ދުނިޔޭގެ ބަދަލުވަމުންދާ ހާލަތައް ބަލައި ލިބޭނެ އެހީ އަކަށް އުންމީދު ކުރުމަށްވުރެ، މިހާރު ލިބިފައިވާ އެއްޗަކުން މެނޭޖް ކުރުން މުހިންމުކަމަށް، އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ސްރީލަންކަން އެއާލައިންސް ހިމެނޭހެން ބައެއް އެއާލައިންތަކާއި އެހެން ބައެއް ވިޔަފާރީގެ އެޖެންޓްކަން ވެސް ކުރައްވާ، ފިރާގު މިހެން ވިދާޅުވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ފިރާގު ވިދާޅުވީ ބޭރުގެ ގިނަ ގައުމުތަކުގެ މީޑިއާތަކަށް ބަލާއިރު ފެންނަނީ ތަފާތު ރާގަކާއި އުސޫލެއް ކަަމަށެވެ. އިގްތިސާދީ ގޮތުން ސިންގަޕޫރުގައިވެސް، އެގައުމުގެ ބޮޑުވަޒީރު ފާޅުގައި ޓީވީން ވާހަކަ ދައްކަވަނީ މިހާރު ދުނިޔޭގެ ހާލަތާއި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ އިގްތިސާދީ ގޮންޖެހުންތަކާ ބެހޭ ގޮތުންކަމަށެވެ. އަދި މިކަމުން ދައްކައިދެނީ ދުނިޔޭގެ ބަދަލުވަމުންދާ ހާލަތައް ބަލައި، ކުރިމަތިވެދާނެ ހާލަތައް ސިންގަޕޫރުގެ ރައްޔިތުން ތައްޔާރުކުރުމަށް ހާމަކަން ބޮޑުގޮތެއްގައި މަސައްކަތް ކުރަމުންދާކަން ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ފިރާގު ވިދާޅުވީ ރާއްޖޭގައި ގިނަ ބަޔަކު ތިބީ ހުރިހާ ކަމެއް ރަނގަޅު ކަމުގެ ޔަގީންކަން ލިބިގެން ހެން ފާހަގަ ކުރެވޭކަމަށެވެ. އެގޮތުން އުންމީދީ ވިސްނުމަކީ މުހިންމު ކަމެއް ނަމަވެސް، ރިއަލިސްޓިކް ވުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެއް ކަމަށް ފިރާގު ވިދާޅުވިއެވެ. އަދި މި ވަގުތަކީ، ހަމައެކަނި އެހެން ތަނަކުން ލިބޭނެ އެހީ އަކަށް އުންމީދު ކުރުމަށްވުރެ، މިހާރު ލިބިފައިވާ އެއްޗަކުން ބުއްދިވެރިކަމާއެކު މެނޭޖް ކުރުން މުހިންމު ވަގުތެއްކަމަށެވެ.
ފިރާގު ވިދާޅުވީ ޒިންމާދާރުކަމާއެކު ރޭވުމާއި ތައްޔާރުވުމަކީ ޔަގީންކަމެއް ނެތް ވަގުތުތަކުގައި އަބަދުވެސް ރަނގަޅު ގޮތެވެ.
