މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓު ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވޯޓު ލައްވައިފިއެވެ.
ރައީސް ނަޝީދު ވޯޓުލައްވާފައި ވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.
ވޯޓުލުމަށްފަހު މީޑިއާ އާއި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވޯޓު ލުން ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހިންގުނު ކެމްޕެއިން ވަރަށް ސުލްހަވެރިކަމާ ވަރަށް ޖޯޝާއެކު ހުރިހާ ޕާޓީތަކުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިއަދު ކުރިއަށްދާ ވޯޓުގައި ބައިވެރިވެ ވޯޓު ދިނުމަކީ ހުރިހާ ބޭފުޅުންގެވެސް މަސްއޫލިއްޔަތަކާއި ވާޖިބެއްކަމަށާއި، މިހެންކަމުން ހުރިހާ ބޭފުޅުންވެސް ވޯޓުލާން ދިއުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
މިއަދު ކުރިއަށްދާ އިންތިހާބު ތަކުގެ ވޯޓުލުން ހެނދުނު 8 ޖަހާއިރުން ފެށިގެން ކުރިއަށްދާއިރު މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އަށެވެ.
މިއަދުގެ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މެޑަމް ސާޖިދާގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހް ވެސް ވަނީ ވޯޓު ލައްވާފައެވެ.
މިއަދުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 2961 ކެންޑިޑޭޓުން ޖުމްލަކޮށް ވާދަކުރެއެވެ.
މި އިންތިހާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި، 144،506 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެތެރެއިން 241 ވޯޓު ފޮށި ގްރޭޓާ މާލެ ސަރަހައްދުގައި ބަހައްޓާފައިވާއިރު، 180 ވޯޓު ފޮށި މާލޭގައި ވަނީ ބަހައްޓާފައެވެ.
