ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އިބްރާހިމް ނިޝާން އަހުމަދު މިއަދު ހަމަޖައްސަވައިފިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމާ ގުޅޭ މައި އިދާރާގެ އެންމެ އިސްވެރިޔާގެ މަގާމު ހުސްވީ، އެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި މައިމޫނާ އަބޫބަކުރު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. އެހެންކަމުން، ސިވިލް ސާވިސް ކޮމިޝަނުން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އައިޖީއެމްއެޗްގެ ބައެއް ޑޮކްޓަރުންވެސް ކުރިމަތިލެއްވިއެވެ. ނަމަވެސް، އެންމެ މަތިން މާކްސް ހޯއްދަވައިގެން މި މަގާމަށް އައްޔަންކުރެވުނީ، މީގެ ކުރިން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދެވި ނިޝާނެވެ.

ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ނިޝާން ވަނީ އާންމު ސިއްހަތުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައެވެ. ހާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެޗްޕީއޭއިން ކުރިއަށްގެންދިޔަ މަސައްކަތްތަކުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި، އާންމު ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުން ހިމެނެއެވެ. މީގެ އިތުރުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކާ ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުމަކީވެސް މި މަގާމުގެ މަސްއޫލިއްޔަތެކެވެ.

މި މަގާމުގެ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 21،884 ރުފިޔާ ލިބޭނެއެވެ. އަދި އެލަވަންސްގެ ގޮތުގައި 12،534 ރުފިޔާއާއި ހާޒިރީ އެލަވަންސްގެ ގޮތުގައި ދުވާލަކަށް 339 ރުފިޔާއާއެކު، މަހެއްގެ މައްޗަށް ޖުމްލަ 41،876 ރުފިޔާ ލިބޭނެއެވެ.