"ހާދަ ވަގަށް... ކޮން ޖަރީމާއެއް ހިންގަން ތިއުޅެނީ..." ވައި އަޑުން ޟީރާރު ބުނި ބަސްތަކުން ނައުރީންއަށް އުނދަގޫތަކެއް ކުރިއެވެ. އަނގައިން ބަހެއް ނުބުނެ ޟިރާރުގެ އަތްދަށުން ސަލާމަތްވެގެން ދާން ނައުރީން ހިނގައިގަތީ ދޮރާ ދިމާއަށެވެ.
"އޭ... ކޮންތާކަށްތަ ތިދަނީ.. މަދެކުނިން ކަލޭ އެފޮތް ފޮރުވިތަން... ބުނޭ ކިހިނެއްވީ؟.. މަށަށް އެހީއެއް ވެވިދާނޭ.." ނައުރީންގެ ފިޔަވަޅު މަޑުޖެހުނީ އޭނާގެ އަތުގެ ކުޑަހުޅާ ހިސާބުގައި ޟިރާރު ހިފެހެއްޓުމުންނެވެ. ވާގިނެތި ބަޅުވެފައިވާ ޟިރާރުގެ އަތް ރަނގަޅުވެފައި ހުރި ތަން ފެނުމުން ނައުރީން ދެލޯ ބޮޑުކޮށްލިއެވެ. އެވާހަކަ ނުދައްކާ އޭނާ ބެނުންވީ އިބްޒީމާއަށް ނުފެނި އެތަނުން ދާށެވެ.
"ހެޔޮނުވާނެ.. މަންމަ ގާތު އަހަރެން މިތަނަށް އައި ވާހަކަ ނުބުނާތި.. އަހަރެން ބަސްޓު ވެއްޖިއްޔާ މަ ރޮލާ ހަފާ ކާނެ... ހެޔޮނުވާނެ... މިކަން ސިއްރުކޮށްދީ.. އޭނާ ފެންވަރައިގެން އައިސް ދާނެ... އައުމުގެ ކުރިން އަހަރެން މިތަނުން ދިޔަދީ.. ފަހުން ހުރިހާ ވާހަކައެއް އަހަރެން ކިޔައިދޭނަން..." އާދޭހުން ފުރިގެންވާ ރާގަކަށް ވާހަކަ ދައްކަމުން ދިޔަ ނައުރީނަށް ބެލެމުން ދިޔައީ އެ ކޮޓަރިން ނުކުމެވެން ހުރި ދޮރާ ދިމާއަށެވެ.
ޟީރާރު ނަޒަރު ހިންގާލީ އެ ކޮޓަރީގައި ހުރި ކުޑަދޮރާ ދިމާއަށެވެ. ހުޅުވިފައިވާ ކުޑަދޮރުގެ ބޭރުން ފެންނަމުން ދިޔައީ އެގޭގައިވާ ގިފިލީގެ ދޮރެވެ. އިބްޒީމާ ނިކުންނަން ވާއިރަށް ނައުރީން ފޮނުވާލަން ޟިރާރު ހިތުގައި އޮތް ނަމަވެސް އޭނާގެ ޝަހުވާނީ އެދުމުގެ ބާރު ސިކުނޑިއަށް ގަދަކޮށްފިއެވެ. ނައުރީން އޭރުވެސް މަސައްކަތް ކުރަމުން ދިޔައީ ޟިރާރުގެ އަތުން އޭނާގެ އަތް މިންޖުވޭތޯއެވެ. އެކި ގޮތްގޮތަށް އޭނާ އާދޭސް ކުރަމުންގޮސް ނައުރީނަށް ބުނެވުނު އެންމެ ޖުމްލައަކުން ޟިރާރުގެ ހިއްސުތައް ހޭލައްވާލައިފިއެވެ. "ހެޔޮނުވާނެ.. އަހަރެން ޟިރާރު ބުނި ކޮންމެ ކަމެއްވެސް ކޮށްދީފާނަން.... މަ ދޫކޮށްލާ.. މިކަންތައް ސިއްރުކޮށްދީ..."
ޟިރާރުގެ މޫނުމަތިން ފާޅުވި ނުބައި ހިނިތުންވުން ނުފެނުނަސް ނައުރީނާ ކުރިމަތިލާން ޟިރާރު އެނބުރުނުކަން އެނގުމުން އޭނާގެ ހިތަށް ލުއިކަމެއް ލިބުނެވެ. "މައްސަލައެއް ނެތް ހުރިހާ ކަމެއް ސިއްރުކޮށްދީފާނަން... އެންމެ ޝަރުތެއް..." ޟިރާރުގެ އަނގައިން ބޭރުވީ ނައުރީން ބޭނުންވި ކަހަލަ ޖަވާބެކެވެ. ނަމަވެސް މިވަގުތު އޭނާއަށް ކުރިމަތިވާން އެއުޅެނީ ކިހާވަރެއްގެ ކަމެއްކަން އޭނާއަކަށް ނޭނގެއެވެ. ބޯޖަހާލަމުން ނައުރީން އާނއެކޭ ބުނީ އެތަނުން ސަލާމަތްވެގެން އޭނާ ދާން ބޭނުންވެފައި ހުރި ލެއް ބޮޑުކަމުންނެވެ.
ޟިރާރު ކުރިއަށް ޖެހިލީ އޭނާ ލައިގެން ހުރި ފަޓުލޫނުގެ ޒިބު ކަހާލަމުންނެވެ. އެއަށްފަހު ނައުރީންގެ އަތް ގެނެސް އޭނާގެ ފަޓުލޫނާ ގާތްކޮށްލުމުން އެބުނަނީ ކޮންކަމަކުކަން ނައުރީންއަށް ދެނެގަނެވުނެވެ. "އަވަހަށް ދާން ބޭނުމިއްޔާ އަވަސްކުރޭ.. މީގަ އޮތީ ނައުރީންގެ ކުޅަދާނަކަން..." ޟިރާރުގެ ވިހަ ބަސްތަކުން ނައުރީން ދެލޯ ކަރުނުން ތެމުނެވެ. ހިންދިރުވާލުމަށްފަހު ނައުރީން އެހުރި ތަނަށް ކަކޫ ޖަހާ ތިރިވިއެވެ. ހަމަ އެވަގުތު ޟިރާރު ކުރިއަށް ޖެހިލަމުން އިސްއުފުލާލީ ދެލޯ މަރާލަމުންނެވެ.
*** *** *** *** *** ***
އަތިރި މަގުން ހިނގާފައި ދިޔަ އަޒީމްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިބްޒީމާގެ އަނގައިން ބޭރުވީ ލަފްޒުތަކެވެ. "އާން.. އަޑުއަހާ... މަ އެކަން ކުރީ މަގޭ އަމިއްލަ ފައިދާއަށް... ސިހުރު ހެދުމުގެ ހުނަރު ލިބުނީމަ ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލް ކުރެވޭނެ.. އެކަމަކު އަލިތައްކާނު ބޭނުންވީ ބޭސްވެރިކަމަށް އެކަމުގެ އިލްމު ބޭނުންކުރަން... ޟީރާރަކީ އޭރު އަހަރެން ބޭނުންވި ކަހަލަ ވިސްނުމެއް ހުރި މީހެއް... އޭނާއަށްޓަކައި މަ އެކަން ކުރީ... އަލިތައްކާނު މަރާލީ އަހަރެން..."
ފަހު ޖުމްލަ އެއްއަޑެއްހެން އަޒީމްގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. އޭނާގެ ސިކުނޑިއަށް ރަނގަޅަށް އެއްކަމެއް ވެސް ނުވިސްނެއެވެ. ބޮޑު ސުވާލުމާކެއް ޖެހިފައި ހުރި އަޒީމްގެ ލޯމައްޗަށް ސިފަވަމުން ދިޔައީ އޭނާގެ މަންމަގެ ވޭނީ ރުއިމެވެ. އަލިތައްކާނު އެ ހާދިސާގައި އަނދައިގެން ދިއުމުން އެކަމާ ހިތްދަތިވެ އިބްޒީމާ ކުރި ހިތާމައެވެ. ނުކައި ނުބޮއެ އޭނާ އުޅުނު ހާލެވެ. އެދުވަސްވަރު އޭނާއަށް އޭނާގެ މަންމަގެ ހާލުފެނި ނުނިދޭ ކިތައްރޭ ދިޔަހެއްޔެވެ.ހިޔާލަކަށް ގެއްލިފައި ހުރެ ހިންގަމުން ދިޔަ އަޒީމްގެ ސިކުނޑި ވަށާލާފައި ވަނީ މާޒީގެ އެތައް ކުރެހުންތަކެކެވެ. އެ ދުވަސްތައް ހަނދާންވަމުން ދިޔަ ވަރަކަށް އިބްޒީމާ ދެއްކި ވާހަކައާ އެކަމާ ނުގުޅޭކަން އޭނާއަށް ވިސްނުނެވެ.
މިސްރާބެއް ނެތް އޮޑިއެއް ފަދައިން އަޒީމްގެ މަންޒިލް ހުރީ ކޮން ދިމާއަކަށް ކަން ޚުދު އޭނާއަކަށްވެސް ނޭނގުނެވެ. ހަމަހޭވެރިކަމެއް ލިބުނީ ގަސްތަކުގެ ތެރެއިން ބުޅަލެއް ހޭރިގެން އަޑު ކަންފަތުގައި ޖެހުމުންނެވެ. އޭނާއަށް ހުރެވުނު ތަނާ ދޭތެރޭ ވިސްނާލެވުނީ އެވަގުތެވެ. އެއީ އެރަށު މީހުން ނާންނަ ހިސާބެކެވެ. އެއީ އަޒީމްގެ ބައްޕަ ނިޔާވި ޖިފްޓިގެ ހުރި ހިސާބެވެ. އަޒީމްއަށް ބަލާލެވުނީ އެއްގަމާ ދިމާއަށެވެ. އެ ޖިފްޓިގެ ހުރި ދިމާއަށެވެ. އެތަނުގައި މިހާރުވަނީ ފަހުގެ ޒަމާނީ ގޮތަކަށް ޖިފްޓި ގެއެއް އަޅާފައެވެ. ރަށުގެ ޒުވާނުން މޫދަށް އެރި މަޖާކުރަން އަންނަ ސަރަހައްދުކަމުން އެ ދިމާލުގައި އެކަހަލަ ދެތިން ޖިފްޓިގެއާ ފަނުން ހަދާފައިވާ ކުޑަ ޒާތުގެ އެއްޗެތި ހުއްޓެވެ. އަޒީމްއާ އެންމެ ގާތުގައި ހުރި ގެއާ ދިމާއަށް އޭނާގެ ފިޔަވަޅު އަވަސްކޮށްލި ވަގުތު އެ ނާމާން ބިރުވެރިކަމުން ފުރިގެންވީ ރޭ އޭނާ އަށް ސިފަވިއެވެ. އަދިވެސް ދާދި ދެންމެ ވީ ކަމެއްހެން އެ ހާދިސާ އޭނާގެ ހިތުގައި ބިންވަޅު ނެގިފައި ވިއެވެ.
............................
ހުޅުދޫގައި އަޒީމްމެންގެ އާއިލާ ދިރިއުޅެމުން ދިޔަ ގެއަކީ އޭރު ރަށުގައި ހުރި އެންމެ ތަނަވަސް އެއް ގެއެވެ. އަޒީމްގެ ބައްޕަ އަލިތައްކާނު ބުރަކޮށް ކޮންމެވެސް މަސައްކަތެއްގައި އުޅުނު ދުވަސްވަރެކެވެ. އެދުވަހު އެގެއަށް ޟިރާރު އައިސް އަލިތައްކާނާ ވާހަކަ ދެއްކިއެވެ. އެ ވަގުތަކީ އަޒީމް ކުރަހަން ގެންގުޅުނު ފޮތް ހޯދަމުން ދިޔަ ވަގުތެކެވެ. "އުސްފަސްގަނޑު ސަރަހައްދުގައި އެމީހުން ޖިފްޓިގަނޑެއް ހަދައިފި.... ހުރިހާ ކަމެއް ނިންމޭނެ... އަހަރެންނަށް މިކަމުން ސަލާމަތް ވެވޭނެކަން ޔަގީންތަ؟..." ޟިރާރު ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑުން ކަމަކާ ހާސްވެފައި ހުރިކަން އެނގެއެވެ.
"ބައްޕާ... އަޅުގަނޑުގެ ފޮތް ނުފެނުނު... ކުރަހާ ފޮތް ކޮބާތަ؟..." ދިހަ އަހަރުގެ އަޒީމަކީ ކަންތައްތައް ހޯދާ ބަލަން ފޯރިހުންނަ ކުއްޖެކެވެ. އެހެންކަމުން އެވަގުތު އަލިތައްކާނު ގާތަށް ފޮތެކޭ ކިޔާފަ އޭނަ ދިޔައީވެސް އެބޭނުމުގައެވެ. "ދަރިފުޅާ ދޭ އެތެރެއަށް... ބައްޕަ ކޮޓަރީގަ އަޒީމްގެ ކުރަހާ ފޮތް އޮތް ...ދޭބަލަ އެ ހޯދަން... އިބްޒީމާ.. އިބްޒީމާ... ފަނިތައްޓެއް ގެނެސްދީބަލަ.. މީނީ ޟިރާރު އައިހޭ..." އަލިތައްކާނު ގޮވާލި އަޑަށް އެތެރެގެއިން އިބްޒީމާ ނިކުތެވެ. ތަބަކެއްގެ ތެރޭގައި ދެ ފަނިތަށި ބަހައްޓައިގެން އިބްޒީމާ އައި އިރު އޭނާގެ ބޮޑުވެފައިވާ ބަނޑު އަޒީމަށް ފެނުނެވެ. އޭރު އިބްޒީމާ އިނީ ވިހަން ކައިރިވެފައެވެ.
އަޒީމް އެތެރެއަށް ދިޔައީ ބައްޕަ މަސައްކަތް ކުރާ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ވަށައިގެން ބަލާލެވުނެވެ. އޭނަ ކުރަހަން ގެންގުޅޭ ފޮތް އެތާ އޮތްތޯ ބަލާލިއެވެ. އަތުގައިވާ ކުލަ ފަންސޫރުތަކުގައި ބާރަށް ހިފަހައްޓައިގެން ހުރެ މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ހުޅުވާފައިވާ ކުޑަދޮރުން އެތެރެއަށް ޖެހުނު ވައިރޯޅިއަކާ އެކީ މޭޒުމަތީގައި ހުޅުވާފަ އޮތް ފޮތުގެ ގަނޑުތައް އުކާލިއެވެ. އަޒީމްގެ ސަމާލުކަން އެހިސާބުން ދިޔައީ މޭޒުމަތީގައި އޮތް ފޮތަށެވެ. ޟިރާރު ފޮނުވާލާފަ އަލިތައްކާނު އޭނަ މަސައްކަތް ކުރާ ކޮޓަރިއަށް ވަނެވެ. އޭރު އަޒީމް އިނީ ގޮނޑިއެއްގެ މައްޗަށް އަރައިގެން މޭޒުމަތީގައި ހުޅުވާފަ އޮތް ފޮތް މަތީ ބަނޑު އަޅައިގެންނެވެ. އަލިތައްކާން މޭޒާ ގާތްވެލިއެވެ. އޭރު ފަހަރަކު ކުލައެއް ނަގަމުން އަޒީމް ދިޔައީ އެފޮތުގައި ކުލަ ޖައްސަމުންނެވެ. ތަރިއެއްގެ ބައްޓަމަށް ކުރަހާފައިވާ އަކައެއްގެ މަތީގައެވެ.
"އަޒީމް... މިދެން ކިހާ ދެރަވެއްޖެ ކަމެއް... ކުރަހާ ފޮތާ ބައްޕަ ގެންގުޅޭ ފޮތާ ވަކި ކުރަން ނޭނގެނީތަ.... ހަމަ މިހާރު މި ކޮޓަރިން ނުކުމޭ...." އަޒީމްގެ ކަންފަތުގައި ހިފައިގެން ދަމަމުން ގެންގޮސް އެ ކޮޓަރިން އަޒީމް ނެރުނެވެ. އަލިތައްކާން ހިފި ކަންފަތުގައި ފިރުމަމުން އަޒީމް ދިޔައީ އޭނާގެ މަންމަ އުޅޭ ކޮޓަރިއަށެވެ. އޭރު އެ ކޮޓަރީގައި ހުރީ އޭނާގެ މަންމަ އެކަނި ނޫންކަން އަޒީމަށް އެނގުނެވެ.
"އާމިނަ ދެން ނުރޮއި ހުއްޓާލާ... އާމިނައަށް މިއިން އެއްވެސް ކަމެއް އެނގޭ ކަމަށް ހަދާނެކަމެއް ނެތް... އަނެއްކޮޅުން އާމިނަވެސް ތިހުރީ ވިހަން ގާތްވެފަ... އަލިތައްކާނު ދޭތިން އެކައްޗަށް ހިފާނަން ކަމަށް ބުނި.. އެ ޖިންނިއަކީ ވަރަށް ބާރުގަދަ ޖިންނިއެއް... އެހެންވެ މިރޭ މިކަންތައް ކުރަން އެދިމާ ކުރަނީވެސް... ހަނދު ފުރިހަމަ ވާ ރޭތަކުގަޔާ ކަޅުފޮއެ ރޭތަކަކީ މިކަންކަން ކުރަން އެންމެ ރަނގަޅު ރޭތައް... ހާސްނުވޭ... އަލިތައްކާނު މަސައްކަތް ފެށުމުގެ ކުރިން އަހަރެމެންގެ ރައްކަލަކަށް ހަށިރައްކާ ތައްޔާރު ކުރާނެ..." އާމިނަގެ ބުރަކަށީގައި ފިރުމަމުން އިބްޒީމާ ނަސޭހަތް ދެމުން ދިޔައެވެ. އާމިނަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އާމިނަ ނޭފަތް ދަމާލިއެވެ.
ދޮރު ކައިރީ ފިލާ ހުރި އަޒީމަށް ސިހުމެއް ލިބުނީ މީހަކު އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. ސިހިފައި އޭނަ ފަހަތް ބަލާލީ އެއީ އަލިތައްކާނު ކަމަށް ހީކޮށެވެ. "އަހަން ރިޔާޒްތަ؟......" އަޒީމާ ދާދި އެއް އުމުރެއްގެ ރިޔާޒް ފެނުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް އަޒީމް ދޫކޮށްލިއެވެ. ދެކުދިން އެކީ އަލިތައްކާނަށް ވަގަށް ގޮސް ވަނީ އޭނާގެ ބައްޕަގެ ކޮޓަރިއަށެވެ. އޭނާ ކުލަ ޖެއްސި ފޮތް އެކުވެރިޔާއަށް ދައްކަން ބޭނުންވީމައެވެ.
"މީ ހާދަ ފާޑެއްގެ ފޮތެކޭ... އަޒީމް ބައްޕައަށް އެނގިއްޖިއްޔާ ރުޅިއަންނާނެއްނު..." ރިޔާޒް ހުރީ އަޒީމް ކުލަ ޖެއްސި ގަނޑަށް ބަލާށެވެ.
"ޝްޝްޝް... ފޮތް ލައްޕާ... އާދޭ ނުކުންނަށް.. ބައްޕަ އައިއްސިއްޔާ ރުޅިއަންނާނެ... ހިނގާ ކޮޓަރިއަށް ދާން..." އަޒީމް ހުރީ ދޮރުކައިރީ ފާރައަށެވެ. މީހަކު އައުމުގެ ކުރިން އެދެކުދިން އެތަނުން ނުކުންނަށް ބޭނުންވިއެވެ. އެމީހުންގެ ޕްލޭން ދިޔައީ ވަރަށް ކާމިޔާބުކޮށެވެ. ގޭތެރޭގައި އެތައް ބަޔަކު އުޅުނު އިރުވެސް އެއިން އެއްވެސް މީހަކަށް ނުފެނި އަޒީމާ ރިޔާޒް އެކޮޓަރިން ނުކުމެ އަޒީމްގެ ކޮޓަރިއަށް ދިޔައެވެ. "މިގޮތަށް ކޮންމެ ދުވަހަކު މިގެއަށް އާދެވޭނަމަދޯ... ހާދަ މަޖާވާނޭ..." އެނދުގައި އޮށޯންނަމުން ރިޔާޒް ވާހަކަ ދެއްކިއެވެ. އޭނާގެ މަންމަ ބަނޑުގައި ރިއްސަމުން ދިޔައީ ކުއްޖަކު ވިހަންކަން ރިޔާޒަކަށް ނޭނގެއެވެ. "އަސްލުވެސް ވަރަށް މަޖާވާނެ... އޭ... ޝްޝްޝް.... މީހަކު އެބަ އާދޭ ކަންނޭނގޭ... ނިދާ ކަމަށް ހަދާ..." ދެކުދިން ވެސް ބިށްދޮށަށް އެނބުރުނެވެ. އެދެކެދިންނަށް ބިށްދޮށަށް އެނބުރި ހަމަޖެހުނު ވަގުތު އެ ކޮޓަރީގެ ދޮރު މީހަކު ހުޅުވާލިއެވެ.
ދެލޯ ފިއްތާ ބާރުކޮށްގެން އަޒީމާއި ރިޔާޒް އޮތީ އަތަކަށް ގުޑިވެސް ނުލައެވެ. އެމީހުން ހޭލަ ތިބިކަން އެނގިއްޖިއްޔާ ޟިރާރާ އަލިތައްކާނު އިންތިހާއަށް ރުޅިއަންނާނެކަން އެނގެއެވެ. އަޒީމާ ރިޔާޒާ ތިބީ ހޭލާ ކަމުން ދޮރު ކައިރީ ތިބި މީހުން ދައްކަމުންދިޔަ ވާހަކަ ރަނގަޅަށް އިވުނެވެ.
"ކުދިވެރިން ނިދާފަ ތިބީ...." އަލިތައްކާން މިހެން ބުނުމާއެކީ ދެން ވާހަކަ ދެއްކީ ޟިރާރެވެ. "އަހަރެން ހީކުރީ މިހާއިރު ވީރު އާމިނަ ވިހާނެކަމަށް... އަދިވެސް ރިހުމަކަށް ބަދަލެއް ނާދޭ... ފާތުމާ ބުނި ދެން މާ ގިނަ އިރެއް ނުވާނެޔޯ... ކޮބާތަ އިބްޒީމާ؟..." ޟިރާރުގެ ވާހަކަ މެދުކަނޑާލުމުން އަލިތައްކާނު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "އިބްޒީމާދޯ.. އޭނަވެސް ބަނޑުގަ ރިއްސާތީ އެއުޅެނީ..." އަލިތައްކާނު އަތުގައި މިއަދު އެޅި ތަވީދުގައި އަތް ޖައްސާލަމުން ޟިރާރުމެން ތަވީދު އެޅިތޯ ޔަގީން ކޮށްލިއެވެ. އެއަށްފަހު ކޮޓަރި ތެރެއަށް ވަނެވެ. އަޒީމާ ރިޔާޒްގެ އުނަގަނޑުގައި ތަވީދު އައްސާފައި އޮތްތޯ އަލިތައްކާނު ބަލާލިއެވެ. ނިދާކަމަށް ހަދައިގެން ތިބި ދެކުދިން ގުޑިނުލާ އޮތެއް ކަމަކު އެމީހުން ތިބީ ވަރަށް ބިރުންނެވެ.
"ދެން ހިނގާ އުސްފަސްގަނޑާ ދިމާއަށް... މިހާރު ކިއެވެލި ކިޔަވަން ފަށަންވީ... ވަގުތު ފާއިތުނުވަނީސް މަސައްކަތް ފެށުނީމަ މިރޭ މިކަންތަކުން ސަލާމަތް ވެވޭނީ... ފާތުމާއާ އެކީ ތިމާގެ ގިނަ ބަޔަކު ގޭތެރޭގަ އެބައުޅެއެއްނު... އަނެއްކޮޅުން ކަމެއް ދިމާވިޔަސް ވަގުތުން އެތަނަށް އާދެވޭހާ ކައިރީގަ ދޯ މިތިބީ... އިބްޒީމާމެން ކައިރީ ބުނާތި މިގަޑީގަ އެއްވެސް މީހަކު ބޭރަށް ނުނިކުންނައްޗޭ..." ޟިރާރު އެކޮޓަރިން ނިކުތެވެ.
ޟިރާރުގެ ފަހަތުން ނިކުންނަމުން އަލިތައްކާނު އެކޮޓަރީގެ ދޮރު ލައްޕާލީ ފަހު ފަހަރަށް އަޒީމާ ދިމާއަށް ބަލާލަމުންނެވެ. ކޮޓަރިއަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ. "އުސްފަސްގަނޑުގަ ކޮންކަމެއް ކުރަން ބާ އެއުޅެނީ... މިރޭ ބޮޑުކަމެއް ކުރަން އެއުޅެނީ... އަހަރެން ބޭނުން އެތަން ބަލާލަން ދާން..." އަޒީމް ތެދުވެ ދޮރުން ތަންކޮޅެއް ހުޅުވާލަމުން ބޭރު ބަލާލިއެވެ. އެކޮޓަރި ކައިރީ މީހަކު ނެތްކަން ޔަގީންވުމުން އަޒީމް ބޭރަށް ނުކުންނަން މަސައްކަތް ކުރިއެވެ. "އޭ އަޒީމް.. މީހަކަށް ފެނިއްޖިއްޔާ ކަޑަވާނެ.. ނުކުންނާނެ ކަމެއް ނެތް..." އަޒީމްގެ އަތުގައި ހިފާ އެތެރެއަށް ދަމައިގަންނަމުން ރިޔާޒް ވާހަކަ ދެއްކީ މީހަކަށް ފެނިދާނެތީ ބިރުން ހުރެއެވެ.
އެތެރެ ކޮޓަރި ތެރެއިން އޭރު އާމިނަ ރޯއަޑު ގޭތެރޭގައި ހިއްޕާލާފަ ހުއްޓެވެ. އަޒީމްގެ ސަމާލުކަން ދިޔައީ އެކޮޓަރިއާ ދިމާއަށެވެ. މިވަގުތު ހުރިހާ އެންމެން އުޅޭނީ އެތާ ކަން އެނގޭތީ އޭނާ އެކޮޓަރިއަށް ދާން އޮތް ޝައުގުވެރިކަން ބޮޑުވިއެވެ. "އަޒީމް... ކޮންތާކަށް ތިދަނީ.. ބުނިން ދޯ ކޮޓަރިއަށް ވަދެ ދެކުދިން ނިދާށޭ...."
އަޒީމްގެ ފަހަތުން އިވުނު އަޑަށް ސިހުނެވެ. ފަހަތް ބަލާލިއިރު މިހުރީ އިބްޒީމާއެވެ. އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. އުނަގަނޑުގައި އަތް ވިއްދައިގެން ހުރި ގޮތުން އިބްޒީމާ އުޅެނީ ބަނޑުގައި ރިއްސާތީކަން އެނގެއެވެ. ބަދިގެ ފަރާތުން އައިސް ގޭތެރެއަށް ވައިން ފާތުމަ ހިފައިގެން ހުރި ތެލިން ދުންއަރައަރަ ހުއްޓެވެ. ފާތުމައަށް ތަން ދައްކަން އިބްޒީމާ އަޒީމްގެ އަތުގައި ހިފާ އެއްފަރާތަކަށް ޖެއްސިއެވެ. ކައިރިންލާފަ ފާތުމަ ދިޔަ ވަގުތު އަޒީމް ބޯއަރިކޮށްލަމުން އެ ތެލީ ތެރެއަށް ބަލާލިއެވެ. އޭގައި ހުރީ ފެނެވެ. "މަންމާ އެއީ ކީއްކުރާ ހޫނު ފެނެއްތަ؟..." އެއީ ކީއްކުރާ އެއްޗެއްތޯ ބަލަން އަޒީމް ބޭނުންވިއެވެ. "ބޭކާރު ވާހަކަ ނުދައްކާ ދޭ ކޮޓަރިއަށް..." ހަރުކަށި ރާގަކަށް އިބްޒީމާ އެހެން ބުނުމުން އަޒީމް އިސްޖަހައިގެންގޮސް ކޮޓަރިއަށް ވަނެވެ. ދޮރު ލައްޕާލި ވަގުތު އިބްޒީމާ ފާތުމައަށް ގޮވާލި އަޑު އިވުނެވެ. "ފާތުމާ އާދެބަލަ... އާ... މަގޭ ބަނޑުގަ ވަރަށް ރިއްސާ...."
ބޭރަށް ނިކުންނާނެ ގޮތަކާ ދޭތެރޭ ވިސްނަން އަޒީމާ ރިޔާޒް އެތައް އިރަކު އުޅުނެވެ. އެންމެ ފަހުން ކުޑަދޮރުން ފުންމާލައިގެން ދިޔުން އެއީ އެންމެ ބުއްދިވެރިގޮތް ކަމަށް ނިންމާ ދެމީހުން ވެސް ކުޑަދޮރު ކައިރިއަށް ލެފިގަތީ ކޮޓަރި ދޮރު އެތެރެއިން ތަޅުލާފައެވެ. ގޭ ބިށްދޮށުން ނިކުމެވޭނީ ބޯ ކެޔޮގަސްތައް ހައްދާފައިވާ ދިމާއަށެވެ. އެދިމާ އަނދިރިކަމުން އެތަން ފެންނަނީ ވަރަށް ބިރުވެރިކޮށެވެ. ރިޔާޒް ކޮންމެވެސް ވަރަކަށް ފަސްޖެހުނެވެ. "އަޒީމް ހިނގާ ގެއަށްދާން..."
"ނޫން... މިރޭ... އުސްފަސްގަނޑުގަ އެމީހުން ކުރާ ކަމެއް ބަލާފަ ގެއަށް ދާނީ..." އަޒީމް ކުރިއަށް ހިނގައިގަންނަމުން ރިޔާޒްގެ އަތުގަ ހިފިއެވެ. "އަހަރެމެން ކޮޓަރީގަ ނެތްކަން އެނގިއްޖިއްޔާ ވަރަށް ސަކަރާތްވާނެ..." ރިޔާޒް އަދިވެސް ހުރީ ދެ ހިޔާލެއްގައެވެ. ގަސްތަކުގެ ތެރެއިން ހިނގަމުން އައިސް ގޮނޑުދޮށާ ހަމައަށް އެކުދިންނަށް ނުކުމެވުނީ ވަރަށް ހާލުންނެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ގަސްތަކުގެ ތެރޭގައި އެކުދިން ހިނގީ ވަރަށް ބަލައިގެންނެވެ. އަތިރިއަށް ނުކުމެވުމުން އަލިކަމެއް ފެންނާނެކަމަށް ހީކުރި ނަމަވެސް ގޮނޑުދޮށުންވެސް ފެންނަމުން ދިޔައީ ކަނު އަނދިރިކަމެވެ. އެހެންކަމުން ދެކުދިންނަށް އެއްފަހަރާ ބަލާލެވުނީ އުޑުމައްޗަށެވެ. "ހަނދުކާލާފާ އޭނީ...." ފުރިހަމަ ކޭތައެއް ހިފާފައިވާ ހަނދަށް އިޝާރާތް ކުރަމުން އަޒީމަށް ބުނެވުނެވެ.
"އެހެންވެ ކަންނޭނގެ ބައްޕަ ބުނީ މިރޭ އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުންނައްޗޭ.. ހިނގާ އަވަހަށް ގެއަށް ދާން.. ގިޔާމަތްވަނީ ކަންނޭނގެ..." ރިޔާޒް ހުރީ އިންތިހާއަށް ބިރުގެންފައެވެ. ދެކުދިން އެންމެ ފަހުން ނިންމީ ގެއަށް ދާށެވެ. ވަލުފަރާތުން ދާން ހިނގައިގަތް ވަގުތު އަޒީމްގެ އަތުގައި ހިފާ ރިޔާޒް ދަމައިގަތެވެ. "މަށަކަށް ލާހިކެއްނޫން ތިހެން ދާކަށް... ތިހެން ގެއަކަށް ނުދާނަން..." ރިޔާޒް ބިރުގެންފައި ހުރުމުން އަޒީމް ބޭނުންވީ އަތިރިމަގުން އެއްގަމަށް ނިކުންނާށެވެ. ނަމަވެސް އެމީހުންގެ ފިޔަވަޅު ހުއްޓުމަކަށް އައީ އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑު އެމީހުންގެ ކަންފަތުގައި ޖެހުނެވެ.
ރިޔާޒާއި އަޒީމާ ދެކުދިން ބަލާލީ އެކަކު އަނެކަކުގެ މޫނަށެވެ. ބިރުން ހުރެ އެމީހުންނަށް އެއަޑު އައި ދިމާއަށް ބަލާލެވުނެވެ. އުސްފަސްގަނޑު ސަރަހައްދުގައި ޖިފްޓިގެގަނޑު ޖަހާފައިވާ ތަނުން ގަދަ އަލިކަމެއް އެމީހުންނަށް ފެނުނެވެ. އެމަންޒަރު ކައިރިން ބަލަން ބޭނުންވެފައިވާލެއް ބޮޑުކަމުން އަޒީމް އެދިމާއަށް ދުއްވައިގަތެވެ. އެވަގުތު ރިޔާޒަށް އެ ޖިފްޓިގަނޑުގެ މައްޗަށް ވެއްޓުނު އަލިފާން ގުޅަ ފެނުނެވެ. އެ އަލިފާން ގުޅަ ވެއްޓުމާއެކީ އެ ޖިފްޓީގައި އަލިފާން ރޯވިއެވެ. އެހިސާބުން ދެމީހުންގެ ފިޔަވަޅު މަޑުވިއެވެ. ދެމީހުންނަށް އަނބުރާ ބަލާލެވުނީ ހަނދާ ދިމާއަށެވެ. ހަނދުހުރީ ކުރިން އެމީހުންނަށް ފެނުނު ހަނދު ހުރިގޮތަކަށް ނޫނެވެ. މިހާރު ފެންނަން ހުރީ ފުރިހަމަ ރީތި ހަނދެކެވެ.
*** *** *** *** *** ***
ހަނދުވަރުގެ ރީތި އަލިކަމަށް ބަލަން ހުރި ޒިބާންގެ މޫނުމަތިން ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ކުލަތައް ފާޅުވަމުން ދިޔައެވެ. މަންޝާއާ ވަކިން އުޅެން ޖެހުނަސް އެފަދަ ހިތްފަސޭހަ މަންޒަރުތައް ފެންނަ ކޮންމެ ފަހަރަކު މަންޝާއާ ބައްދަލު ކުރެވުނު ހާއްސަ ދުވަސްތަކުގެ ހަނދާންތައް އޭނާއަށް އުނދަގޫ ކުރެއެވެ. ހަނދު ފުރިހަމަވާ ގިނަ ރޭތަކުގައި އޭނާ ވަގުތު ހޭދަކޮށްފައި ވަނީ ކ.ކާށިދޫގެ ހިތްފަސޭހަ ތުނޑީ ސަރަހައްދުގައި ބިޔަކޮށް ހެދިފައިވާ ބެރެބެދިގަސް ދޮށުގައެވެ. އެގަހުގައިވާ މާތަކުގެ ފިޔަތަކާއި ކުޅެލަ ކުޅެލާ ޒިބާން ހުންނަނީ މަންޝާއާ އެކީ ހޭދަކުރެވުނު ލޯބި ދުވަސްތަކުގެ ހަނދާނުގައެވެ.
އެތައް ދުވަހެއް ދުރުގައި އުޅެންޖެހުނަސް މަންޝާގެ އެއްވެސް ކަމެއް ޒިބާންގެ ހަނދާނަކުން ފޮހެނުލެވޭނެއެވެ. އޭނާގެ ކޮންމެ ހަރަކާތެއް ދާދި ދެންމެ ވީ ކަމެއްހެން ހަނދާން ހުރެއެވެ. ކޮންމެ ފިރުމަކާއި ބީހުމަކުން އަދިވެސް ޒިބާންގެ ހިތަށް ފުންއަސަރުތަކެއް ކުރާ ކަހަލައެވެ.
ހިތުގެ އުދާސްތައް އުތުރި އަރަމުން ދިޔަވަރަކަށް ޒިބާންގެ ހަށިހަނޑަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ނޭވާތައް އަވަސްވެ ހަށިގަނޑުގައި އާ ވިންދެއް ޖަހާލި ކަހަލަ އިހްސާސެއް ކުރެވުނެވެ. އޭނާގެ ފިޔަވަޅު ކުރިއަށް އަޅާލީ ކާށިދޫގެ އެ ހިތްފަސޭހަ މާހައުލަށް ދާން ބޭނުންވެފައި ހުރުމުންނެވެ. ތަޒްކިޔާގެ ބަސްތައް އޭނާގެ ކަންފަތްދޮށުގައި އެވަގުތު ގުގުމާލުމުން މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވިއެވެ.
"ޒޯއީއަށް އެ ހުރިހާކަމެއް އެނގުނީ ޒިބާންއާ ހެދި.. ޒިބާން ކާށިދޫއަށް ދިޔައީ ކީއްކުރަން؟... އަހަރެން ހީކުރީ ޒިބާން ކުރިން ދުވަހު ދެއްކި ވާހަކައިން ޒިބާން ބޭނުންވީ މަންޝާގެ ހަނދާންތަކާއި ދުރަށް ދާން ކަމަށް.. އަހަންނާ އެކީ އުޅެންކަމަށް... އަސްލު... ޒިބާންގެ ފަރާތުން އެފަދަ ލޯތްބެއް އަހަންނަށް ލިބޭނެކަމަށް އުންމީދު ކުރެވުމަކީ އަހަރެންގެ ކުށް... އަހަރެން އުންމީދުކޮށްގެންވެސް ނުވާނެ ތި ހިތުގައި އަހަންނަށްޓަކައި ވިންދެއް ޖަހާނެއެކޭ..."
ޒިބާންގެ ހިތަށް އެތައްހާސް ތީރުތަކެއް އެއްފަހަރާ ހެރުނުހެން ހީވި ކަހަލައެވެ. މޭގައި އަތް އަޅައިގެން ހުރެ ހިތާ ދެކޮޅަށް އޭނާ ފަހަތަށް ފިޔަވަޅު އަޅަމުންދިޔައީ ތަޒްކިޔާއަށް ވެވުނު ވައުދުމަތިން ހަނދާން ވުމުންނެވެ. ތަޒްކިޔާގެ ޝަކުވާތައް އެއީ ކުރަން ހައްގު ޝަކުވާތަކެއް ކަމަށް ޒިބާން ގަބޫލު ކުރެއެވެ. އަންބެއްގެ މަގާމުގައި އެތައް އަހަރުތަކެއް ވަންދެން ހުރި އިރު ތަޒްކިޔާއަށް ޒިބާންގެ ފަރާތުން ފިރިއެއްގެ ފަރާތުން ދޭންޖެހޭ ލޯތްބާއި އޯގާތެރިކަމެއް ނުދެވުނެވެ. ތަޒްކިޔާގެ އެ ހުރިހާ ޝަކުވާތައް އަޑު އިވުމުން ޒިބާން އޭނާއަށް ވައުދުވީ ދެން މަންޝާ ހޯދަން ދުވަހަކުވެސް ދުނިޔެއަށް ނުދާށެވެ.
ދެލޯ މަރާ ފިއްތާލިއިރު ޒިބާންގެ ދެލޮލުން ހޫނު ކަރުނަ ފޭދިގެން އޮހޮރުނީ އޭނާގެ ހިތުގެ ރިހުމާ ބައިވެރިވަމުންނެވެ. ދުވަހަކުވެސް މަންޝާ ހޯދަން ނުދާނަންކަމަށް އޭނާވީ ވައުދުގައި ދެމިހުންނަން ބޭނުންވިޔަސް އެއީ ޒިބާންއަށް ވަރަށްވެސް އުނދަގޫކަމެކެވެ. މަންޝާއާ ދިމާ ނުވާނެކަމަށް އޭނާ އެއްބަސްވިޔަސް އޭނާގެ ހިތުގެ ކަނަކުން އަދިވެސް މަންޝާ ދުނިޔޭގައި އެބަ ހުއްޓޭ ބުނަނީ ކީއްވެ ކަމެއް ނޭނގެއެވެ. އަދި މަންޝާއާ ދިމާވާނެކަމަށް ޒިބާންގެ ހިތް ގަބޫލުކުރި ނަމަވެސް ފެންނަމުން ދިޔަ ހެކިތަކަށް ބަރޯސާވާނަމަ މަންޝާ ފެންނާނެކަމުގެ އުންމީދެއް ނެތެވެ. ވިހި އަހަރު ވޭތުވެ ދިޔަ އިރު މަންޝާ ފެންނާނެ ކަމުގެ ފެހި ސިގްނަލެއް އަދި އެމީހުންނަކަށް ނުލިބެއެވެ.
ޒިބާންގެ ހަނދާނަށް އައީ ޒޯއީގެ ބަލި ހާލަތެވެ. އޭނާގެ ދަރިފުޅު ބަލިވާން މެދުވެރިވީ ސަބަބެވެ. ޒިބާންގެ ފަހަތުން ޒޯއީ ދުނިޔެއަށް ދިޔުމުން އެ ކުއްޖާއަށް ޖެހުނު މުސީބާތް ބަލަން ޒިބާނަކަށް ކުޅަދާނައެއް ނުވިއެވެ. އެހެން ޒޯއީއަށް ދިމާވީ މަންޝާ ހޯދަން ޒިބާން ދިޔައިމަކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. އެވަގުތު ޒިބާންގެ ހިތަށް ލުއިކަމެއް ވެރިވިއެވެ. މަންޝާ އޭނާގެ އަތުން ބީވެގެން ދިޔަޔަސް މަންޝާއާ އޭނާގެ ލޯބީގެ ނިޝާން ގެއްލިގެން ދާކަށް ޒިބާން ބޭނުމެއް ނުވިއެވެ. ދެލޮލުގެ ރަތްކަން މަޑުވަމުންގޮސް އެރަތްކަން ކެނޑުމުން ޒިބާން ހިނގައިގަތީ އޭނާގެ އާއިލާ ކައިރިއަށް ދާށެވެ. ތަޒްކިޔާއާ އޭނާގެ ދެދަރިން ގާތަށް ދާށެވެ.
*** *** *** *** *** ***
ލައިގެން ހުރި ބުރުގަލުގެ ކަނުން އަނގަމަތި ފޮހެލަމުން ނައުރީން އެ އިން ތަނުން ތެދުވެ އެކޮޓަރިން ބޭރަށް ދާން ފިޔަވަޅު އަވަސްކޮށްލީ ލައިގެން ހުރި ޖިންސުގެ ދަށަށް ލައްވާލި ފޮތުގައި އަތް ޖައްސާލަމުންނެވެ. ކޮޓަރިން ބޭރަށް ނިކުމެ އޭނާ ދުއްވައި ގަތް އިރު އޯކާ ދެމެވުނެވެ. އެއްއަތުން އަނގަމަތި ނިވާކުރަމުން އަޑެއް ނުލައްވާ ވޭތޯ ނައުރީން ވަރަށް މަސައްކަތް ކުރިއެވެ. ދުވެފައި އޭނާ ނިކުމެ މިސްރާބުޖެހީ ގެއާ ދިމާއަށް ދާށެވެ. އޭރުވެސް އޭނާއަށް ސިފަވަމުން ދިޔައީ ޟިރާރުގެ އެމުޑުދާރު އަމަލެވެ. އޭނާގެ އަނގައިން ނިކުންނަމުން ދިޔަ ހަޑިހުތުރު މާނަ އެކުލެވޭ ބަސްތަކެވެ.
ގިފިލީގެ ދޮރު ހުޅުވާލުމަށްފަހު ނިކުތް އިބްޒީމާ ގޯތިތެރެއަށް ނަޒަރު ހިންގާލީ މީހަކު ދުއްވައި ގަތް ފަދަ އަޑެއް އިވުނުހެން ހީވުމުންނެވެ. އަޑުގެ ނެތްތަކަށް އިބުޒީމާ ހަޅޭއްލަވައިގަތީ އެ ގޯއްޗަށް ވައިން މީހަކު ހޯދުމުގެ ބޭނުމުގައެވެ. "ކާކު... ކާކުހޭ؟..."
(ނުނިމޭ)
