޝައްކުވެގެން ޓެސްޓު ހަދައިފި ނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމުގެ އިތުރުން އާންމު ތަންތަނަށް ނުދިއުމާ، ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވުމުން، ބަލީގެ އަލާމާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.