ދެ އިންތިހާބު އެކުއެކީ ބޭއްވުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހަށް ހުށަހެޅި 3 ހުށަހެޅުމަކަށް ތާއީދު ލިބުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން 2008 ވަނަ އަހަރު ރައްޔިތުންގެ ހާއްސަ މަޖިލީހަށް ހުށަހެޅި 3 ހުށަހެޅުން ހިއްސާ ކުރައްވަމުންނެވެ.

އެގޮތުން ހާއްސަ މަޖިލީހަށް ހުށަހެޅުނު މި ތިން އިސްލާހުތަކަކީ، މާލޭ މެންބަރު އިބްރާހީމް އިސްމާއީލް ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ހަމީދު ހުށަހެޅުއްވި އިސްލާހެކެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި އިސްލާހުގައި ގާނޫނު އަސާސީއަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ދެން އޮންނަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކުގައި ބާއްވަން ހުށައަޅާފައިވެއެވެ. މިހުށަހެޅުން މަޖިލީހަށް ހުށައަޅާފައިވަނީ އޭރުގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކޮޅުމަޑުލު މެންބަރު ރިޔާޒް ރަޝީދުގެ ތާއީދާއެކުއެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލޭ މެންބަރު އިބްރާހީމް އިސްމާއީލް ހުށަހެޅުއްވި އިސްލާހުގައި ވެސް ދެން އޮންނަ ރިޔާސީ އިންތިހާބަކާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު އެކުއެކީގައި ބޭއްވުމަށް ހުށަހަޅާފައިވެއެވެ. މިއިސްލާހު ހުށައަޅާފައިވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލޭ މެންބަރު މުހައްމަދު ނަޝީދުގެ ތާއީދާއެކުއެވެ.

މީގެއިތުރުން އޭރު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ހަމީދު ހުށަހެޅުއްވި އިސްލާހުގައިވެސް ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް ވަނީ ހުށަހަޅާފައެވެ.

ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސްކުރެވިފައިވާކަން އެނގިގެންދަނީ އޭރު މަޖިލީހަށް ހުށަހެޅި މި ތިން ހުށަހެޅުމަށްވެސް ތާއީދު ލިބި އެ މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާތީކަމަށެވެ.

އަދި މިހާތަނަށްވެސް ދެ އިންތިހާބުގެ ތާރީހުގަ ފަރަގެއް އޮތީ، އާ ގާނޫނު އަސާސީ ތަސްދީގު ކުރެވުމާއެކު މިނިވަން މުއައްސަސާތަކެއް އުފަންވެ، މިނިވަން މުސްތަގިއްލު އިލެކްޝަނެއް ވުޖޫދައް ގެނެސް، އިންތިހާބުގެ ގާނޫނުތަކާއި ގަވާއިދުތައް ހެދުމަށް ނެގި ވަގުތާ ހެދި ކަމަށް ނާޒިމް މީގެ ކުރިން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމާ ކުރިން ބަހުސް ކުރިއިރުވެސް، ބުރަވެފައި އޮތީ ދެ އިންތިހާބު ވެސް އެކު އެކީ ވީހާވެސް އަވަހަށް ބޭއްވުމަށް ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.