ރިކޯލް ވޯޓުގެ ނިޒާމަކުން، ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުން ވަކިކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެސްޕްރެސޯ ވިތު ރައީސްގެ ނަމުގައި ރޭ ޒުވާނުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މެންބަރުންގެ މަސައްކަތާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ނުވަތަ އިތުބާރު ގެެއްލޭ ފަދަ ހާލަތަަކަށް ހިނގައްޖެ ނަމަ މަޖިލީހާއި ކައުންސިލުގެ ދައުރުގެ ތެރޭގައި ރިކޯލު ވޯޓު ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ގާނޫނަށް ގެންނަ މި އިސްލާހާއެކު، މަޖިލިސް ނުވަތަ ކައުންސިލް މެމްބަރުންގެ ޕާފޯމަންސް ދަށްވެ ނުވަތަ އިތުބާރު ގެއްލިއްޖެ ނަމަ ރައްޔިތުން ސޮއިކޮށްގެން ފެޓިޝަނެއް ހުށަހެޅޭނެކަމަށާއި ވަކި އިންސައްތައެއްގެ ވޯޓު ހަމަ ކޮށްގެން މަގާމުން ދުރުކުރުވޭނެ ކަމަށެވެ. އަދި އޭރުން ކައުންސިލާއި މަޖިލިސް ވެސް ކުރިއަށްދާނީ ހަމަހަމަކަމާ އެކު ޖަވާބުދާރީކުރުވޭނެ އުސޫލަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި އިސްލާހު ހުށަހަޅާނެ ގޮތަކީ، ވޯޓުލުމުގެ ހައްގު އޮންނަ މީހުންގެ ދެބައިކުޅަ ވޯޓުން ވަކި ކުރެވޭ ގޮތަށް ކަމަށާއި އެންމެ އިންސާފުވެރި ގޮތަކީ ރައްޔިތުންނަށް ބާރުވެރިކަން ދިނުންކަމަށް ގަބޫލު ކުރާކަމަށެވެ.
ގާނޫނުއަސާސީއަށް ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތަފްސީލުތައް ހާމަކުރައްވަމުން، މިދިޔަ 2025 ވަނަ އަހަރުގެ މެއި މަހުވެސް ރައީސް ވަނީ މި ވާހަކަ ވިދާޅުވެފައެވެ. އޭރު ރައީސް ވިދާޅުވީ މަޖިލިސް މެމްބަރުންނާއި ކައުންސިލްތަކާއި ރައީސްގެ މަގާމު ވެސް ހިމެނޭހެން އެ ބޭފުޅަކު އިންތިހާބުވި ބައެއްގެ މެދުގައި ރިކޯލް ވޯޓެއް ނަގައިގެން ވަކިކުރެވޭނެ ނިޒާމެއް ގާއިމުކުރަނީ ރައްޔިތުންނަށް އެ މީހުންގެ ބާރުތައް ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
