މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރާ ފިއުލް ސްކިޑްތަކުގެ މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު"ގައި ތެޔޮ ލިބޭނެ މަގުފަހިކޮށް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު ޕީއެސްއެމްއަށް މައުލޫމާތު ދެމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހާރިސް މުހައްމަދު ވިދާޅުވީ، ސަރުކާރުން އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމްކުރާ ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.
އެ ގޮތުން ހާރިސް ވިދާޅުވީ މި މަސައްކަތުގެ 78 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށާ، ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
މި ޕްރޮޖެކްޓްގެ ފުރަތަމަ ފިއުލް ސްކިޑް މިދިޔަ އަހަރުގެ ޑިސެންބަރ މަހުގެ ތެރޭގައި ރ. ދުވާފަރުގައި ހުޅުވާފައިވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިހާރުވެސް ބައެއް ރަށްރަށުގައި ފައުންޑޭޝަން އެޅުމާ، ބިމުގެ އަޑީގައި ވަޅުލަންޖެހޭ ހޮޅި ވަޅުލުމާ އަދި ރާއްޖެއިން ބޭރުން ގެންދަންޖެހޭ ސާމާނުތައް ރާއްޖެ ގެނެސް ރަށްރަށަށް ގެންދިއުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ.
ރާއްޖޭގެ ޖުމްލަ 18 ރަށެއްގައި ފިއުލް ސްކިޑްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ އެސްޓީއޯ އާއި އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށެވެ.
