މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން މަސްވެރިން ސަލާމަތްކުރުމަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 2.5 މިލިޔަން ލީޓަރުގެ ތެޔޮ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ތެޔޮ ފޯރުކޮށް ދިނުމަށް ސަރުކާރުން ނިންމާފައި ވަނީ އެސްޓީއޯ ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ކަމަށެވެ. މިއީ މަސްވެރިންގެ ވަރަށް ބޮޑު އެދުމަކަށް ވެފައި، މިގޮތަށް ހަމަޖެއްސުމުން މަސްވެރިންނަށް ތެޔޮ ލިބުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮ ށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެއްކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް މި ހިދުމަތް ލިބޭނެ ކަމަށެވެ.
ފެބްރުއަރީ މަހުން ފެށިގެން މިއަދާއި ހަމައަށް ބަލާއިރުގައި 1832 އުޅަނދަކަށް ތެޔޮ ދޫކޮށްފައިވާ ކަމަށާއި އެ އަދަދަކީ ޖުމްލަކޮށް ތެޔޮ ދޫކުރި އަދަދށް ވާއިރު ތަކުރާރުކޮށް ތެޔޮ އަޅަން އައި އުޅންދުތައްވެސް ހިމެނޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް 2.5 މިލިއަން ލީޓަރުގެ ތެޔޮ އެ މުއްދަތުގެ ތެރޭގައި ދޫކޮށްފައިވާ ކަމަށް ޝިޔަމް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރުމުގައި އުޅަނދުފަހަރުގެ ބޮޑުމިނަށް ބަލައި ވަނީ ވަކި މިންވަރުތަކެއް ކަނޑައަޅާފައެވެ. އެގޮތުން 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5,000 ލީޓަރު، 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3,000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1,500 ލީޓަރު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުގެ މި ނިންމުމާއެކު، ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަވެ، މަސްވެރިކަމުގެ ނަފާ އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
