ރާއްޖެއަށް ކުރިއަށް އޮތް ތަނުގައި ޕެޓްރޯލާއި ޑީސަލް ޝިޕްމަންޓްތައް އަންނާނެ ތާރީހުތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވަނީ، ތެލުގެ ބާވަތްތައް މެދުކެނޑުމެއްނެތި ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
އެގޮތުން ވަޒީރު ސައީދު ވިދާޅުވީ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މައުލޫމާތު ދީފައިވާ ގޮތުގެ މަތިން، ރާއްޖެއަށް ޕެޓްރޯލް ޝިޕްމަންޓްތައް އަންނާނީ އޭޕްރީލް 20، މޭ 8، މޭ 26 އަދި ޖޫން 14 ގައިކަމަށެވެ. މީގެ އިތުރުން، ޑީސަލް ޝިޕްމަންޓްތައް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 17، އޭޕްރީލް 30، މޭ 7 އަދި މޭ 15 ގައިކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.
މި ތާރީހުތަކުގައި ތެޔޮ ލިބުމުން، ރާއްޖޭގެ ބާޒާރުގައި ތެލުގެ ދަތިކަމެއް ކުރިމަތިނުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.
ދުނިޔޭގެ އިގުތިސާދީ އަދި ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، ހާއްސަކޮށް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުދާ އެތެރެކުރުމުގައި ބައިނަލްއަގުވާމީ ގޮތުން ގޮންޖެހުންތަކެއް ހުރިކަން ސަރުކާރުން ޤަބޫލުކުރެއެވެ. ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ތަކެތި މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތެވެ. އެގޮތުން، ކާބޯތަކެއްޗާއި ތެލުގެ ބާވަތްތައް އެތެރެކުރުމުގައި ދަތިތަކެއް ދިމާނުވާނެހެން ދުރާލާ ފިޔަވަޅުތައް އަޅަމުންދާކަމަށާއި، އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ތެޔޮ ރައްކާކުރެވިފައި ހުންނާނެކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.
