ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ސިއްހީ ފުރަތަމަ އެހީގެ ހާއްސަ ތަމްރީނު ޕްރޮގްރާމެއް މިއަދު އިފްތިތާޙުކޮށްފިއެވެ.

މާލޭގައި ހުންނަ ސައިރިކްސް ކޮލެޖުގައި މިއަދު ފެށި މި ތަމްރީނު ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ގިނަ ބަޔަކު ބަރޯސާވާ ދާއިރާއަކަށް ވާއިރު ރާއްޖޭގެ ޖަޒީރާވަންތަ ސިފަތަކުގެ ސަބަބުން ކުއްލި ހާލަތްތަކުގައި ފުރަތަމަ އެހީ ފޯރުކޮށްދޭނެ މީހުން ބިނާކުރުމަކީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދެވެ. ހާއްސަކޮށް ރިސޯޓުތަކާއި ގެސްޓްހައުސްތަކަކީ މައި ހޮސްޕިޓަލްތަކާ ދުރުގައި ހުންނަ ތަންތަނަށް ވުމުން މޫދު ކުޅިވަރުތަކާއި ފީނުމުގެ ތެރޭގައި ދިމާވާ ހާދިސާތަކުގައި މިފަދަ ތަމްރީނުތަކުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ޖުމްލަ 23 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެންވާރަމެންޓް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 130 މީހުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ހަމައެކަނި އެއްފަހަރު ހިންގާލާ ޕްރޮގްރާމެއްގެ ބަދަލުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮގްރާމެއްކަން ފާހަގަކޮށް އެންވާރަމެންޓް މިނިސްޓްރީން ބުނީ ތަމްރީނު ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަރާތްތައް ހޮވައި، އެ ފަރާތްތަކަށް އިތުރު ތަމްރީނު ދިނުމަށް ނިންމާފައިވާކަމަށެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވީ މި ޕްރޮގްރާމްގެ އަލީގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ސިއްހީ ފުރަތަމަ އެހީ ދިނުމަށާއި ސީޕީއާރު ދިނުމަށް ތަމްރީނުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ސިއްހީ ކުއްލި ހާލަތްތަކުގައި އިޖާބަދިނުން އަވަސްވެ ފަރުވާ ބޭނުންވާ މީހާގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށްވެސް ނިޔާޒް ވަނީ ވިދާޅުވެފައެވެ.