ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސްރީލަންކާއަށް ވަޑައިގަތުމުން އެ ގައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް، ރައީސްގެ ދެ ކަނބަލުން ކުރައްވާ މި ދަތުރުފުޅަކީ މި މަހުގެ 3 އިން 6 އަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ފުރާވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އަދި އެ ގައުމަށް ވަޑައިގަތުމާއެކު އެ ގައުމުން މަރުހަބާ ދެންނެވީ އެ ގައުމުގެ ޕްރައިމް މިނިސްޓަރު، ހަރިނީ އަމްރަސޫރިއްޔާއެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތް ކުރެވޭނެ އާ މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިންނާ އެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރުން ވެސް ހިމެނެއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހުރިއްޔާ މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ ޖުލައި 26، 1965 ގައެވެ.
