މަންޝާއާ އެކީ ގޭތެރެއިން ޝީން ނުކުތްއިރު ޝީންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ. ގޮނޑުގައި އަޅާފައިވާ އަތް ދަބަހުގައި ހިފަހައްޓައިގެން ހުރެ ހޫދު ކުރިމައްޗަށް ހުއްޓެމުން ޝީން އިސްޖަހާލިއެވެ. އޭނާގެ ލޮލުގައި ރިހުމެއް އެކުލެވިފައިވާކަން ހޫދަށް ފާހަގަ ކުރެވުނެވެ.

"ޝީން... ކިހިނެއްވީ؟... ކޮންތާކަށް ދާން ތިއުޅެނީ؟.." ޝީން ހުރި ގޮތް ފެނި ހައިރާންވެފައި ހުރެ ހޫދު ސުވާލުކޮށްލީ މަންޝާގެ މޫނަށް ވެސް ކަޅިއެއް އެއްލަމުންނެވެ.

"މިދަނީ ހޮސްޕިޓަލަށް... ޝާޔާ ހުން ގަދަވެގެން އެބަ އޮތް އެމަޖެންސީގަ ބާއްވާފަ..." އެސްފިޔަތައް ތަޅުވާލަމުން ޝީން ކުރިއަށް ހިނގައިގަތެވެ. ޝީން ދަނީ އެކަނިކަން އެނގުމުން ޝީން ގޮވައިގެން ދާން ހޫދު ބޭނުން ވިއެވެ. އެހެންކަމުން ކިޝަން އަތުން ތަޅުދަނޑި ހިފައިގެން ޝީން ގޮވައިގެން ދާން ސައިކަލާ ދިމާއަށް މިސްރާބު ޖެހިއެވެ.

އެދެމީހުން އެކީގައި ގޮސް ސައިކަލަށް އެރިތަން ބަލަން ހުރި ކިޝަން ފުން ނޭވާއެއް އެތެރެކޮށްލަމުން މަންޝާއާ ކުރިމަތިލީ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުންނެވެ. ލަދުރަކި ގޮތަކަށް ކިޝަންއާ ދިމާއަށް މަންޝާ ބަލާލަމުން އެތެރެއަށް ވަނުމަށް އެދުނެވެ. ކިޝަން ދެއަތަށް ބޯހޫރުވާލަމުން މިތާ ބޭރުގައި ތިބެން އެންމެ ރަނގަޅު ކަމަށް ބުނެ ގަހުގައި އެލުވާފައި ޖޯލިން ޖޯއްޔެއްގައި އޮށޯތެވެ. ކިޝަންގެ ކުރިމައްޗަށް ވާނޭހެން އެހެން ޖޯއްޔެއްގައި މަންޝާ އޮށޯވެ އޭނާއާ ދިމާއަށް ބަލަން އޮތީ އެ ޖޯލި މަޑުމަޑުން ހެއްލާލަ ހެއްލާލައެވެ.

"ވާހަކައެއް އަހާލަންތަ؟..." އެދެމެދުގައިވީ ހަމަހިމޭންކަން ނަގާލީ މަންޝާއެވެ.

ފަރުވާކުޑަ ގޮތަކަށް ފޯނުގެ ސްކްރީނަށް ބަލަން އޮވެ ކިޝަން ހޫން ލައްވާލިއެވެ.

"އަސްލު އަހަރެންނަށް ހީވަނީ އަހަރެންނަށް ކަމެއް ހަނދާން ނެތިފަހެން މިހުރީ... އަހަރެމެން ދެމީހުންގެ އެއްވެސް ކަމެއް ހަނދާން ހުރިއްޔާ ކިޔައި ދީބަލަ..." މަންޝާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ ކިޝަންގެ ފޯނު ރިންގްވާން ފެށުމުންނެވެ. ޖޯލިން ތެދުވަމުން އޭނާގެ ފޯނުގެ ސްކްރީނަށް ބަލަން ހުރެ ބޭރު ދޮރާ ދިމާއަށް ދިޔައިރު ހިތާހިތުން މަންޝާއާ ދިމާއަށް ކުދިކިޔަމުން ދިޔައެވެ.

ކިޝަން ފޯނެއް އައިސްގެން ދިއުމުން އޭނާ އަންނާނެ އިރެއްގެ އިންތިޒާރުގައި އޮތް މަންޝާ މަޑުމަޑުން ޖޯލި ހެއްލަމުން ދިޔައިރު އޭނާގެ ނަޒަރު ހުސްކޮށްލެވިފައި ވަނީ އެ ޖޯލި އެލުވާފައިވާ ގަހުގެ ގޮފިތަކަށާއި ފަތްތަކަށެވެ. އިރުއޮއްސެން ވަގުތު ކައިރިވެފައިވުމުން އެތަނަށް ކޮންމެވެސް ވަރަކަށް އަނދިރިވަމުން ދިޔައެވެ. ފުން ހިޔާލެއްގައި އޮތް މަންޝާއަށް ކަމެއް ރޭކާލީ އޭނާއަށް އިވުނު އަޑުންނެވެ. ކާޅެއްގެ ގޮވެލިންނެވެ. ހައިރާންވެ އަންތަރީސްވާން ޖެހުނު ސަބަބަކީ ކާޅަކީ އައްޑޫގައި އުޅޭވެސް އެއްޗެއް ނޫނެވެ. އާންމުކޮށް މަންޝާއަށް އެ އަޑު އިވިފައި ވަނީ އޭނާގެ ރަށުން، ކާށިދޫއިންނެވެ.

ކިޝަން އަންނަންވާ އިރަށް އެސަރަހައްދަށް އަލިކުރަން ބޭރުގައިވާ ބޮކި ދިއްލަން ދާން މަންޝާ ތެދުވިއެވެ. ޖޯލިން ތެދުވެ ފަސްއެނބުރި ބަލާލިއިރު އޭނާއާ ދިމާއަށް ކަޅިޖަހާނުލާ ބަލަން ހުރި ކިޝަން ފެނުމުން މަންޝާގެ ފިޔަވަޅު ހުއްޓުނެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން އުނދަގޫވިއެވެ. އެ ރީތި ދެލޮލުން މަންޝާއާ ދިމާއަށް ބަލަންހުރި މައުނަވީ ގޮތުން މަންޝާ ބޭނުންވެފައި އޭނާ ހުރި މިންވަރު ދޭހަވިއެވެ.

މަޑުމަޑުން ކިޝަން ކުރިއަށް ޖެހުމުން މަންޝާ އިސްޖަހާލީ އޭނާގެ ހިތަށް ކުރަމުންދިޔަ ފުން އަސަރުތަކަކުންނެވެ. ލަދުރަކި ހިނިތުންވުމަކާ އެކީ އިސްޖަހައިގެން ހުރި މަންޝާގެ ވިންދު އަވަސްވެ ލޭ ނާރުތަކުގައި އޭނާގެ ލޭ ދަރުވާ ސްޕީޑް އަވަސްވަމުން ދިޔައެވެ. ނޭވާލާން އުނދަގޫވާހެން ވެސް ހީވިއެވެ. ކިޝަން އައިސް މަންޝާގެ ނޭވާ އިހްސާސްވާހާ ކައިރީގައި ހުއްޓުމަށްފަހު އޭނާގެ އަތުން މަންޝާގެ މޫނުގައި ފިރުމާލިއެވެ. އެބީހުމުން މަންޝާގެ ދެލޯ މަރާލެވުނީ އޭނާގެ ސިކުނޑިއަށް ހަނދާންތަކެއް ވެރިވުމުންނެވެ.

މަންޝާގެ އަތުގައި ކިޝަން ހިފާލަމުން އެ އަތުގައި ބޮސްދިނެވެ. ތެޅިގެންފައި މަންޝާ އޭނާއާ ދުރަށް ޖެހިލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ކިޝަންގެ މޫނާ ދިމާއަށް މަންޝާ ބަލަން ހުރީ ދެބުމަ ގޮށް ޖަހައިގެންނެވެ.

*** *** *** *** *** ***

ގޭތެރެއަށް ވަދެ މެހެކްއާ ކުރިމަތިލީ އިރު ޒޯއީގެ ދެލޮލުން ނުރުހުމުގެ ކުލަވަރުތައް ފެންނަމުން ދިޔައެވެ. އޭނާގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔަ ކަހަލައެވެ. "ޒޯއީ.... ކިހިނެއްވީ..." ޒޯއީގެ ކޮނޑުގައި މެހެކް ހިފާލަމުން ވާހަކަ ދެއްކީ އޭނާއަށް ވެފައި ހުރި ގޮތް ދެނެގަންނަން ބޭނުންވުމުންނެވެ.

"ބައްޕަ އެއްޗެކޭ ބުނީތަ..." ޒޯއީ ވަތް ދޮރާ ދިމާއަށް ވަގުވަގަށް ނަޒަރު ހިންގާލަމުން މެހެކް ސުވާލުކޮށްލީ ޒޯއީއަށް ވެފައި ހުރިގޮތް އޭނާއަށް ނޭނގުނީމައެވެ.

"އެ އަންހެންމީހާ ހޯދަން ބޭނުމީ... އެއީ ކާކު... ބައްޕައާ އޭނާއާ އޮތީ ކޮން ގުޅުމެއް..." ބަދިގެ ތެރެއިން ނިކުތް ތަޒްކިޔާއަށް ޒޯއީގެ ވަރުގަދަ އަޑުން ދައްކަމުން ދިޔަ ވާހަކަތައް ސާފުކޮށް އިވުނެވެ. ތަޒްކިޔާ އަތުގައި ހުރި ތަށިތައް އަތުން ދޫ ނުވީ ހަމަ ކިރިޔާއެވެ. އެތަށިތައް މޭޒުމަތީ ބެހެއްޓުމަށްފަހު ޒޯއީމެން ތިބި ދިމާއަށް ދާން ތަޒްކިޔާ މިސްރާބުޖެހީ ވަރަށް އަވަހަށެވެ.

"ކާކުތަ... ކީކޭތަ ތި ކިޔަނީ.. ކިހިނެއްވީތަ؟..." ވެގެން އުޅޭ ގޮތް ދޭހަނުވާ ހާލުގައި ހުރި މެހެކް ޒޯއީގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. "ކޮން އަންހެނެއްތަ؟..."

"މަންޝާ.... އެ އަންހެނާ ހޯދައިގެން އޭނާގެ ދުވަސް ދުއްވާލާނަން...." ރުޅިއައިސް ރަތްވެފައި ހުރެ ޒޯއީ ވާހަކަ ދައްކަމުން ދިޔައިރު އޭނާއަށް އެކިޔެނީ ކިހާވަރެއްގެ އެއްޗެއްކަންވެސް ދޭހަ ނުވާ ކަހަލައެވެ.

"ކީކޭ؟... ކާކޭ؟.." ތަޒްކިޔާގެ ސުވާލުތަކަށް ދެކުދިންނަށް އެއްފަހަރާ ތަޒްކިޔާ ހުރި ދިމާއަށް ބަލާލެވުނެވެ. މެހެކް ވިސްނާލީ ވާހަކަ އޮޅުވާލަން ބުނާނެ އެއްޗަކާ މެދުގައެވެ. މެހެކަށް ޖަވާބެއް ނުދެވެނީސް ޒޯއީ މޭ ފުއްޕާލާފައި ވާހަކަ ދައްކަން ފެށީ އެއްވެސް ޖެހިލުމެއް ނެތިއެވެ. "އާން.. މަންމައަށް އިނގޭތަ ބައްޕަ ކޮންމެވެސް އަންހެނަކާ ހެދި ރޮނީ.. ބައްޕައަށް އެ ވަރުގެ އަނިޔާއެއް ދިން މީހެއްގެ ދުވަސް ދުއްވާލާނަން... އަހަރެން އެ މަންޝާ ހޯދާނަން. މަރާލާ...."

ޒޯއީގެ ދުލުން ނުކުންނަމުން ދިޔަ ހަރުކަށިބަސްތަކަށް މެދުކެނޑުމެއް އައީ ޒޯއީގެ ކަންކަށިމައްޗަށް އެރި ހޫނު އެތިފަހަރާއެކު ތަޒްކިޔާގެ އަނގައިން ނިކުތް ބަސްތަކުންނެވެ. "މައިތިރިވޭ ޒޯއީ... ކިޔޭ ނުކިއޭއެއް އިނގޭތަ..."

"މަންމައަށް ވެސް އެނގޭދޯ ބައްޕަ އެވަރުގެ ކަމެއް ކުރާކަން.. އެ މަންޝާއަކާ ހެދި އެއުޅޭނީ... މަ މިފަށެއްވެސް ބޭނުމެއް ނޫން... މި މަލަކީވެސް އެ ބުނާ މަންޝާއަކަށް ނިސްބަތްވާ އެއްޗެއް..." ކަރުގައި އަޅާފައިވާ ފަށުގެ ފުލުގައި ހިފާ ދަމައިގަތުމުން ފަށް ކަނޑައިގެން ދިޔައެވެ. އަތުކޮޅަށް އެފަށް ހޫރާލުމުން އެފަށްގޮސް ޖެހުނީ މެހެކްގެ ފައިދަށަށެވެ.

"އެއީ އިންސާނެއްތަ... އެހެންވެއްޖިއްޔާ ހަމަ މޮޔަކޮށްލާނީ... އަހަރެން މިދަނީ ތި މަންޝާ ހޯދަން..." ގޭގެ މައިދޮރާ ދިމާއަށް ޒޯއީގެ ފިޔަވަޅު އަވަސްކޮށްލި އިރު ތަޒްކިޔާ ހުރީ އެ ހުރި ފިޔަވަޅުމަތީ ހުއްޓުން އަރާފައެވެ. އޭނާގެ ދެއަތް މުށްކަވައިގެން ހުރިއިރު އެތައް ކަމެއް ހިފަހައްޓަން އޭނާ މަސައްކަތް ކުރަމުން ދިޔަ ކަހަލައެވެ.

"ޒޯއީ... ދަރިފުޅާ... މަޑުކޮށްބަލަ... ތިހެން ރުޅިއައިސްގެން ކުރެވޭ އެންމެ ކަމަކުންވެސް ދަރިފުޅު މުޅި އުމުރަށް ހިތާމަ ކުރަން ޖެހިދާނެ... މަންޝާ އެއީ ދަރިފުޅު ތި ހީކުރާ ކަހަލަ މީހެއް ނޫނޭ... ތި ރުޅިމަޑުކޮށްފަ އާދޭ އެތެރެއަށް..." ތަޒްކިޔާގެ ދުލުން އެބަސްތައް ނިކުތްއިރު އޭނާގެ ކަކުލުން ވާގި ދޫވެ މީހާ ހުރިތަނަށް ތިރިވިއެވެ. އެހުރިހާ ވާހަކައެއް އޭނަ ހިއްސާކުރި އިރުވެސް މަންޝާގެ ހަގީގަތް އޭނާ ހާމަ ނުކޮށް ހިފަހައްޓާލީ ވޭތުވެދިޔަ 20 އަހަރުވެސް އޭނާ ކެތްކުރި އުސޫލުންނެވެ.

"ބައްޕަ އެހެން އަންހެނެއް މަތިން ހަނދާންކޮށް ރޮއެ ހަދާތަން ބަލަން ހުންނަން މަންމައަށް ކުޅަދާނަތަ... މަންމަ ރޯތަން ބަލާކަށް ޒޯއީއަކަށް ނުހުރެވޭނެ... ބައްޕަ ލޯބިވާން ޖެހޭނީ މަންމަ ދެކެ... އެހެންމީހެއް މަތިން ހަނދާންކޮށް ރޮއެހެދުން އެއީ ބައްޕައަށް ކުރެވޭ ވަރަށް ގޯސްކަމެއް... އަހަރެން ބައްޕައަށް ވިސްނައިދޭނަން... ބައްޕައާ ވާހަކަ ދައްކާނަން... އެވަރުން އެކަން ނުހުއްޓިއްޖިއްޔާ ދެން އަހަރެން މަންޝާ ހޯދާނަން... ތި މަންޝާއަކީ ކިހާވަރެއްގެ މީހެއްތޯވެސް ބަލާލަންވާނެއްނު..."

އަދިވެސް ޒޯއީ ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ތަޒްކިޔާއަށް ދެވިފައިވާ ތަރުބިއްޔަތުގައި އުނިކަމެއް ހުރީ ބާއޭ އޭނާގެ ހިތަށް އެރުމުން އޭނާ ބަޑިފަޅައިގެން ދިޔައެވެ. މެހެކް އައިސް ތަޒްކިޔާގެ ކޮނޑުގައި ހިފަހައްޓަމުން ޒޯއީއާ ދިމާއަށް ބަލާލިއެވެ. "ޒޯ.. ޕްލީސް.. ރުޅިމަޑުކޮށްފަ އާދޭ އެތެރެއަށް... ބޮޑެތި މީހުންގެ ކަންކަމާ ކުޑަކުދިން ބެހޭކަށް ނުވާނޭ..."

"މެހެކްއަށްވެސް ބައްޕަ ރޯން އިންތަން ފެނުނުނަމަ އިނގޭނީ... އަހަރެމެންނަށް ދުނިޔެއަށް ދިޔުން މަނާކޮށްފައި އޮތީވެސް ކޮންމެވެސް ކަމެއް ވެގެން... އެހެންނޫންނަމަ ފަތިހު ހޭލައިގެން ބައްޕަ އެ ގަސްދަށަށްގޮސް ރޯން އިންނަންޖެހޭ ސަބަބެއް ނެތް... މަންމަވެސް އަޅުގަނޑުމެންނަށް ކަމެއް ފޮރުވާކަން މިއަދު އެނގިއްޖެ... މަންޝާ ހޯދައިގެން ނޫނީ ދެން މިކަމުގެ ހަގީގަތެއް ނޭނގޭނެ... ބައްޕަގެ ލައިފްގަ މަންމައަކީ މިއަދު ކިހާ މުހިއްމު މީހެއްބާއޭ ހިތަށް އަރާ..." ޒޯއީ ތަޒްކިޔާއަށް ފުރަގަސްދެމުން ހަށަންބަނދެލިއެވެ. އޭނާއަށްވެސް އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހިފެހެއްޓޭގޮތެއް ނުވިއެވެ.

"ތަޒްކިޔާއަކީ ޒިބާންގެ އަނބިމީހާ... ތިކުދިން ބަލައިބޮޑުކުރި މީހާ.. މަންމައެއްގެ މަގާމުގަ ހުރެ ތިކުދިންނަށް ލޯބި ދިން މީހާ..." ސަކޭރާގެ ވަރުގަދަ އަޑު ޖެހުމާއެކީ އެންމެންނަށް އެއްފަހަރާ ބަދިގެފަރާތަށް ބަލާލެވުނެވެ. އޭރު އުނަގަނޑުގައި އަތް ވިއްދައިގެން ހުރި ސަކޭރާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ޒޯއީ އިސްޖަހާލީ ސަކޭރާ ރުޅިއައިސްފައި ހުރިކަން އެނގުމުންނެވެ. ނަމަވެސް މިއަދު އޭނާ އެތައް ކަމެއްގެ ހަގީގަތް އޮޅުންފިލުވަން ބޭނުންވެފައިވުމުން އާ ހިތްވަރެއްލާ ސަކޭރާއާ ކުރިމަތިލިއެވެ.

"ދެން މަންޝާ އެއީ ކާކު... މަންމަ އެހާ ރަނގަޅުއިރު ބައްޕަ ކީއްކުރަން މަންޝާއެއް ނުލިބިގެން އެ ރޮނީ... ދުނިޔެއަށް ފައިބެގެން ބައްޕަ މަންޝާ ހޯދަން އެ މަސައްކަތް ކުރަނީ ކީއްވެ..." ޒޯއީގެ ސިކުނޑީގައި ފުނިޖެހި އުތުރެމުންދިޔަ ސުވާލުތައް އެއްފައްޗަކަށް އަމުނާލި އިރު ޒޯއީގެ އަޑުވެސް ދިޔައީ ފަހަރެއް ފަހަރެއް ބާރުވަމުންނެވެ.

ސަކޭރާއާ ދިމާއަށް ބަލާލުމަށްފަހު ތަޒްކިޔާ ބޯ ހޫރުވާލީ ޒޯއީ ކުރި ސުވާލުތަކަށް ޖަވާބެއް ދީފާނެތީއެވެ. ތަޒްކިޔާގެ މޫނަށް ބަލާލުމަށްފަހު ސަކޭރާ ކުރިއަށް ޖެހީލީ ޒޯއީއާ ހަތަރުކަޅި ހަމަކުރަމުންނެވެ.

ޒޯއީއަށް ގޭތެރެއިން އެއްވެސް މީހަކު ޖަވާބެއް ނުދޭނެހެން ހީވުމުން ފަސްއެނބުރި ގެއިން ބޭރަށް ނިކުންނަށް ފިޔަވަޅު އަވަސްކޮށްލިއެވެ. ގޭގެ އޮޅިގަނޑު ގިރާކުރަން އެޅި ފިޔަވަޅަށް ހުއްޓުމެއް އައީ ސަކޭރާ އެއްޗެކޭ ބުނެ ހަޅޭއްލަވައިގަތުމުންނެވެ.

"މަންޝާއަކީ ޒޯއީގެ އަސްލު މަންމަ...."

ގެއިން ނިކުންނަށް ހިފާލާފަހުރި ޒޯއީ އެ ހުރިތަނަށް ގަނޑުވިކަހަލައެވެ. ސަކޭރާމެންނަށް ފުރަގަސް ދީގެން އޭނާ ހުރި އިރު އޭނާއަށް ރޮވެނީއެވެ. ސަކޭރާ ދެއްކި ވާހަކަތައް ގަބޫލުކުރަން ދަތިވެ ހިތަށް އުނދަގޫވިއެވެ. މަންޝާއެކޭ ކިޔާ އަންހެންމީހާ ޒޯއީގެ މަންމައަށް ވާނީ ކިހިނެއް ހެއްޔެވެ. ތަޒްކިޔާއަކީ އޭނާގެ މަންމައެވެ. ތަޒްކިޔާ ނޫން ދެވަނަ މީހަކަށް މަންމަ ކިޔުނު ހަނދާނެއް ޒޯއީގެ ނެތެވެ. މެހެކްއަށްވެސް ސަކޭރާ ބުނި އެއްޗެއްގެ ސަބަބުން ހައިރާންވެފައި ބަލަން ހުރެވުނެވެ. އެއްފަހަރު ސަކޭރާ އާ ދިމާއަށް އަނެއްފަހަރު ޒޯއީއާ ދިމާއަށް އޭނާ ބަލަމުންދިޔައިރު އޭނާގެ ހިތަށްވެސް އުނދަގޫތަކެއް ވިއެވެ.

"އާން... މަންޝާއަކީ ޒޯއީ ބަނޑުއަޅާ ވިހެއި މައިމީހާ... އެއީ ވަރަށް ރަނގަޅު އަންހެނެއް... އިންސާނެއް.. އިންސާނަކަށް ވީކަން އެއީ މަންޝާގެ ބަދުނަސީބުކަން... އެހެންނޫންނަމަ އޭނާ މިތާ ހުރީސް... މިހާރު އޭނާ ވަނީ އަހަރެމެންނަށް ގެއްލިފަ... މަންޝާ ދުނިޔޭގައި ހުރިކަމަށް ޒިބާން ގަބޫލު ކުރިއަސް އަހަރެމެން މިހާރު އުންމީދު ކަނޑާލައިފިން..." މަންޝާއާ ބެހޭ ގޮތުން ވާހަކަ ދެއްކެން ފެށުމާއެކީ މީގެ ވިހިއަހަރު ކުރިން ޒޯއީއާއި މެހެކް އުފަންވީ އެ ހިތްދަތި ދުވަސް ހަނދާންވުމުން ސަކޭރާގެ މޭގައި ރިހުމެއް އުފެދުނެވެ.

މޭގައި އަތް އަޅައިގެން ހުރެ ރޮމުން ސަކޭރާ އެތެރެއަށް ވަނެއެވެ. ތަޒްކިޔާވެސް ތެދުވެގެން ބޮޑުދައިތަ ފަހަތުން އެތެރެއަށް ދިޔައީ އޭނާގެ ބަލި ހާލަތުވެސް މިހާރު ހުންނަ ގޮތުންނެވެ. މެހެކް އާއި ޒޯއީ އެކަކު އަނެކަކުގެ މޫނަށް ބަލަން ހުރި އިރު އެކަކަށްވެސް އިސްނަގައިގެން ވާހަކަ ދައްކާކަށް ނުކެރުނެވެ. މަޑު ފިޔަވަޅުތަކެއްގައި ޒޯއީ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއިރު އޭނާ ހީވަނީ ގަބުވެފައި ހުރި ހެންނެވެ. ތަކުރާރުކޮށް ސަކޭރާގެ ދުލުން ބޭރުކޮށްލި ބަސްތައް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.

"މަންޝާއަކީ ޒޯއީގެ އަސްލު މަންމަ.... އަސްލު މަންމަ..."

ތަޒްކިޔާއަކީ އަމިއްލަ މަންމަ ކަމަށް ދެކިގެން މިއޮއްހާ ދުވަހު އުޅުނު ޒޯއީއަށް އެއީ އޭނާގެ އަސްލު މަންމަ ނޫންކަން އެނގުމުން ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރިގެން ދިޔައެވެ. ދުވަހަކުވެސް އޭނާގެ ލޮލުން ދެކެފައިވާ ނުވާ މަންމަ ދުށުމަށް އޭނާގެ ހިތް އެދެމުން ދިޔައީ ކީއްވެ ކަމެއް ނޭނގެއެވެ.

*** *** *** *** *** ***

ކާރެއް އައިސް މަޑުކޮށްލި އިރު ގޯތިތެރެއަށް އޭގެ އަލި ކޮންމެވެސް ވަރަކަށް އެޅުނެވެ. އެއީ ކޮންބައެއްތޯ ބަލާލަން ބޭނުންވެފައި ހުރުމުން ކިޝަންއާ ދުރަށް ޖެހިލުމަށްފަހު ބޭރު ބަލާލަން މަންޝާ މަސައްކަތް ކުރިއެވެ. ކާރުގެ ދޮރުފަތް ލައްޕާލި އަޑާއެކު މަންޝާގެ އަތުގެ މުލައްދަނޑީގައި ހިފާ ކިޝަން ހުރި ދިމާއަށް މަންޝާ ދަމައިގަތުމާއެކީ މަންޝާގެ އަނގަމަތީގައި އޭނާ އަތްއެޅިއެވެ. ކިޝަންގެ ހަށިގަނޑުގައި ލައްވެގެން ހުރި މަންޝާއަށް ދެލޯ ބޮޑުކޮށްލެވުނީ ކުއްލިއަކަށް ކިޝަން ގެނައި ހަރަކާތުންނެވެ.

ވައި އަޑުން މަންޝާގެ ކަންފަތްދޮށުގައި ކިޝަން ބުނި ބަސްތައް މަންޝާގެ ކަންފަތަށް ވާސިލްވެގެން ދިއުމުން ހިމޭންވިއެވެ. "މަޑުން ހުރޭ.. އަހަރެން މިތާ ހުއްޓާ ފެނިއްޖިއްޔާ ކަމަކު ނުދާނެ..."

ގޭތެރެއަށް ވަދެގެން އައި ނައުރީން މަޑުމަޑުން ގޯތިތެރެއަށް ނަޒަރު ހިންގާލީ ގޯތިތެރޭ މީހަކު އުޅޭހެން ހީވުމުންނެވެ. އެތަނަށް އަލިވާ ގޮތަށް ހުރި ބޮކި ނުދިއްލާ ހުރުމުން ސްވިޗް ޖައްސާލުމަށްފަހު ޖޯލިތަކާ ދިމާއަށް ނައުރީން ނަޒަރު ހިންގާލީ އޭނާއަށް ކުރެވުނު އިހްސާސް ޔަގީން ކުރާށެވެ. ޝާޔާ އުރާލައިގެން ހުރި އަޒީމް ގޭތެރެއަށް ވަންނަމުން ނައުރީންއަށް ގޮވާލީ ގޯތިތެރެއަށް ބަލަން ނައުރީން ހުރުމުންނެވެ. "ކިހިނެއްވީ..."

"ކަމެއް ނުވޭ.. މިތާ ބޮކި ނުދިއްލާ ހުރީމަ؟.. ކޮބާ މަންޝާ؟.. އޭނަ ގޭގަ ނެތީތަ؟..." ގޭތެރެއަށް ވަންނަމުން ނައުރީން މިސްރާބުޖެހީ މަންޝާގެ ކޮޓަރިއާ ދިމާއަށެވެ.

އެގޭ ކުރިމަތީ އޮތް ކާރު އެތަނުން ދިއުމުން ކިޝަންއާ ކުރިމަތިލާން މަންޝާ އެނބުރިލިއެވެ. ކިޝާން މިތާ ހުއްޓާ އަޒީމަށް ފެނިގެން ކަމެއް ގޯސްވާން އޭނަ ނޭދޭކަން އެނގުމުން މަންޝާގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. "މީހަކަށް ފެނިދާނެތީ ދޯ.."

މަންޝާގެ މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ކަންފަތް ދަށަށް ލައްވާލަމުން މަންޝާގެ މޫނަށް ކިޝަން ބަލާލިއެވެ. އޭނާގެ ބެލުމުގައި ހިތް ދަމައިގަންނަ ގޮތެއް ހުރުމުން މަންޝާއަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ވިއެވެ. ކިޝަން ކުރިއަށް ޖެހިލަމުން މަންޝާގެ އުނަގަނޑުގައި ހިފާލިއެވެ. މަންޝާ ވެސް މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅާލީ ކިޝަންގެ ސޫރައިން އޭނާއަށް އެއީ ހާއްސަ މީހެއްކަމަށް އިހްސާސް ވާތީއެވެ. ނަމަވެސް މިގޮތަށް ގައިގޯޅިވުމަކީ އަދި ރަނގަޅުކަމެއް ކަމަކަށް މަންޝާގެ ސިކުނޑި ގަބޫލެއް ނުކުރެއެވެ. ހިތުގެ ވިންދު އަވަސްވަމުން ދިއުމުން މަންޝާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

*** *** *** *** *** ***

ފާރުބުރިމަތީ ބަނޑުއަޅައިގެން އޮވެ އެތެރެއަށް ބޯދިއްކޮށްލަމުން ވަށައިގެން ނަޒަރު ހިންގާލި އަންހެންމީހާގެ ލޮލުގައި މަންޝާ އަޅައިގަތީ އެތަނުގައިވާ ބޮކީގެ ފަނޑު އަލިކަން ހުރީތީއެވެ. މަންޝާގެ ހަރަކާތްތަކަށް ބަލަން ހުރި އަންހެންމީހާއަށް ފާރުގެ ނިވަލުގައި އިތުރު މީހަކު ހުރިކަމުގެ އިހްސާސް ކުރެވުނީ މަންޝާ މީހަކާ ވާހަކަ ދައްކާހެން ހީވުމުންނެވެ. ފާރައަށް ހުރެ އޭނާ މަސައްކަތް ކުރަމުން ދިޔައީ މަންޝާ ދައްކަމުން ދިޔަ ވާހަކަ އަޑުއިވޭނެ ގޮތެއްވޭތޯއެވެ. އެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަ އަޑު އިވިއްޖެނަމަ އެތާ ހުރި ދެވަނަ މީހާ ދެނެގަތުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ.

އަންހެންމީހާގެ މޫނަށް އެޅުނު ގަދަ އައްޔެއްގެ ސަބަބުން މޫނާ ދިމާއަށް އަތް ހުރަސްކޮށްލަމުން ބަލާލީ އެތާ ކައިރިއަށް މަޑުކޮށްލި ސައިކަލު ފެނުމުންނެވެ. ސައިކަލުގެ ލައިޓުގެ ސަބަބުން އޭގައި ތިބި މީހުން ދެނެގަންނާކަށް ނޭނގުނެވެ. ސައިކަލުގެ އަލި ނިވުމާއެކީ އެ އަންހެން މީހާގެ މޫނުމައްޗަށް ހުރަސްކުރި އަތް ދުރަށް ޖައްސާލަމުން އޭގައި ތިބި މީހުންނަށް ބަލާލިއެވެ. ހޫދުގެ ފަހަތުގައި އިން ޝީން ސައިކަލުން ފޭބުމަށްފަހު ގޭތެރެއަށް ވަނުމަށް އަވަސްވެގަތެވެ. ޝީން ގޭތެރެއަށް ވަނުމުން ހޫދު ބަލާލީ އެގޭ ކައިރީ މޫނު ބުރުގާ އަޅައިގެން ހުރި އަންހެން މީހާ އާ ދިމާއަށެވެ.

(ނުނިމޭ)