ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވަން، ކަނޑައަޅުއްވާފައިވާ އުސޫލުގެ މަތިން، އެކަން ގަވާއިދުން ކުރިޔަށްދާނެކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ، ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓު ނިމުމާއެކު ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވީ ވައުދުފުޅާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައިވަނި ކޮށެވެ.

މިއަދު ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން މާޗް 1، 2026 ން ފެށިގެން ކަނޑައަޅުއްވާފައިވާ އުސޫލުގެ މަތިން ގަވާއިދުން އެކަން ކުރިއަށް ދާނެކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ނޫސްވެރިންނާ ބައްދަލުކުރެއްވުން ކުރިއަށް ގެންދަވާނެ ގޮތާބެހޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅު ހީނާ ވަނީ ހިއްސާކުރައްވާފައެވެ.

"މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން. ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން." ރައީސް ދެއްކެވި ވާހަކަފުޅު ހީނާވަނީ މި ޕޯސްޓުގައި ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ހީނާ ވަނީ ކުރިއަށް އޮތް ހަފުތާތަކުގައިވެސް މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރެވޭ ގޮތް ހިއްސާކުރަމުން ގެންދާނެކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް މާޗު 2، 23، އަދި 30 ވަނަ ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި މާޗު 9، 16 މި ދެ ދުވަހު ބާއްވަންޖެހޭ ބައްދަލުވުން ނުބޭއްވުނީ ސަރުކާރު ބަންދު ދުވަސްތައް އެ ދެމެދަށް ވަނުމުންނެވެ. މީގެ އިތުރުން އެޕްރީލް 4 ގެ ސްވެރިންގެ ބައްދަލުވުން ނުބޭއްވުނީ އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ.