ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރަންޑަމްއެއް ނެގުން ހުއްޓުވުމަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މާދަމާ ހެނދުނު ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލުކޮށްފިއެވެ.
މި މައްސަލައަކީ އިދިކޮޅު އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އަދި ވަކީލް އިބްރާހިމް ޝިޔާމު އިސްވެ ތިއްބަވައި ހުށަހެޅުއްވި މައްސަލައެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރުގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ދައުވާކުރާ ފަރާތުން ބުނެއެވެ. އެހެންކަމުން، އެ ސުވާލު ހިމެނޭ ގޮތަށް ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެ ފަރާތުން ވަނީ އެދިފައެވެ.
މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި ބެންޗުގެ ރިޔާސަތު އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ބަލަހައްޓަވާއިރު، ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ރިފަރަންޑަމްގައި ރައްޔިތުންނާ ކުރަން ނިންމާފައިވާ ސުވާލަކީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ބަދަލު ގެނައުމަށް މަޖިލީހުން ފާސްކޮށްފައިވާ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯއެވެ.
މި މައްސަލައިގެ އިތުރުން، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވެސް ވަނީ ދެ އިންތިހާބު އެއްކޮށްލަން ގެނައި އިސްލާހު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އަދި ހައިކޯޓަށް ވެސް އެމްޑީޕީގެ ފަރާތުން މިފަދަ މައްސަލަތަކެއް ހުށަހަޅާފައިވީ ނަމަވެސް، އެ ކޯޓުތަކުން މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
