ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވައިލައިފިއެވެ. އަދި މި އިނާމު ދިނުމުގެ އުސޫލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަން ސާބިތުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ. މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ.

އިނާމަށް ނަން ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ ހަމައެކަނި ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށެވެ. ގައުމީ އިނާމާބެހޭ ކޮމިޓީން މައުލޫމާތު ދެއްވާ ގޮތުގައި، މިއަދުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ފޯމު ހުށަހަޅާއިރު ހުރިހާ މައުލޫމާތަކާއި ކަމާބެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އެ ކޮމިޓީން ވަނީ އެދިވަޑައިގެންފައެވެ.

މި އިނާމަށް މީހެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު މުއައްސަސާތަކަށާއި، ކުންފުނިތަކަށާއި، އާންމު ފަރާތްތަކުގެ އިތުރުން އަމިއްލައަށްވެސް ވަނީ ހުޅުވައިލައިފައެވެ. އިނާމު ދިނުމަށް ކަނޑައެޅުމުގައި ކޮމިޓީން މައިގަނޑު ގޮތެއްގައި ބައްލަވާނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދައްކައިފައިވާ ފަރުވާތެރިކަމަށާއި، މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ހާއްސަ މަސައްކަތްތަކަށެވެ. މީގެ އިތުރުން، އެމީހެއްގެ މައްޗަށް މަދަނީ ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައިވޭތޯވެސް ކޮމިޓީން ޔަގީންކުރައްވާނެއެވެ.