ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން ތަމްރީނު ފުރިހަމަކޮށް މިއަދު ދަސްވެނިވެއްޖެއެވެ.

މި ޕްރޮގްރާމުން މިއަދު މިއަދު ޖުމްލަ 63 ޒުވާނުން ދަސްވެނިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުންނެވެ.

މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދަސްވެނިވީ ހުރިހާ ޒުވާނުންނަށާއި، އެކުދިންގެ ބެލެނިވެރިންނަށް މަރުހަބާ ދަންނަވާފައެވެ. އަދި މީގެ އިތުރުން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވި ހުރިހާ މުދައްބިރުންނަށާއި، އެމްއެންޑީއެފް އަދި ޑިފެންސް މިނިސްޓްރީގެ އެންމެހާ ބޭފުޅުންނަށްވެސް ރައީސް ވަނީ ޝުކުރާއި މަރުހަބާ އަދާކުރައްވާފައެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެގައި ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށެވެ. މި ތަމްރީނުގައި ބައިވެރިވި ދަރިވަރުންނަކީ، ޑިސެމްބަރު 28، 2025 ވަނަ ދުވަހު ދަސްވެނިވި ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި މި ތަމްރީނަށް ޝައުގުވެރިކަން ފާޅުކުރި ދަރިވަރުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ހަތަރުމަސް ދުވަހުގެ މި ތަމްރީނު ކުރިއަށް ގެންގޮސްފައިވަނީ ޖެނުއަރީ 15، 2026 އިން ފެށިގެން އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައެވެ މި ޕްރޮގްރާމްގެ ދެވަނަ ބެޗު އިތުރު 75 ޒުވާނުންނާއެކު އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.