މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އަށް މަސްކިރުވި 42 ދޯންޏަކަށް ދޭންޖެހޭ 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ކުންފުނިން ދޫކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ މަސް ދޯނިފަހަރުގެ މަސްކިރުވި ރިޕޯޓުތަކަށް ބަލާއިރު، މި ފައިސާއަކީ މި މަހުގެ 16 ވަނަ ދުވަހު އެ ކުންފުންޏަށް މަސްކިރުވި ދޯނިތަކަށް ދޫކުރި ފައިސާއެވެ. މި ފައިސާ ދޯނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ވަނީ މިއަދުއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަމަސް ކިރުވި ދޯނިތަކަށެވެ. އެގޮތުން ކަޅުބިލަމަސް ކިރުވި 41 ދޯންޏަކަށް 2,614,158.00 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކަންނެލީގެ މަސްވެރިކަމަށް ބަލާ އިރު، ދެ ގިންތިއަކުން ވަނީ ފައިސާ ދޫކޮށްފައެވެ. 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 3 ދޯންޏަކަށް 3,280.00 ރުފިޔާ ދޫކޮށްފައިވާ އިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 3 ދޯންޏަކަށް 20,275.00 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި މި ފަހަރު ޖުމުލަ 42 ދޯންޏަކަށް ފައިސާ ދޫކޮށްފައި ވެއެވެ. އެ ހުރިހާ ދޯންޏަކަށް ދޫކުރި ފައިސާގެ ޖުމުލަ އަދަދަކީ 2,637,713.00 ރުފިޔާއެވެ. މިއީ މި މަހު އެންމެ ގިނައިން ފައިސާ ދޫކުރި ފަހަރުވެސް މެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީހާވެސް އަވަހަށް އަދި ގަވާއިދުން ދޫކުރުމަށްޓަކައި ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. މިގޮތުން މަސްވެރިން ކިރުވާ މަހަށް ދޭންޖެހޭ ފައިސާ ނުދެވި ގިނަ ދުވަސްވިޔަ ނުދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މި މަސައްކަތްތަކުގެ ދަށުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ޖުމްލަ އަދަދު ވަނީ 88.8 މިލިއަން ރުފިޔާއަށް އަރާފައެވެ.