އުރީދޫ މޯލްޑިވްސް އިން ފިކްސްޑް ބްރޯޑްބޭންޑްގެ ދާއިރާގައި އެ ކުންފުނި ހޯދަމުން އަންނަ ކުރިއެރުން ދަމަހައްޓައި، އެ ކުންފުނީގެ ސުޕަނެޓް ހިދުމަތަކީ ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކްގެ ގޮތުގައި ކަނޑައަޅައި އޫކްލާ ސްޕީޑްޓެސްޓިން އިން އުރީދުއަށް އެވޯޑު ދީފިއެވެ.
މިއީ އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު އިންޓަނެޓްގެ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ހެއްކެއްކަން ފާހަގަކޮށް އުރީދޫ އިން ބުނީ ޑިޖިޓަލް ގުޅުމަކީ ދިރިއުޅުމުގެ ކޮންމެހެން ބޭނުންތެރި ބަޔަކަށް ވެފައިވާއިރު، އެ ކުންފުނިން އަމާޒު ހިފާފައިވަނީ ކަސްޓަމަރުންގެ ދުވަހުގެ މަސައްކަތްތަކަށް އެހީތެރިވެދޭނެ ނެޓްވޯކެއް ބިނާކުރުމަށް ކަމަށެވެ. ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކާއި، އޮންލައިންކޮށް ކިޔަވާ ދަރިވަރުންނާއި، ގޭމް ކުޅޭ ފަރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހޯދާ އާއިލާތަކަށް ވެސް ސުޕަނެޓް މެދުވެރިކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަކަަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ނެޓްވޯކެއްގެ ފެންވަރު ކަނޑައެޅުމުގައި އެންމެ މުހިންމީ ހިދުމަތުގެ ދެމެހެއްޓެނިވި ކަމާއި އިތުބާރު ކަމަށެވެ.
“ހިދުމަތުގެ ދެމެހެއްޓެނިވި ކަމާއި އިތުބާރަކީ ނެޓްވޯކެއްގެ ފެންވަރު ދައްކުވައިދޭ އެންމެ މުހިންމު ސިފައެއް. އަޅުގަނޑުމެންގެ އަމާޒަކީ މަސައްކަތާއި ތައުލީމުން ފެށިގެން ގޭމިން އަދި މުނިފޫހިފިލުވުމުގެ ކަންކަމާ ހަމައަށް ކަސްޓަމަރުންނަށް ފުރިހަމައަށް ބަރޯސާވެވޭނެ ނެޓްވޯކެއް ފޯރުކޮށްދިނުން،”މީގެ އިތުރުން އޭނާ ވިދާޅުވީ، މި ލިބުނު ފަހުރުވެރި ކާމިޔާބީއަކީ ކަސްޓަމަރުންގެ އިތުބާރާއި ވަފާތެރިކަމުގެ ނަތީޖާއެއް ކަމަށެވެ.
ސުޕަނެޓް ތަރައްގީކޮށްފައިވަނީ ޑިޖިޓަލް މުޖުތަމައެއްގެ ބޭނުންތަކަށް ފެތޭގޮތަށް، އިންފްރާސްޓްރަކްޗާއަށް ކުރަމުން އަންނަ އިންވެސްޓްމަންޓްތަކާއި ނެޓްވޯކް އޮޕްޓިމައިޒޭޝަންގެ ސަބަބުން ހަލުވި އަދި ހަމަޖެހޭ ހިދުމަތެއް ފޯރުކޮށްދޭ ގޮތަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތް ފޯރުކޮށްދިނުމަކީ އީޖާދީ މަސައްކަތްތަކާއި ހިތްވަރެއް ބޭނުންވާ ކަމަކަށްވާއިރު، އުރީދޫ މޯލްޑިވްސްގެ ނެޓްވޯކް ސްޓްރެޓެޖީ ބިނާވެފައިވަނީ މި ކަންކަމުގެ މައްޗަށްކަން އެ ކުންފުނިން ވަނީ ބުނެފައެވެ.
ގައުމު ޑިޖިޓަލް ގޮތުން އިތުރަށް ގުޅިފައިވާ މުސްތަގުބަލަކާ ދިމާލަށް ދަތުރުކުރަމުންދާއިރު، އުރީދޫ މޯލްޑިވްސްއިން ދަނީ ނެޓްވޯކްގެ ގާބިލުކަން އިތުރުކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް އަދި މުޖުތަމައުތަކަށް ބޭނުންވާ ފަދަ ހައްލުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ސުޕަނެޓް މެދުވެރިކޮށް، ރާއްޖޭގެ ފިކްސްޑް ބްރޯޑްބޭންޑްގެ މިންގަނޑުތައް އެ ކުންފުނިން ދަނީ ކަނޑައަޅަމުންނެވެ. އެގޮތުން، ކަސްޓަމަރުންނަށް އެންމެ މުހިންމު ކަންކަމާ ގުޅިފައި ތިބުމުގެ ފުރުސަތު އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.
