މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓު ލުން ނިމި ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ބާތިލު ވޯޓުތަކާމެދު ޒުވާބު ގިނަވެ، ބައެއް ފޮށިތަކުގެ ވޯޓުގުނުން ހުއްޓުމަކަށް އައިސްފިއެވެ.
ހަމަނުޖެހުން ހިންގާފައިވަނީ މަޖީދިއްޔާ ސުކޫލުގައި ބަހައްޓާފައި ހުރި ހެންވޭރު ހުޅަނގު 4 ނަންބަރު ފޮށީގައެވެ. މީގެއިތުރުން އިސްލާމިކް ޔުނިވަސިޓީއާއި ވިލިމާލޭގައިވެސް ދަނީ ހަމަ ނުޖެހުން ހިންގަމުންނެވެ.
ހަމަ ނުޖެހުން ހިންގާފައިވަނީ މައި ދެ ޕާޓީގެ އޮބްޒާވަރުންކަމަށްވާއިރު، އެ ފަރާތްތަކުން ދަނީ ވޯޓު ގުނުމަށް ހުރަސްއަޅާ އީސީގެ މުވައްޒަފުންނާއި ދިމާލަށް ބާރަށް ހަޅޭއްލަވާ އަޑުގަދަ ކުރަމުންނެވެ.
ހަމަނުޖެހުން ހިނގި މަރުކަޒުގައި ހުރި އޮބްޒާވަރުން ދިން މައުލޫމާތަށް ބަލާއިރު، ވޯޓު ފޮށީ ގުނަން ފެށުމަށް ވޯޓު ފޮށީ ކަނޑާފައި ގެނެސް އެޅީވެސް ވޯޓު ލާން ބޭނުން ކުރި ކަރުދާސްތަކެއް ހުރި މޭޒެއްގެ މައްޗަށެވެ.
ސައްހަ އަދި ބާތިލް ވޯޓު ވަކިކުރަމުން ދިޔަ އިރު، އީސީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ވޯޓު ކަރުދާސްކޮޅުތައް ބާތިލް ކުރަމުން ދިޔަ ކަމަށް ވެސް އޮބްޒާވަރުން ވަނީ ބުނެފައެވެ. ވޯޓު ފޮށިތަކުގައި މައްސަލަ ދިމާވެގެން އީސީގެ ލަފާ ހޯދި ކަމަށާއި އީސީން ވެސް އެ މަރުކަޒުތަކަށް ރަނގަޅު ގޮތް އެންގި ކަަމަށް މައުލޫމާތު ލިބިފައިވެއެވެ.
މަޖީދިއްޔާ ސްކޫލުގެ މަރުކަޒުގައި ވެސް ހަމަނުޖެހުން ހިނގާފައި ވަނީ އެފަދަ ގޮތަކަށް ކަމަށް މައުލޫމާތު ލިބިފައިވާއިރު، ހަމަނުޖެހުން ހިންގަން މެދުވެރިވި ސަބަބކީ އެ މަރުކަޒުގެ ވެރިޔާ ގޮތް ދޫ ނުކުރާތީ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ މަޖީދިއްޔާ ސްކޫލްގައި ބަަހަައްްޓާާފަައިިވާާ ވޯޓުފޮށްޓެއްގެ ސައްހަ، ބާތިލް ގުނުމުގެ މައްސަލައެއް ދިމާވެގެން އުޅޭތީ އެ މައްސަލަ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.
