ސައުދި އަރަބިއްޔާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އާސިމް އަލް ހަކީމް ރާއްޖެވަޑައިގެންފިއެވެ.

މޯލްޑިވްސް ޓްރެވެލް ކްލަބުން ބުނީ ޝެއިހް އާސިމް ރާއްޖެ ކުރައްވާ މި ދަތުރަކީ ދަތުރުވެރިޔާ އުމްރާ ގުރޫޕުގެ ދައުވަތަކަށް ކުރައްވާ ދަތުރެއްކަމަށާއި، މި ދަތުރުގައި ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ ކައުންސިލާ ގުޅިގެން ދަރުސްތަކެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މެއި މަހުގެ 4 ގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުގެ މަގްސަދަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުން ކަމަށް ދަތުރުވެރިޔާ އުމްރާ ގުރޫޕުން މައުލޫމާތުދެއެވެ.

މި ދަތުރުގައި ޝެއިހް އާސިމް ދަރުސްދެއްވަން ހަމަޖެހިފައިވަނީ:

  • ކުޅުދުއްފުށި ސިޓީ
  • މާލެ ސިޓީ
  • އައްޑޫ ސިޓީ
  • ފުވައްމުލަކު ސިޓީ
  • ތިނަދޫ ސިޓީ

ދަތުރުވެރިޔާ އުމްރާ ގުރޫޕުން ވަނީ ކޮންމެ ދަރުހަކަށްފަހު 15 މިނަޓު ސުވާލަށް ޖަވާބުދިނުމަށް ހާއްސަކޮށްފައިވާކަން ފާހަގަކޮށް އައްޑޫގައި މީޓް އެންޑް ގްރީޓް ސެޝަނެއްވެސް ކުރިއަށްދާނެ ކަމަށް މައުލޫމާތު ދީފައެވެ.

މީގެއިތުރުން ދަތުރުވެރިޔާ އުމްރާ ގުރޫޕުން ވަނީ މިކަމުގައި ސިޓީ ކައުންސިލްތަކުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި މިއީ އާންމުންނަށް ހުޅުވާލެވިގެން ކުރިއަށްދާ ދަރުސްތަކެއްކަމުން ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ގުރޫޕުގެ ފަރާތުން ވަނީ އެދިފައެވެ.

ފާހަގަކުރެވޭ ގޮތުގައި މިއީ އުމްރާ ގުރޫޕެއްގެ ދައުވަތަކަށް ރާއްޖެއިން ބޭރުގެ ދީނީ އިލްމުވެރިޔަކު ރާއްޖެ ވަޑައިގެން މިހާ ފުޅާކޮށް ދަރުސްތަކެއް ބާއްވާ ފުރަތަމަ ފަހަރެވެ.