ނަފްސާނީ ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް ހާއްސަކޮށް ރާއްޖޭގައި ގާއިމް ކުރާ މެންޓަލް ހެލްތް ހޮސްޕިޓަލަށް ބޭނުންވާ ފަންޑް ދައުލަތުގެ ބަޖެޓުގެ ހަމަޖައްސަން ނިންމާފައިވާ ކަމަށާއި އެ ހޮސްޕިޓަލް އަޅާނީ މާލެ ސަރަހައްދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް ރާއްޖޭގައި މެންޓަލް ހެލްތް ހޮސްޕިޓަލެއް ގާއިމް ކުރުމަށް ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރަމުންދާ މަސައްކަތާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެގޮތުން ބޭރުގެ ލޯންގެ އެހީގެ ދަށުން ކުރިން މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އެފަދަ ލޯނެއް ހަމަޖެހިގެން ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ވަގުތު ހޭދަވާނެ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
މި ވަގުތަކީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު އެހީއެއް ބޭނުންވާ ފަދަ ދުވަސްވަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މެންޓަލް ހެލްތް ހޮސްޕިޓަލް އެޅުމުގެ ކަންކަން ދައުލަތުގެ ބަޖެޓުގެ ދަށުން ކުރަން ނިންމާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލް އަޅާނީ މާލެ ސަރަހައްދުގައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މިގޮތަށް ނިންމީ މިފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނާއި ކުދިން އެންމެ ގިނައީ ވެސް މި ސަރަހައްދުގައި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
މާލެ ސަރަހައްދުގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަން ހާމަކުރެއްވި އިރު ކުރިން މެންޓަލް ހޮސްޕިޓަލް އަޅަން ނިންމާފައި ވަނީ ލާމު އަތޮޅުގައެވެ. ރައީސް ވިދާޅުވީ މާލޭގައި ދައުލަތުގެ ބަޖެޓުން ހޮސްޕިޓަލެއް އަޅަން ނިންމި ނަމަވެސް ލާމުގައި އަޅަން ނިންމި ހޮސްޕިޓަލުގެ މަޝްރޫއަށް ބަދަލެއް ގެންނަނ އަދި ނިންމާފައި ނުވާ ކަމަށެވެ. އެ ހޮސްޕިޓަލް އެޅުމަށް ބޭރުގެ އެހީ ލިބިއްޖެ ނަމަ އެ ފައިސާއިން ހޮސްޕިޓަލު އަޅާނެ ކަމަށާއި ނުވަތަ ސިއްހީ ދާއިރާގެ އެހެނިހެން ކަންކަމަށް ހޭދަކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. އެކަމުގައި އަދި ސީދާ ބޭނުންވާ ފިޔަވަޅެއް އަޅާނީ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ނަފްސާނީ ބަލިތަކަށް އާސަންދައިން ފަރުވާ ދޭން ފެށި ފަހުން މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވަނީ ނަފްސާނީ ބަލިތައް އިތުރުވަމުންދާ ދިއުން ފެނި މިކަމަށް އެހީތެރިކަން ބޭނުވާ މިންވަރު ދެނެގަނެ އެކަމަށް ފިޔަވަޅުތައް އެޅުން މުހިއްމު ކަން ފާހަގަކުރައްވާފައެވެ. ނަފްސާނީ ބަލިތަކަށް އާސަންދަ ސްކީމްގެ ދަށުން ފަރުވާ ދެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.
ރައީސް ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް 10،954 ފަރާތަކަށް މެންޓަލް ހެލްޓް ދާއިރާއިން ސައިކޭޓްރިކް ކޮންސަލްޓޭޝަން ހިދުމަތާއި ސައިކޮލޮޖިކަލް ތެރަޕީ ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 8125 ފަރާތަކުން މި ހިދުމަތް ހޯދާފައި ކަން ރައީސް ފާހަގަކުރެއްވިއެވެ.
