މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ހެންވޭރު މެދު ދާއިރާގެ ކައުންސިލަރު މީކާއިލް މުހައްމަދު ރިޔާޒު އިންތިހާބުކޮށްފި އެވެ.

އެ މަގާމަށް މީކާއިލް އިންތިހާބުކޮށްފައި ވަނީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް އިންތިހާބުކުރާ ކައުންސިލަރެއް ކަނޑައެޅުމަށް އެމްޑީޕީން މިއަދު ދަޑިކޮށި ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެމްޑީޕީގެ ކައުންސިލަރުންގެ ތެރެއިން ހަތަރު ކައުންސިލަރަކު ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއާއެކު ޑެޕިއުޓީ މޭޔަރަކު އިންތިހާބުކޮށްފައި ވަނީ އެ ކައުންސިލަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގައިގެންނެވެ. އެ މަގާމަށް ކުރިމަތިލީ ފަރާތްތަކާއި ލިބުނު ވޯޓުގެ ނަތީޖާއަކީ:

  • ހެންވޭރު މެދު ދާއިރާ މީކާއިލް މުހައްމަދު ރިޔާޒު (މިކީ) - 7 ވޯޓު
  • ހުޅުމާލެ އުތުރު ދާއިރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) - 5 ވޯޓު
  • މާފަންނު މެދު ދާއިރާ އައިޝަތު ހަނާ - 2 ވޯޓު
  • މާފަންނު ހުޅަނގު ދާއިރާ މުހައްމަދު ރިލްވާން އަލީ (ރިލޭ) - 2 ވޯޓު

އެއަށް ފަހު، މިއަދު މެންދުރު ފަހު ބޭއްވި އާ ކައުންސިލުގެ ޖަލްސާގައި ވަނީ ޑެޕިއުޓީ މޭޔަރުކަމަށް މީކާއީލް ހޮވާފައެވެ.

މިފަހަރު މާލޭ ސިޓީ ކައުންސިލުގައި މޭޔަރުގެ އިތުރުން، ޖުމުލަ 18 ކައުންސިލަރަކު ތިއްބަވައެވެ. އޭގެ ތެރެއިން 16 ކައުންސިލަރުން އެމްޑީޕީއަށް ނިސްބަތްވާއިރު، ދެ ކައުންސިލަރުން ނިސްބަތްވަނީ ޕީއެންސީއަށެވެ. އެއީ ހުޅުމާލެ މެދު ދާއިރާއަށް އަހްމަދު ސަނީހް އާއި ވިލިމާލެ ދާއިރާ އިބްރާހިމް ސަމާހު އެވެ.

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް ހޮވުނު މެމްބަރުން ވަނީ މިއަދު ހެނދުނު މަގާމުގެ ހުވާކޮށްފަ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ހޮވުނު މީހުން ވަނީ މަގާމުގެ އިގްރާރުގައި ސޮއިކޮށްފަ އެވެ.