ރޭ އިރާކޮޅުން ފެށިގެން ގުުގުރުމާއެކު އަންނަމުން ދިޔަ ވިދުވަރުގެ ތެރޭގައި ހުުމާލެ ފޭސް 1 ގެ އިމާރާތަކަށް ހޮނުއަޅައި ގެއްލުންތަކެއް ވެއްޖެއެވެ.
ރޭ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމުގެ މައްސަލަތައްވެސް ދިމާވެފައި ވެއެވެ.
"ދަ ޕްރެސް" އަށް ލިބިފައިވާ މައުލޫމާތުން ރޭ ހޮނުއެޅުމުގެ ހާދިސާ ހިނގާފައި ވަނީ، ފުލުހުންގެ ފްލެޓްތައް ކުރިމަތިން އޮންނަ ހުސްބިން ހުރަސްކޮށް އިރަށް ހުންނަ އިމާރާތްތަކުގެ ތެރެއިން އިމާރަތަށެވެ.
ހޮނުއެޅި މަންޒަރުގެ ވީޑިއޯ "ދަ ޕްރެސް" އަށް ލިބިފައިވާއިރު، މަންޒަރު ދުށް ފަރާތަކުން ބުނެފައި ވަނީ، ހޮނުއެޅީ ބާރު އަޑުފައްގަނޑަކާއެކު ކަމަށާއި އިމާރާތުގައި ޖެހުމާއެކު އަލިފާންކަނިތަކެއް ބުރައިގެން ދިޔަ ކަމަށެވެ. އަދި ބެލެވޭގޮތުން އިމާރާތަށް ވެސް ގެއްލުންތަކެއް ލިބިފައި ވާކަމަށް ބުނެފައި ވެއެވެ.
އެގޮތުން ހޮނު އަމާޒުވި ދިމާއިން އިމާރާތުގެ ޓެރަސްއާ ހަމައިން ކޮންކްރީޓް ގާކޮޅުތަކެއް ބުރައިގެން ދިޔަ ކަމަށް މަންޒަރު ދުށް ފަރާތުން ބުނެފައި ވެއެވެ.
ހޮނުއެޅުމުގެ އިތުރު ހާދިސާއެއް ހުޅުމާލެ ފޭސް 2 އާ ދާދި ކައިރީގައިވެސް ހިނގާފައި ވެއެވެ. އެ ހޮނުގެ މަންޒަރުތައް ފޮޓޯގްރާފަރުންނާއި އާންމުންގެ ބައެއް މީހުން ނަގާފައި ވާއިރު ހޮނުދަނޑި ފައިބާފައި ހުރީ ހުޅުމާލެ ފޭސް 2 އާ ދާދި ގާތުން މޫދަށެވެ.
ހޮނުދަނޑީގެ އަލުކަމުން މުޅި ސަރަހައްދު އެކުގައި ދިއްލިގެން ގޮސްފައި ހުއްޓެވެ.
މި ދެހާދިސާފައި ވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ރޭ ގުގުރުމާއެކު ވިދަން ފެށީ، ފާއިތުވި މަހެއްހާ ދުވަހު މާލެ ސަަހައްދަށް ވާރޭ ނުވެހި ހޫނުމިން މައްޗަށް ގޮސްފައި އޮތުމަށް ފަހުގައެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނެފައި ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރޭ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރުނު ކަމަށެވެ.
