"ދާންވީނު ހޮސްޕިޓަލަށް... އަތުގަ ބޭސްއަޅައިގެން އާދޭ..." ޖީބުން ފައްސަތޭކަ ރުފިޔާގެ ނޫޓެއް ނަގާ ޝާކިރުއަތަށް ދިއްކޮށްލަމުން ޟީރާރު ވާހަކަ ދެއްކީ އެ އާއިލާގެ ހާލަތު އޭނާއަށް އެނގޭތީއެވެ. ކަކޫ ޖަހާ ތިރިވެ ޟިރާރަށް ޝުކުރު އަދާކުރަމުންދިޔަ ޝާކިރުގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ.

*** *** *** *** *** ***

ދުރުދުރުން މަންޒަރު ބަލަން ހުރި ޝީން ވިސްނަމުން ދިޔައެވެ. ސިއްސައިގެންގޮސް ޝީންއަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. ޝީން ކޮނޑުގައި ކޮއްޓާލި ހޫދަށް ފަހަތަށް ޖެހިލަމުން ސޮރީއޭ ބުނެލީ އޭނަ ސިއްސައިގެންދިޔަކަން އެނގުމުންނެވެ.

"އެއީ ކޮން ކުއްޖެއްތަ؟.. ބަލި ކުއްޖަކީތަ؟.." ދެމީހަކު ވެގެން އަތުލަފިކޮށްގެން ސީމާ ގެންދާ މަންޒަރަށް ބަލަން ހުރުމަށްފަހު ހޫދު ސުވާލު ކޮށްލީ އޭނާއަށް ވާނުވާ ނޭނގޭތީއެވެ.

"އެއީ.. އަހަރެންނާ އެއް ކުލާހެއްގަ ކިޔަވަން އުޅުނު ކުއްޖެއް... އޭނާ ހުންނަނީ ޖިންނި މޮޔަވެފަ... ކޮންމެ މަހެއްގެ މިހާ ހިސާބުގަ އުޅޭނީ އެހެން... މައިތިރި ނުކުރެވޭނެ.." އެއް އަތުން ހިފަހައްޓައިގެން ހުރި ފައިވާން ދޮންވެލިގަނޑުމަތީ ބަހައްޓަމުން ފައިވާންމަތީ ޝީން އިށީނދެ ހަމަޖެހިލިއެވެ.

"އެހެންތަ؟.. އަސްލު އޭނައަށް ކިހިނެއްތަ ވީ؟.. މޮޔަވީ ކީއްވެގެންކަން އެނގޭތަ؟.." ހޫދު އަތުގައި އޮތް ގާކޮޅު މޫދާ ދިމާއަށް ހޫރާލަމުން އަހާލިއެވެ. ދެއަތަށް ޝީން ބޯ ހޫރުވާލީ އޭނާއަށް އެއްވެސް ކަމެއް ނޭނގޭ ވާހަކަ ބުނާށެވެ.

"މިއަދު ދިމާވީ ޝީންގެ މަންމައާ ދޯ؟.. ޝީންއާ ވަރަށް ވައްތަރު..." މާޔޫސްވެފައިވާ ޝީންގެ މޫނަށް ބަލަން ހުރުމަށްފަހު ހޫދު ބޭނުންވީ މައުލޫ ބަދަލުކޮށްލާށެވެ.

"ވައްތަރު ދޯ... މަންމަ ވަރަށް ނައިސް ވާނެ... ދެން އުޅޭނީ މަންޝޫ.. އަސްލު މަންޝޫ އަކީ މައި ސްޓެޕް މޮމް... ކުރިން ދުވަހު ދިމާވިއެއްނު... ފެންޖަހަން އުޅުނު ދުވަހު.." މަންޝާގެ ވާހަކަ ދައްކަން ފެށުމުން ޝައުގުވެރިކަމާއެކު ހޫދު ކުރިއަށް ޖެހިލިއެވެ. ޝީންގެ ކައިރީ އިށީނދެ ހަމަޖެހިލިއެވެ. "މަންޝޫއޭ..." ނޭނގޭ ކަމަށް ހެދެމުން ނިތައް ރޫ ގިނަކޮށްލުމަށްފަހު ހޫދު އެ ނަން ކިޔާލީ ދަމާލާފައެވެ.

"ހެހެހެ.. އަސްލު ކިޔަނީ މަންޝާ.. އެއީ ޝީން ލޯބިން ކިޔާ ގޮތޭ.." ޝީންގެ ފޯނު ރިންގްވާން ފެށުމުން ފޯނު ނަގަމުން ދޮންވެލިގަނޑުމަތިން އޭނާ ތެދުވިއެވެ.

"އޯނޯ.. އެގުޅަނީ މަންޝޫ.. ޝްޝްޝް... ހަލޯ ކީކޭ މަންޝޫ..." ތަންކޮޅެއް ދުރަށް ޖެހިލަމުން ފޯނަށް ޝީން ވާހަކަ ދެއްކިއެވެ.

"ކޮންތާކު ތިހުރީ... އެކަނިތަ ތިއުޅެނީ.." މަންޝާ ބެނުންވީ ޝީން ހުރި ތަނެއް ޔަގީން ކުރާށެވެ.

"ކިހިނެއްވީ؟..." ޝީން ވާހަކަ ދައްކަމުން ދެފަރާތަށް ބަލާލީ އޭނާ ހުރިތަން މަންޝާއަށް ފެނުނީބާއޭ ހިތަށް އެރުމުންނެވެ.

"އާދެބަލަ މާމަ ގެއަށް... އެކަނި ގެއަށް ނުދާންވެގެން މީނީ..." މަންޝާ ބަލާ އަންނަން އެދުމުން ޝީން މިދަނީ ކަމަށް ބުނެ ފޯނު ކަނޑާލުމަށްފަހު ފަސްއެނބުރުނު ވަގުތު ހޫދުގެ މޭގައި ޖެހިގަނެވުނެވެ. ހޫދުގެ މޫނަށް ބަލަން ހުރި ޝީންއަށް ބުނަން އުޅުނު ވާހަކަ ހަނދާން ނެތުނެވެ. ޝީންގެ މޫނަށް ބަލަން ހުރުމަށްފަހު ހޫދު އަތް ދިއްކޮށްލިއެވެ. ހޫދުގެ ރީތި ހިނިތުންވުމަށް ގެއްލިފައި ހުރެ ޝީންގެ އަތުގައި އޮތް ފޯނު ހޫދު އަތަށް ދެވުނުކަން ވެސް ޝީންއަކަށް ނޭނގުނެވެ. އެފޯނުގެ ސްކްރީނުގައި ފަރިތަކަމާއެކު ފިއްތަމުން ދިޔައިރު ޝީންއަށް ކަމެއް ރޭކާ ނުލާ ކަހަލައެވެ. ހޫދުގެ ފަން އިސްތަށިގަނޑާއި ރީތި ދެލޮލަށް ކިތަންމެ އިރެއް ވަންދެން ބަލަން ޝީންއަށް ހުރެވިދާނެއެވެ. ފޫހިކަމެއް ނެތިއެވެ.

"ހިނގާ ދާން..." ޝީންގެ މޫނުމައްޗަށް އަތް ހުރަސްްކޮށްލުމަށްފަހު ހޫދު ފުއްޓަކި ޖަހާލުމުން ޝީންއަށް ހަމަބިމަށް ފޭބުނު ކަހަލައެވެ. ޝީންއާ ދިމާއަށް ފޯނު ދިއްކޮށްލަމުން ދާން ހިނގާށޭ ބުނެ ހޫދު ހިނގައިގަތެވެ. "އޭ.. މަޑުކޮށްބަލަ.. ދެންމެ މަންޝޫ ގުޅާފަ ބުނީ މާމަ ގެއަށް އަންނާށޯ.. ޔަގީން މަންޝޫއަށް އެކަނި ގެއަށް އަންނަން ނުކެރުނީކަން.. ހިނގާ މަންޝޫ ބަލާދާން..."

*** *** *** *** *** ***

ޖިފުޓިން ހަދާފައިވާ ގޭތެރެއަށް ބޯދިއްކޮށްލަމުން ވަށައިގެން ޟިރާރު ބަލާލީ އިށީންނާނެ ތަނެއް ހުރިތޯއެވެ. އެއްފަރާތެއްގައި ހުރި ރޯނު އެނދުގައި އިށީންނަމުން ޟީރާރު ކައިރީ އަންނާށޭ ބުނެ ޝާކިރު އަތް ހަނާއަޅާލިއެވެ. އެތެރެއިން ނިކުން ލަތީފާއަށް ޟިރާރު ފެނުމާއެކު އިސްޖަހާލިއެވެ. "ކޮބާ ސީމާ؟.. ނިދިފަ ދޯ އޮތީ..." ލަތީފާއާ ދިމާއަށް މަތިން ތިރިއަށް ބަލާލަމުން ޟިރާރު ވާހަކަ ދެއްކީ ސީމާގެ ހާލު އޮޅުން ފިލުވުމަށެވެ.

"އާދެ.. ނިދިފަ އޮތީ؟.." ޟިރާރުގެ އެ ބެލުމުން ލަތީފާއަށް އުނދަގޫތަކެއްވަމުން ދިޔަ ނަމަވެސް މިއިން އެއްވެސް ކަމެއް ޝާކިރަކަށް ރޭކައެއް ނުލައެވެ. އިސްއުފުލާލަމުން ޟިރާރާ ދިމާއަށް ލަތީފާ ބަލާލީ އެއްޗެއް ބޭނުންތޯ އަހާލާށެވެ. "އެއްޗެއް ބޭނުންތޯ؟.."

"ފެން ފޮދެއް..." ލުއި ހިނިތުންވުމަކާ އެކީ ޟިރާރު ޖަވާބު ދިނުމުން ލަތީފާ އެތެރެ ގެއަށް ވަދެގެން ދިޔައެވެ.

"ސީމާ ރަނގަޅުކޮށްދޭން އަހަރެން މަސައްކަތް ކޮށްދީފާނަން.. ސީމާ ރަނގަޅުކޮށްދެވޭވަރުގެ މީހަކު އެބަހުރި..." ޟިރާރުގެ ބޭނުން ހާމަ ކުރުމުން ޝާކިރު އިސްޖަހާލިއެވެ.

"އަޅުގަނޑަކީ ނިކަމެއްޗެއް... ސީމާ ބަލިވީ ފަހުން މަސައްކަތު ދާން ވެސް ނުކެރިފަ މިހުންނަނީ... ޟިރާރު ތިކޮށްދެއްވަން އުޅޭ ކަންތަކުގެ ބަދަލު އަޅުގަނޑަކަށް ނުދެވޭނެ..." އިސްއޮބައިގެން ހުރެ އެ އާއިލާގެ ހާލަތު ޝާކިރު ކިޔައިދެމުން ދިޔައިރު ލަގޮނޑީގައި ރިހުމެއް އުފެދުނެވެ.

"އަހަރެންނަށް ޝާކިރު އެއްވެސް އެއްޗެއް ދޭނެކަމެއް ނެތް... އަހަރެން މިކަން މިކޮށްދެނީ ހިތުންރުހުމުން.. ތީވެސް އަހަރެން ކަހަލަ އިންސާނެއް... އަހަރެމެން އެކަކު އަނެކަކަށް އެހީނުވެ ކިހިނެއް އުޅޭނީ... ބަދަލުގައި އަގެއް އަދާ ކުރާނެ ކަމެއް ނެތް؟.." ޟިރާރުގެ ވާހަކަ މެދުކެނޑުނު އިރު ލަތީފާ ފެންތަށި ހިފައިގެން އައިސް ޟިރާރު ކުރިމައްޗަށް ހުއްޓުނެވެ. ލިބުނު އުފާވެރި ޚަބަރާއިއެކު ޝާކިރުގެ ދެލޯ ކަރުނުން ތެތްމާލުމުން، އޭނާ ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅުން ދެލޯ ފޮހެލިއެވެ.

ލަތީފާ ދިއްކޮށްގެން ހުރި ފެންތަށީގައި ހިފަމުން ޟިރާރުގެ އިނގިލިތަކުން ލަތީފާގެ އަތުގައި މަޑުމަޑުން ބީހިލީ ނުލަފާ ޒާތަކަށް ހިނިއައިސްފައި ހުރެއެވެ. ޟިރާރުގެ މޫނަށް ބަލަންހުރެ ލަތީފާ އަތް ދަމައިގަތުމަށްފަހު ޝާކިރުގެ މޫނަށް ބަލާލީ އޭނާއަށް ކަމެއް ރޭކާލިތޯ ޔަގީންކުރާށެވެ. އެތާ ހުންނަން ލަތީފާއަށް އުނދަގޫވުމުން ދުވެފައި ކަހަލަ ގޮތަކަށް އެތެރެއަށް ވަނުމަށް އޭނާ އަވަސްވެގަތެވެ.

ލަތީފާގެ ހަރަކާތް ހުރިގޮތުން ޟިރާރު މަޑު ޖެހިލަމުން ޝާކިރާ ދިމާއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. "އޭނައަށްވެސް އުފަލުން ރޮވުނީ ކަންނޭނގެ.. އަހަރެމެން މިހާ ހާލުގަ އުޅޭއިރު.. އަހަރެމެންނާ އެހީވާނެ ހަމަ އެކަކުވެސް ނާދޭ... ޟިރާރު ކަހަލަ ރަނގަޅު މީހަކު މަދުވާނެ..." ވާހަކަ ދައްކަމުން ދިޔަ ޝާކިރު ބަޑި ފަޅައިގެންގޮސް ރޯން ފެށުމުން ޝާކިރުގެ އަތުގައި ޟީރާރު ހިފާލީ އޭނާއަށް ހިތްވަރު ދޭށެވެ.

ޟިރާރުގެ ސިކުނޑީގައި ރާވަމުންދިޔަ މޮޅު ހިޔާލުތަކާ ދޭތެރޭ ވިސްނާލެވުމުން އޭނާއަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

*** *** *** *** *** ***

ގައިގާ ސައިބޯނި ހާކަމުން ދިޔަ ނައުރީނަށް ސިހުމެއް ލިބުނީ ފާހާނާގައި މީހަކު އުޅޭކަމުގެ އިހްސާސެއް ވުމުންނެވެ. ވަށައިގެން ފާހާނާ ތެރެއަށް ބަލާލުމަށްފަހު މާގަނޑު ދޫކޮށްލިއެވެ. ގައިގާ ހުރި ސައިބޯނިތައް ފިލުވާލަމުން ހަރަކާތް އަވަސްކޮށްލީ ފާހާނާއިން އަވަހަށް ނިކުންނާށެވެ.

މަޣްރިބް ނަމާދަށް ބަންގި ގޮވިއަޑު އިވުމާއެކީ ނައުރީނަށް ފެންވަރަން މިވަދެވުނީ ރަނގަޅު ވަގުތެއްގައި ނޫން ކަން އެނގުނެވެ. ބިރުން ހުރެ ތުވާލިން ގައި ހިއްކާލުމަށްފަހު ގައިގާ ތުވާލި އޮޅާލައިގެން ކޮޓަރިން ބޭރަށް ނިކުތް އިރު ކޮޓަރިތެރޭ މީހަކު ހުރިތަން ފެނި ނައުރީނަށް ފަހަތަށް ޖެހެވުނެވެ. އިރުއޮއްސުމުން ކޮޓަރީގައި އެއްވެސް އަލިކަމެއް ނެތުމުން އެމީހާގެ ސިފަ ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ. އެމީހަކު ކުރިއަށް ހިނގަމުން އައިސް ނައުރީނާ ގާތްވާން ފެށުމުން ނައުރީން ފަހަތަށް ޖެހި، ދެލޯ މަރާ ބާރުކޮށްލިއެވެ. އެމީހާގެ ހޫނު ނޭވާ ނައުރީންއަށް އިހްސާސްވާން ފެށުމުން ނައިރީންގެ ފަޔަށް ލެވުނު ބާރެއްލާ އެމީހާ ގައިން ރެކިގެން ކުރިއަށް ދާން ދުއްވައިގަތެވެ. ޑްރެސިންގް ޓޭބަލް ކައިރީ ހުރި ބައްތީގެ ސްވިޗް ޖައްސާލުމާ އެކީ ކޮޓަރިއަށް ފަނޑުއަލިކަމެއް ވެރިވިއެވެ.

ނައުރީންގެ ނަޒަރު ހުސްކޮށްލެވުނީ ފާހާނާ ކައިރީ ހުރި މީހާއާ ދިމާއަށެވެ. އިސް އުފުލާލަމުން ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ނަގަމުން ނައުރީނާ ދިމާއަށް އޭނާ ފިޔަވަޅެއް އަޅާލިއެވެ. އެއީ އަޒީމްކަން އެނގުމުން ނައުރީންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މީގެ ކުރިން އަޒީމް އެހެން އުޅެފައި ނުވާތީ ނައުރީނަށް ބިރުން ދުރަށް ދެވުނީއެވެ.

އަޒީމް ކުރިއަށް ޖެހިލީ އޭނާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުންނެވެ. އަޒީމްގެ ދެލޯ އެންމެ ވަގުތު ކޮޅަކަށް ވެސް ނައުރީންގެ ހަށިގަނޑުން ވަކިކޮށެއް ނުލައެވެ. އެސްފިޔަ ޖެހުމެއް ނެތި ފެން ބޮވައިގެންފައިވާ ހިޔަޅެއްހެން ނައުރީނާ ދިމާއަށް އަޒީމް ބަލަމުން ދިޔުމުން ނައުރީން ލަދުގަތެވެ.

ނައުރީންގެ ހަށިގަނޑުގައި އޮޅުލައިގަތުމަށްފަހު އެ ހަށިގަނގު ނިވާކޮށްފައިވާ ތުވާލިކޮޅު ގައިން ވަކިކޮށްލާ އެނދާ ދިމާއަށް އަޒީމް ހޫރާލުމުން އަޒީމްގެ ހަށިގަނޑުގައި ނައުރީން ބައްދާލިއެވެ. މިފަހަރު އަޒީމްގެ އަމަލުތައް ހުރިގޮތުން އިބްޒީމާގެ މަސައްކަތުން ހެދި ފަންޑިތަ ކުރިން ފަހަރުތަކަށް ވުރެ ރަނގަޅުކަން ނައުރީނަށް ފާހަގަވިއެވެ. މިފަހަރު އަޒީމްގެ ފަރާތުން ކަންތައްތައް ފެންނަން ފެށިލެއް އަވަސްކަމުން ނައުރީންއަށް ހިނިތުންވެވުނެވެ.

*** *** *** *** *** ***

ހޫދާއި ޝީން މަގުގެ ދެކޮޅު ބަލަބަލާ ހުރީ މަންޝާގެ އިންތިޒާރުގައެވެ. "މަންޝާއަށް ގުޅާބަލަ..." ގަޑިއަށް ބަލާލުމަށްފަހު ބަންގި ގޮވައިފިކަން އެނގުމުން ހޫދު ބޭނުންވީ އަވަސްކޮށްލާށެވެ."

ގުޅައިފިން.. ބިޒީކޮށްލީ... އިރުކޮޅެއްވަންދެން ބަލާލާނީ ދޯ... އެވާނީ މާމަގެ ބޮޑު ވާހަކައިގަ ޖެހުނީ ކަމަށް..." ފޯނުގެ ސްކްރީނަށް ބަލަން ހުރެ ޝީން ވާހަކަ ދެއްކީ ހޫދުއާ ދިމާއަށް ބެލުމުން ޝީންގެ ހިތަށް އުނދަގޫވާ ކަހަލަ ގޮތްތަކެއް ވާތީއެވެ.

އެގެއިން ބޭރަށް ބޯދިއްކޮށްލަމުން މަންޝާ ދެފަރާތް ބަލާލީ ޝީން ހުރިތޯއެވެ. ހޫދުއަށް މަންޝާ ނުކުތްތަން ފެނުމުން މަންޝާއާ ދިމާއަށް އަތް ހަނާ އަޅާލިއެވެ. ގާތްގާތުގަ ކުދި ފިޔަވަޅުތަކެއް އަޅަމުން އެމީހުންނާ ހިސާބަށް މަންޝާ އައި އިރު އޭނާގެ މޫނުމަތިން އުދާސްކަމުގެ ކުލަވަރުތައް ފެންނަން ހުއްޓެވެ.

"ހިނގާ އަވަހަށް ގެއަށް ދާން..." ޝީންގެ އަތުގައި ހިފަހައްޓައިގެން ހުރެ ގެ ހުރި ދިމާއަށް ހިނގައިގަންނަމުން މަންޝާ ވާހަކަ ދެއްކިއެވެ. އޭނާގެ ދޫ ފަރިތަކަމުން އެބުނި އެއްޗެއް ޝީންމެންނަށް ސާފުކޮށް ދޭހައެއް ނުވިއެވެ. "މަންޝޫ... ވެއިޓް.. އެހާ ބާރަށް ޝީންއަކަށް ނުހިނގޭނޭ... މަޑުކޮށްލަބަލަ..." ޝީންގެ ފަޔަށް ވާޅު ކަމެއް އިހްސާސްވުމުން މަޑުކޮށްލިއެވެ.

"ކިހިނެއްވީ.. ޝީން ފައިގަ ރިއްސަނީތަ؟..." ހޫދު ކުރިއަށް ޖެހިލަމުން ސުވާލުކޮށްލީ މަންޝާގެ ހަރަކާތަށް ބަލަން ހުރެއެވެ.

"އިއްޔެ ފެންކުޅި ކުޅުނު އިރު ދުވުނީމަ ކަންނޭނގެ.. މަސްގުޅަ ކެއީތޯއްޗެއް.. ވަރަށް ވާޅު ތަދެއް ވަނީ..." ހޫދާއި ޝީން ވާހަކަ ދައްކަން ފެށުމުން ޝީންގެ އަތުން މަންޝާ ދޫކޮށްލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.

މަންޝާ ހުރީ އަވަހަށް ގެއަށް ދާން ބޭނުންވެފައި ކަމުން އެމީހުންނަށް ބެލުމެއްނެތި ގެއަށް ދެވޭތޯ އޭނާގެ ފިޔަވަޅު އަވަސްކޮށްލިއެވެ. މަންޝާގެ ފަހަތުން ހޫދާއި ޝީން މަޑުހިނގުމެއްގައި އައި އިރު އެމީހުން ދިޔައީ މަންޝާގެ ހަރަކާތްތަކަށް ބަލަމުންނެވެ. ކުއްލިއަކަށް މަންޝާގެ ފިޔަވަޅު މަޑުކޮށްލަމުން މަގުގެ އެއްފަރާތަށް އެނބުރި ހުއްޓުން އަރާފަ ހުރުމުން ހޫދާއި ޝީންއަށް ހައިރާން ކަމެއް ލިބުނެވެ. އެމީހުންނަށް އެހިސާބަށް ދެވުނު އިރު މަންޝާގެ މޫނުމަތިން ލުއި ހިނިތުންވުމެއް ފާޅުވަމުން ދިޔަކަން އެނގުނެވެ. މަންޝާގެ ނަޒަރު ހުސްވެފައި ވަނީ ސްކޫލު ބިއްދޮށުން ފެންނަން ހުރި ބޮޑު ނިކަގަހާ ދިމާއަށެވެ. އެ ގަހުގެ އަޅޯތައް ވަޔާއެކީ ހެލެމުން ދިޔަ މަންޒަރު ފެނުމުން ޝީންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

"މަންޝޫ... ހިނގާ ގެއަށް ދާން..." މަންޝާގެ އަތުގައި ހިފާ ދަމައިގަންނަމުން ޝީން ކުރިއަށް ހިނގައިގަތެވެ. އެމަގުން ވަކި ހިސާބަކަށް ދެވެންދެން އިރުއިރުކޮޅާ މަންޝާ ފަސްއެނބުރި ނިކަގަހާ ދިމާއަށް ބަލަމުން ދިޔަކަން ހޫދަށް ފާހަގަވިއެވެ. މަންޝާގެ ހަރަކާތްތަކުގައި އާދަޔާ ޚިލާފް ކަންތައްތަކެއް ހޫދުއަށް ފާހަގަވުމުން އޭނާއާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން އޭނާ ބޭނުންވިއެވެ.

މަންޝާމެންގޭ ހުރި މަގަށް އަޅާލި އިރު އެގޭ ބޭރު ފާރު ބުރިމަތީ އަތް އަޅުވައިގެން އެތެރެއަށް ބަލަން އޮތް މީހާ ފެނުމުން ހޫދަށް ހައިރާން ކަމެއް ލިބުނެވެ. މަގުކޮޅުން އެމީހުން ފެނުމާ އެކީ އެ އަންހެންމީހާ އެއްފަރާތަކަށް ޖެހިލަމުން އިސްޖަހާލިއެވެ. މަންޝާ ގޮވައިގެން ޝީން ހަލުވި ފިޔަވަޅުތަކެއްގައި ގެއާ ދިމާއަށް ހިނގައިގަންނަމުން ހޫދުއާ ދިމާއަށް ބަލާލިއެވެ. "އިރުކޮޅެއްފަހުން ނުކުމެވޭނީ.. އޯކޭތަ؟.."

ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ހޫދު ބޯޖަހާލިއެވެ. ޖެހިގެން އޮތް މަގަށް ލަނބާލަމުން ހޫދު އަތުގެ އިޝާރަތުން ގުޅާށޭ ބުނުމުން ޝީން ދެލޯ ބޮޑުކޮށްލިއެވެ. "އައި ޑޯންޓް ހޭވް ޔޯ ނަންބަރ..." އެއްއަތް ތަޅުވާލަމުން ޝީން ބުނި އެއްޗެއް ހޫދުއަށް އެނގުމުން އޭނާގެ ފޯނު ނަގާ ޝީންގެ ނަންބަރަށް ގުޅާލިއެވެ. ގެއަށް ވަދެވަދެ ހުރިި ޝީންގެ ފޯނު ރިންގުވާން ފެށުމުން ފޯނުނަގާ ބަލާލިއެވެ. ސްކްރީނަށް ހޫދު އަރާފައިވުމުން ފަހަތް ބަލާލަމުން ޝީން ފޯނު ނެގިއެވެ.

"ކިހިނެއް މަގޭ ފޯނުގަ ހޫދުގެ ނަންބަރ މީނީ.. އަހަރެން ސޭވްއެއް ނުކުރަން... ދެން ކިހިނެއް.." މަންޝާ ކޮޓަރިއަށް ވަނުމުން ސިޓިންގްރޫމް ތެރޭ ހުރި ސޯފާގައި ޝީން އިށީނެވެ.

"ޝީން އަހަރެން އަތަށް ފޯނު ދިނީމަ އެގަޑީގަ މަގޭ ފޯނަށް ގުޅާފަ.. ނަންބަރ ސޭވްކޮށްލީ..." ހޫދު މަޑު ހިނގުމެއްގައި ދިޔައީ މަންޝާމެން ގޭ ކައިރީ ހުރި މިސްކިތާ ދިމާއަށެވެ. ޝީންއަށް އޭނާގެ ނަންބަރު ނެގިގޮތް ކިޔައިދެމުން މިރޭ ޝީން ބޭރަށް ދާންވީމަ ގުޅާށޭ ބުނަމުން ހޫދު ފޯނު ކަނޑާލިއެވެ. ފައިވާން ބާލާފަ މިސްކިތަށް ވަދެ ވުޟޫ ކުރަން އޭނާ އަވަސްވެގަތެވެ. އޭރު މަޣްރިބް ނަމާދުކޮށް ނިމިގެން އެއްބަޔަކު މިސްކިތުން ނުކުންނަނީއެވެ.

*** *** *** *** *** ***

"ދަރިފުޅާ.. ނަމާދުކޮށްފިންތަ؟... ނަމާދު ނުކޮށް ހުރެއްޖިއްޔާ ކާފަ ހިތްހަމަނުޖެހޭނެ.. އެހެންނޫނަސް މިހާރު ތީ ބޮޑެތިކުދިން އަބަދު މަންމަ ހަނދާކޮށްދޭކަށް ނުޖެހޭނެދޯ.. ނަމާދުކޮށްގެން އަވަހަށް އާދޭ ކާން..." ކޮޓަރީގެ ދޮރު ހުޅުވާޅަމުން ތަޒްކިޔާ ވާހަކަ ދެއްކީ މެހެކް އާއި ޒޯއީއާ މުޚާތަބުކޮށެވެ.

އެނދުގައި އޮށޯވެގެން އޮތް މެހެކްއަށް ތަޒްކިޔާ ދެއްކި އެއްވެސް ވާހަކައެއް އަޑު ނީވޭ ކަހަލައެވެ. ސީލިންގަށް ބަލަން އޮތް އިރު އޭނާގެ ލޯމައްޗަށް އޭރު ސިފަވަމުން ދިޔައީ ރާއިދުގެ ހަރަކާތްތަކެވެ. ދުވެފައިގޮސް މީހުންގެ އަތުން ބޯޅަ އަތުލާ ހުނަރުވެރި އުކުޅުތަކެވެ. ބޯޅައިގަ ކޮއްޓަމުން އެހެން ކުޅުންތެރިން ކައިރިން ރެކިގެން ބޯޅަ ހިފައިގެން ގޯލްއޭރިއާ ވަދެ ގޯލަށް ބޯޯޅަޖަހާލި މަންޒަރެވެ.

ތަޒްކިޔާ ދިއުމުން ޒޯއީ އަވަސްވެގަތީ މަންމަ ބުނި ބަސްއަހައިގެން އަވަހަށް ނަމާދުކުރާށެވެ. ނަމާދުކުރަން ޒޯއީ ތައްޔާރުވީ އިރުވެސް އެނދުގައި މެހެކް އޮށޯވެގެން އޮތުމުން އޭނާއަށް ނިދުނީ ބާއޭ ޒޯއީއަށް ހީވިއެވެ. ސިއްރުސިއްރުން މެހެކްގެ އެނދާ ގާތްވެލިއެވެ. އުއްޑުން އޮށޯވެގެން، ސީލިންގަށް ބަލަން އޮތް މެހެކް ދިޔައީ އެއް އަތުން އޭނާގެ އިސްތަށިގަނޑުން އިސްތަށިކޮޅަކާއި ކުޅެމުންނެވެ. ފަނޑު ހިނތުންވުމެއް އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔަތަން ފެނުމުން ޒޯއީ ހިނިގަނޑެއް ޖަހާލިއެވެ.ސިހިފައި ޒޯއީއާ ދިމާއަށް މެހެކް ބަލާލުމަށްފަހު އެނދުމަތީ ހުރި އެއްޗެހިތައް ޒޯއީއާއި ދިމާއަށް ހޫރާލިއެވެ. "އޭ ހަމަޖެހިބަލަ.. ކޮންކަމަކާ ތިވިސްނަނީ.. މަންމަ އައިކަން އެނގޭތަ؟.."

ޒޯއީ ބުނި ބަސްތަކުން މެހެކްގެ ހަރަކާތް ހުއްޓުނެވެ. "ކޮންއިރަކު މަންމައައީ؟... ދޮގު ތިހަދަނީ..." ދެލޯ އަޅާލަމުން ޒޯއީގެ މޫނަށް މެހެކް ބަލާލިއެވެ.

"މަށަށް އެހެން ހީވެގެންނޭ މިބެލީ.. މަންމަ ނަމާދުކުރާށޭ ބުނެފިއްޔާ މަށަށްވުރެ ކުރިން މެހެކް ރެޑީވާނެ.. ޙަބަރެއް ނުވީމަ މިބަލާލީ... އާދޭ އަވަހަށް ނަމާދުކުރަން..." ޒޯއީ ވާހަކަ ދައްކަމުންގޮސް ނަމާދު ދޮޅި ނެގިއެވެ. ކަންނެތް ގޮތަކަށް އެނދުން ތެދުވެ ނަމާދު ކުރަން ދާން މެހެކް އަވަސްވެގަތެވެ.

ނަމާދުކޮށް ނިމިގެން ދެކުދިން ބޭރަށް ނިކުތީ މަންމަ އެދުނު ފަދައިން ރޭގަނޑުގެ ކެއުމަށެވެ. މޭޒުމަތީ ހުރި ކާއެއްޗިއްސަށް ބަލާލުމަށްފަހު ޒޯއީ ޗޫސްދަމާލީ ކުޅުދިޔާ ވުމުންނެވެ. ކާން އިށީނުމަށްފަހު ތައްޓައް ކާއެއްޗެތި އަޅަމުން ދިޔަ ޒޯއީގެ ހަރަކާތަކަށް ބަލަން ޒިބާން ހުރީ ހިނިއައިސްފައެވެ. ދުރުގައި ހުރި މެހެކް ފެނުމުން ޒީބާން އަތް ހަނާއަޅާލީ ކާން އައުމަށް އެދެމުންނެވެ. ދެކުދިން ގެ ކުރިމައްޗަށް ވާގޮތަށް އިށީނދެގެން ހުރި ޒިބާންއަށް ބެލެމުން ދެވުނީ އޭނާގެ ދެލޯފަދަ ޒޯއީއަށާއި މެހެކްއަށެވެ. ޒީބާން ބަލަން ހުރިކަން އެނގުމުން ޒޯއީއަށް ނުކައި ހުންނާކަށް ނުކެރުނެވެ. ކޮންމެވެސް ވަރަކަށް ކާއެތިކޮޅެއް ކާން މެހެކް މަސައްކަތް ކުރިއެވެ.

"ދަރިފުޅުމެން މިހާރު ހާދަ ނުފެނެއޭ... އަބަދު ބޭރުގަ ދޯ އުޅެނީ..." ޒީބާން ވާހަކަ ދައްކަމުން މޭޒުކައިރީ ހުރި ތަޒްކިޔާއަށް ބަލާލިއެވެ. "ނޫން މިއަދު އެއްކޮށް ގޭގަތިބީ.. ދޯ މެހެކް..." އަނގައިގަ ހުރި ކާ އެއްޗެހިތައް ހަފަމުން ޒޯއީ ވާހަކަ ދެއްކީ މެހެކްއަށް ގޯސްއެއްޗެއް ބުނެވިދާނެތީއެވެ.

"ކާގަޑީގަ ވާހަކަ ދައްކާކަށް ނުވާނެ.. ކޮށި އަރާފާނެ.. އަދި ބޭނުންތަ ޒިބާން؟..." ޒިބާން ގޮނޑިން ތެދުވުމުން ތަޒްކިޔާ މަޑުމަޑުން އަހާލިއެވެ. ހިނިތުން ވަމުން ޒީބާން އަތްދޮންނަށް މިސްރާބުޖެހިއެވެ.ކޮޓަރިއަށް ދެވުމާއިއެކީ ޒިބާން އިށީނީ މޭޒު ކައިރީގައެވެ. އެއްފަރާތެއްގައި ހުރި ކުޑަ ފޮށި ހުޅުވާލަމުން ފުންނޭވާއެއް އެތެރެކޮށްލިއެވެ. އޭގައިވާ ރިހިކުލައިގެ ދެފަށް ނެގުމަށްފަހު ޒިބާން އެފަށަށް ބަލާލިއެވެ. އެ ދެފަށުގެ ފުލަށް ބަލަމުންދިޔައިރު ޒިބާންގެ ހަނދާނަށް އައީ މަންޝާއާ އޭނާގެ ބައްދަލުވުންތަކުގެ ތެރެއިން ހާއްސަ ދުވަހެކެވެ.

ރަތްމަލުން ފުރިފައިވާ ބިޔަ ބެރެބެދިގަސް ފެނުމުން ޒިބާން އެދިމާއަށް މަންޝާ އުރާލައިގެން އުދުއްސައިގަތެވެ. "ވާއު... ދިސްއިޒް ސޯ ބިއުޓިފުލް..." ޒިބާންގެ ކޮލުގައި ބޮސްދެމުން އެ ވަރުގަދަ ހަށިގަނޑުގައި މަންޝާ ބައްދާލިއެވެ.

ގަހާ ހަމައަށް ދެވުމުން ޒިބާންގެ ހަށިގަނޑު ގަސްދަށަށް ތިރިކޮށްލީ މަޑުމަޑުންނެވެ. އެވަގުތު މަންޝާގެ ބަނޑަށް ހީލިއަރައިގެން ދިޔައެވެ. މަންޝާ ބިންމަތީ ބެހެއްޓުމުން އެ ގަހަށް މަންޝާ ރަނގަޅަށް ބަލާލިއެވެ. އެއީ މަންޝާމެން ރަށުގައި ހުރި ގަހަށްވުރެ ބިޔަ ބޮޑު ގަހެކެވެ. އެ ގަސްވަނީ ރަތްކުލައިގެ ބެރެބެދިމަލުން ފުރިފައެވެ. އިރު އޮއްސެމުން އައި ވަގުތަކަށްވެފައި އެ މަންޒަރު ވަރަށްވެސް ރީއްޗެކެވެ. އެއް ފަރާތުން ފެންނަމުންދިޔަ ފެނާރުން އޮހެމުންދިޔަ ފެނުގެ ފިނިކަމުން ކޮންމެވެސް ވަރަކަށް އެހިސާބުގައި ދުންފިނިކަމުގެ އަސަރު ފާޅުވަމުން ދިޔައެވެ.

ގަސްދަށަށް ވެރިފައިވާ މާތަކުގެ މަތީގައި މަންޝާ އިށީން އިރު ނޭވާ ކުރުވަމުން ދިޔައެވެ. ޒިބާން މަންޝާގެ ގާތުގައި އިށީންނަމުން މަންޝާގެ އަތުގައި ހިފާ އަތްތިލަ ހުޅުވާލީއެވެ. "މަންޝާ... މީ އަހަރެން މަންޝާއަށް ދޭ ވަރަށް ހާއްސަ ހަދިޔާއެއް... މިހަދިޔާ ރަމްޒުކޮށްދެނީ އަހަރެމެންގެ ލޯބި..." ޒިބާން ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. މަންޝާ ހުރި ބަލިހާލަތު އެނގުމުން ޒިބާން އިންތިހާއަށް ދެރަވިއެވެ. މަންޝާގެ ހުވަފެނުގައި އައިސް ބައްދަލުކުރަން ޒިބާންއަށް މަޖުބޫރުވީ އެހެންވެއެވެ.މަންޝާގެ އަތްތިލަމަތީ ބޭއްވި ފަށަށް މަންޝާ ބަލާލިއެވެ. ބިއްލޫރި ފުލުގެ ތެރޭގައިވ ަނީ ރަތްކުލައިގެ ބެރެބެދިމަލެކެވެ. ފަށުގައި ހިފާ މަންޝާ އުފުލާލަމުން އޭގެ ފޫ ވަޔާއެކީ އަނބުރުނެވެ. އެ ފުލު ތެރޭގައިވާ ބެރެބެދިމާ ވަށާ އެނބުރެމުންދިޔަ ރަންކުލައިގެ ކުނޑިތައް ފެނުމުން މަންޝާ ހިނިތުންވެލިއެވެ.

"ވަރަށް ލޯބި... ތޭންކްސް..." މަންޝާއަށް އެ ހަދިޔާ ވަރަށް ކަމުދިޔައެވެ. އެވަގުތު އެމީހުން އެތިބި ގަސްދަށަށް ދިމަދިިމާލުން އަލިފާން ކޮކާތައް ފާޅުވިއެވެ. އެ ފުލުގައި އެވާ މަލާއި ރަންކުލައިގެ ކުނޑިތައް ރަމްޒުކޮށްދެނީ އެމީހުންގެ ބައްދަލުވުންތަކުގައި ޒިބާން ދައްކުވާލާ އަލިފާންކޮކާތަކާއި ބެރެބެދިމަލެވެ. ޒިބާންގެ އުނގުގައި މަންޝާ ބޯއަޅާލަމުން ދެލޯ މަރާލީ ފުން ނިންޖަކުން ނިދާށެވެ.މީހަކުކު ކަރުކެހިލިއަޑަށް ސިހިފައި ޒިބާން ފަހަތަށް ބަލާލިއެވެ. ތަޒްކިޔާއަށް ޒިބާންހުރީ ހިޔާލަކަށް ގެއްލިފައިކަން އެނގުނެވެ. "ކޮންއިރަކު އެކުދިންނަށް ތިފަށް ދޭނީ... ކޮން ދުވަހެއް ތިފަށް ހަދާފަ އޮންނަތާ؟..." ތަޒްކިޔާ ހިނިތުންވާން މަސައްކަތް ކުރަމުން ވާހަކަ ދެއްކީ އޭނާގެ ހިތުގައިވާ ރިހުން ފޮރުވަމުންނެވެ.

"މާދަމާ ދޭނީ... މާދަމާ އެއީ އެކުދިންނަށް 20 އަހަރު ފުރޭ ދުވަސް..."

(ނުނިމޭ)