އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ނ. ހޮޅުދޫ، ހަސަން ނިޝާން ހޮވިއްޖެއެވެ.
މި ޕްރޮމޯޝަންގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ އޭޓީވީ ލިބުނީ މި ނަސީބުވެރި ކަސްޓަމަރަށްކަމަށް އުރީދޫ އިން ވަނީ ހާމަކޮށްފައެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު ފެށި މި ޕްރޮމޯޝަން މި އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދެ މަހަކުން އެއްފަހަރު ބާއްވާ ގުރުއަތުލުމުން، ކޮންމެ ފަހަރަކު ވެސް އެއް އުރީދޫ ކަސްޓަމަރަކަށް އޭޓީވީއެއް ލިބޭނެއެވެ.
އުރީދޫއިން ބުނީ މި ކެމްޕޭނަކީ އުރީދޫ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްދާ ކެމްޕޭނެއްކަމަށެވެ. އަދި މި ގުރުއަތުލުމުގައި ބައިވެރިވުމަށްޓަކައި، އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ޚިދުމަތެއް ބޭނުންކޮށް، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަ ކުރަންޖެހޭނެކަމަށެވެ.
މީގެއިތުރުންގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި، އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ހަރަދުކޮށްފައިވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި ގުރުއަތުލާ ދުވަހާއި ހަމައަށް އެ ކަސްޓަމަރެއްގެ ހިދުމަތް އެކްޓިވްކޮށް ބަހައްޓަންވާނެކަމަށް އުރީދޫ އިން ހާމަކޮށްފައިވެއެވެ.
މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ މިހާރު އުރީދޫ ބޭނުންކުރާ އަދި މި މުއްދަތުގެ ތެރޭގައި އުރީދޫ އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. އަދި ކޮންމެ ގުރުއަތުލުމަކުން ވެސް އެއް ނަސީބުވެރިއަކު ހޮވައި، އޭޓީވީއެއް ހަވާލުކުރާނެއެވެ.
ގުރުއަތުން އޭޓިވީ ލިބޭ ކަސްޓަމަރުންނަށް ވެސް ގްރޭންޑް ޕްރައިޒް (6 ވަނަ ގުރު) ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އޭޓީވީ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެއްކަމަށް އުރީދޫއިން ބުނެއެވެ.
މިފަދަ ހަރަކާތްތަކުގެ ތެރެއިން، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންގެ އިތުބާރާއި ލޯތްބަށް ޝުކުރު އަދާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމާއި ފައިދާ ހޯދައިދެމުންނެވެ.
