ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ރިފަރެންޑަމް ވޯޓު ނަގައިގެން ނުވާނެ ކަން ކަނޑައަޅާނެ ގާނޫނީ އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރާ ގުޅިގެން ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހްމަދު އީސާ ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން މިއަދު މެންދުރު ފަހު 1:00 ގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ އަޑުއެހުމުގައި ސުޕްރީމް ކޯޓުން ނިންމީ، ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ރިފަރެންޑަމްގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގައި އެ ވޯޓު ނެގުން ހުއްޓުވުމަށް އެދިފައިވާ އިރު ވޯޓު ނަގައިގެން ނުވާނެ ކަން ކަނޑައަޅާނެ ގާނޫނީއަސާސެއް ނެތް ކަމަށް ބެންޗުގައި ތިބި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހްމަދު އީސާ ހުށަހެޅުއްވި މި ދުސްތޫރީ މައްސަލައިގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ރިފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށެވެ. މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި، މަޖިލީހުގެ އުމުރު ބަދަލުކުރާނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުން ގާނޫނުއަސާސީން ލާޒިމުކުރެއެވެ. އެހެންކަމުން، ރިފަރެންޑަމްގައި ކުރާ ސުވާލަކީ މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ކުރާ ސުވާލަކަށް ވާންޖެހޭނެ ކަމަށް އެ ފަރާތުން ވަކާލާތު ކުރެއެވެ.
ނަމަވެސް، ދައުލަތުގެ ވަކީލުން ޝަރީއަތުގައި ވިދާޅުވެފައިވަނީ ރިފަރެންޑަމްގެ ސުވާލު ފަރުމާކުރަންޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އެ ސުވާލު އިބާރާތްކުރުމުގެ އިހުތިޔާރު ގާނޫނުން ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، އެކަން ކުރާނެ އިޖުރާއަތްތައް "ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ގާނޫނު" ގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފްތާގައި ވަނީ ނިންމާލާފައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުޙައްމަދެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
