ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއާ ކުރުމުގައި ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް ކަމާ ބެހޭ އެޖެންސީތަކާއި ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި މަހުގެ 1 ވަނަ ދުވަހު، ރާއްޖޭގެ އާންމުކޮށް އުޅޭ ހުރިހާ އިމްޕޯޓް ކުރާ ފަރާތްތަކާއެކު ސަރުކާރުން ބައްދަލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ގިނަ އެޖެންސީތަކާއި ވިޔަފާރުވެރިންގެ އިތުރުން މުދާ އިމްޕޯޓް ކުރާ ފަރާތްތައް ބައިވެރިވެފައިވެއެވެ. އެގޮތުން އެ ފަރާތްތަކުން ވަނީ ޕޯޓް ކްލިއަރަންސް އާ ބެހޭ ދަތިތަކެއް ހުރި ކަން ފާހަގަކޮށްފައި ކަމަށާއި އެ ކަންކަމަށް ހައްލު ހޯދުމަށް އެ އެޖެންސީތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ކަމުގައި ކުރިއެރުންތަކެއް ވެސް ލިބެމުން އަންނަ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މުދާ ކްލިއާ ކުރުމުގެ ދަތިތަކެއް ދިމާވާން ފަށާފައި މިވަނީ ރާއްޖެއަށް މުދާ އެތެރެކުރުމުގެ ޓްރެފިކް އިތުރުވުމާ ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ހަމައެއާއެކު އެ ދުވަސްވަރު ރަމަޟާން މަހާ ދިމާވުމާއި ހަނގުރާމަ ފެށުމުގެ ކަންކަން ވެސް އެ ދުވަސްވަރާ ދިމާވުމުން ވެސް ހުރަސްތަކެއް ކުރިމަތިވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކޮލަމްބޯ ޕޯޓަށް ބާރުބޮޑުވުމަކީ ދިމާވި ގޮންޖެހުމެއް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އަންނަ ބޯޓުތައް ރާއްޖެއަށް އަންނަނީ ކޮލަމްބޯ ބަނދަރުގައި ޖެއްސުމަށް ފަހުގައި ކަމަށެވެ. އެހެންވީމަ ވެސް ދިމާވި ލަސްތަކެއް ވެސް އެބަހުރި ކަމަށެވެ.

މި ސަބަބުތަކާ ހުރެ ރާއްޖޭގެ އެޖެންސީތަކާ އެކު ބައްދަލުކޮށް މުދާ ލިބުމުގައި ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކޮންމެ ދުވަހަކު ރާއްޖޭގެ މާކެޓަށް ނެރޭ މުދާތަކުގެ ތެރެއިން 164 ބާވަތެއްގެ މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް މޮނިޓާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހަނގުރާމަ ފެށިތާ 39 ދުވަސް ވެފައިވާ އިރު އެއްވެސް އަސާސީ ބާވަތެއް މާކެޓުން ހުސްވިޔަ ނުދީ ފޯރުކޮށް ދެވިފައިވާ ކަން ސައީދު ފާހަގަކުރެއްވިއެވެ. އެ ގޮތުން މިހާތަނަށް ތެލާއި، ކައްކާ ގޭސް، ހަނޑޫ، ހަކުރު، ފުށް އަދި އަސާސީ ބާތުގެ ތެރޭގައި ހިމެނޭ 26 ބާވަތެއް ހުސްވިޔަ ނުދީ މެނޭޖްކުރެވުނު ކަން ސައީދު ފާހަގަ ކުރެއްވިއެވެ.