މާލެ ސަރަހައްދުން މި ހަފްތާ ތެރޭގައި 2 މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ބައްޔަށް ޕޮޒިޓިވްވި ކޭސްތައް ފެނުމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އެޗްޕީއޭ އިން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތާ، ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތުގެ އިތުރުން ކޮންޓެކްޓްވި މީހުންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެޗްޕީއޭ އިން ބުނީ މިއަހަރުގެ މިހާތަނަށް ހިމަ ބިހީގެ ޖުމްލަ 5 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 2 މީހުންނަކީ ރާއްޖެއިން ބޭރުން ބަލިޖެހިގެން އައި މީހުން ކަަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އަދި އަވައްޓެރި ގައުމުތަކުގައިވެސް ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.

މި ބަލީގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ގަދައަށް ހުން އައުން
  • ގައިގައި ރަތް ކުލައިގެ ބިހިތަކެއް ނެގުން
  • ކެއްސުމާއި އަރިދަފުސް ފޭބުން
  • ލޯ ރަތްވުން.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ ގައުމަކަށް ވީނަމަވެސް، ދޭތެރެއަކުން މި ބަލީގެ ކޭސްތައް ފެންނަމުންދާތީ ވެކްސިން ފުރިހަމަކުރުމަށް ސިއްހީ މާހިރުން އަބަދުވެސް ބާރުއަޅުއްވައެވެ.