ކުރިއަށް އޮތް ބޮޑު ޗުއްޓީ ދުވަސްވަރަކީ ގިނަ ބަޔަކު އެއްރަށުން އަނެއްރަށަށް ދަތުރުކޮށް، އާއިލީ ބައްދަލުވުންތަކާއި އެކި ކަހަލަ ހަރަކާތްތައް ގިނަވާނެ ދުވަސްވަރަކަށް ވާތީ، އާންމުކޮށް ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޗުއްޓީ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން އިތުރުވުމާ ގުޅިގެން ގައިންގަޔަށް އަރާ ބަލިތައް ހާއްސަކޮށް އަރިދަފުސް ރޯގާ، އިންފްލުއެންޒާ، އަދި ރާއްޖޭގައި މިދުވަސްވަރު ފެންނަމުންދާ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް މުހިއްމު އިރުޝާދުތަކެއް ދީފައެވެ. އެ
ގޮތުން އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމާއެކު ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމާއި، ސެނިޓައިޒާ ބޭނުންކުރުމަށް ވަނީ އެދިފައެވެ. އަދި ކެއްސާ ކިނބިހިއަޅާއިރު ޓިޝޫއަކުން ނުވަތަ އުޅަނބޮށި ހުރަސްކޮށް އަނގަޔާއި ނޭފަތް ނިވާކުރުމާ، ރޯގާގެ އަލާމާތްތައް ހުރިނަމަ މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމާއި، ކޮންމެހެން ދާންޖެހިއްޖެ ނަމަ މާސްކު އެޅުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ ހިމަބިހި (މީސްލްސް) ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމާ، ޑެންގީ ހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ހަށިގަނޑު ނިވާވާ ފަދަ ހެދުން އެޅުމާއި މަދިރި ލޯޝަން ބޭނުންކުރުމަށް އެދިފައެވެ. އިތުރަށް އެޗްޕީއޭއިން ވަނީ ހުން އައުން، ކެއްސުން، ނުވަތަ ގައިގައި ބިހިތަކެއް ނެގުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ މަޝްވަރާ ހޯދުމަށް އެދިފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގައި ހިމަބިހީގެ ކޭސްތަކެއް ވެސް ފެނިފައިވާ ދުވަސްވަރަކަށް ވާތީ، އާންމު ސިއްހަތަށް ރައްކާތެރިވުމުގެ ގޮތުން އެންމެހާ ރައްޔިތުން މި އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޕީއޭ އިން ވަނީ ނަސޭހަތްތެރިވެފައެވެ.
