"ކަލޭ ސަލާމަތް ކުރާށޭ... ކީކޭ ތިކިޔަނީ.. ކަލޭއަކީ އަހަރެންގެ މިލްކެއް... އަހަރެންގެ ހައްގެއް..."

ހަރުކަށި ބަސްތައް އަޑުއިވުމުން މަންޝާއަށް މި ފެނުނީ ކާކުކަން ދެނެގަންނަން އެނގުނެވެ. އެއީ އޭނާއަށް އެތައް އުނދަގޫތަކަކާ ގޯނާއެއް ކުރަމުން އަންނަ މާރިދެވެ. ހިތްވަރުކޮށްލާފައި މަންޝާ ބޭނުންވީ ދުއްވައިގަންނާށެވެ. މަންޝާއަށް އިތުރު ހަރަކާތެއް ނުކުރެވެނީސް އެ މަޚްލޫގު މަންޝާގެ އަތުގައި ހިފާ ކުރިއަށް ހިނގައިގަތެވެ. ނުދާން ގަދަ ހަދަމުން އަނެއް އަތުން ބިންމަތީ ހުރި ގާތަކުގައި ހިފަހައްޓަން މަންޝާ ކުރި މަސައްކަތް ވީ ބޭކާރެވެ. އަކިރިތަކުގެ މައްޗަށް މަންޝާ ވެއްޓުމުން، އަކިރިތައް މަތީ ދަމަމުން އެމީހާ ހިނގަމުން ތަންކޮޅަކަށް ދިއުމަށްފަހު އޭނާގެ ބޮޑު ދެ ފިޔަގަނޑު ނިއުޅުވާލަމުން ފިޔަ ތަޅުވާލިއެވެ. ހައިރާންވެފައި މަންޝާއަށް ބަލަން އޮވެވުނީ އެ މަޚްލޫގު މަންޝާ ގޮވައިގެން އުދުއްސައިގަންނަން އުޅުމުންނެވެ.

"އަހަރެން ދޫކޮށްލާ.. އަހަރެން ކަލެއަށް ކުރީ ކޮން އުނދަގުލެއް... އަހަރެން ދޫކޮށްލާ... މަންމާ... މަންމާ... މީހެކޭ މަ ސަލާމަތް ކުރޭ... އަޒީމް..." އެ މަޚްލޫގު ބިމުން މައްޗަށް އުފުލިގެން ދިޔައިރު އޭތި ދިޔައީ މަންޝާ ގޮވައިގެންނެވެ. ސަލާމަތްވާން ހަޅޭއްލަވާ ރޮމުން ދިޔަ ނަމަވެސް އެ އަޑު އިވޭނެ އިތުރު މީހަކު ނެތްކަން މަންޝާއަށް އެނގުނެވެ.

"ކަލޭ ތި ލަވާ ހަޅޭއް އަޑުއަހާނެ މީހަކު މިތާކު ނެތް... ހަހަހަހަ..." އޭތީގެ ހުނުމުގެ އަޑު ގަދަވަމުން ދިޔައިރު އޭގެ މިސްރާބު ހުރީ ވިލާތަކާ ދިމާއަށެވެ. ވައިގެތެރޭ ދަތުރު ކުރަމުން ދިޔައިރު މަންޝާގެ ބަނޑަށް ހީލިއަރާގޮތްވުމުން ދެލޯ މަރާ ބާރުކޮށްލެވުނެވެ.

އޭތީގެ ހުނުމުގެ އަޑު ކެނޑުމުން މަންޝާ ދެލޯ ހުޅުވާލީ ބިރުން ހުރެއެވެ. ދެލޯ ހުޅުވާލުމުން ފެނުނު މަންޒަރުން މަންޝާއަށް ހައިރާންކަމެއް ލިބުނެވެ. މަންޝާ އެއޮތީ އަދިވެސް ގޯތިތެރޭ ހުރި އުނދޯލީގައެވެ. އުނދޯލިން ތެދުވެ ހިނގައިގަންނަން މަސައްކަތް ކުރުމުން މަންޝާގެ ވާތު ފައިން ދިލަ ނަގާތީ ހިނގުނީ ކޮރެއް ޖަހަމުންނެވެ. ގޭތެރެއަށް ވަދެ ދޮރާށި ލައްޕާ ތަޅުލުމަށްފަހު ކޮޓަރިއަށް ދާން ހިނގައިގަތް މަންޝާގެ ފިޔަވަޅަށް ހުއްޓުމެއް އައީ އެގޭ ކައިރީ ހުރި މިސްކިތުން ފަތިސް ނަމާދަށް ބަންގި ގޮވާ އަޑު އިވުމުންނެވެ.

މަންޝާ ހީކުރީ އުދޯލީގައި އޮވެ ނިދުނީ ކުޑަ ވަގުތުކޮޅަކަށް ކަމަށެވެ. ވެފައިވާ ބަރުބަލިކަމުން މަންޝާ ކޮޓަރިއަށް ވަދެ އެނދު މައްޗަށް ވެއްޓިގަތީ ފުން ނިންޖަކުން ނިދާލާށެވެ.

*** *** *** *** *** ***

ތަޒްކިޔާގެ ހަރަކާތްތަކަށް ބަލަން އިން މެހެކް އިންތިޒާރު ކުރަމުން ދިޔައީ ޒޯއީ ގެއަށް އަންނާނެ ވަގުތަކަށެވެ. ހިޔާލެއްގެ ތެރެއަށް ހުސްވެފައި ވަނިކޮށް މެހެކްއަށް ސިހުމެއްވީ ތަޒްކިޔާ ވާހަކަ ދެއްކުމުންނެވެ. "ކީއްވެތަ މިއަދު ބޭރަށް ނުގޮސް ތިހުރީ؟... ދަރިފުޅު ބަލީތަ؟.."

"ނޫން.. ކަމެއް ނުވޭ... ޒޯއީ ނައިސްގެން މި ހުރީ..." ފޫހި ވައްތަރެއް ޖައްސާލަމުން މެހެކް ވާހަކަ ދެއްކީ ކުޑަދޮރުން ބޭރަށް ބަލަމުންނެވެ. މެހެކްގެ އިންތިޒާރަށް ނިމުމެއް އައީކަން އެނގުމުން އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ބޭރުގައި ހުރި ޒޯއީއާ ދިމާއަށް އަތް ހަނާއަޅަމުން މެހެކް އޭނާއަށް ގޮވާލިއެވެ.

"ތަޒްކިޔާ... ހިނގާ ދާން..." ގޭތެރެއިން ނިކުތް ސަކޭރާ ވާހަކަ ދެއްކުމުން ތަޒްކިޔާ ގެއިން ނިކުންނަން ހިނގައިގަތެވެ. ގޭގެ މައިދޮރާ އަރާ ހަމަވިއިރު ޒޯއީ އައިސް ގޭތެރެއަށް ވަންނަނީއެވެ. "ތިއައީ ދޯ.. ދެން ބޭރަށް ނުދައްޗޭ.. ގޭގަ ނެތް އެއްވެސް މީހެއް؟ މަންމަ މިދަނީ ބޮޑު ދައިތައާ އެކީ ކުޑަ ކަމަކު؟... މަންމަ ގެއަށް އަންނަންދެން ބޭރަށް ނުގޮސް ދެކުދިން ވެސް ގޭތެރޭގަ ތިބޭނީ..." ޒޯއީގެ ބޮލުގައި ފިރުމާލަމުން ތަޒްކިޔާ ނަސޭހަތް ދިނެވެ.

ސަކޭރާ އާއި ތަޒްކިޔާ ގެއިން ނިކުތުމުން މެހެކް އިނީ ކުޑަދޮރުން ބޭރު ބަލާށެވެ. ބޮޑު ދައިތަ އާއި މަންމަ ދިޔަ ދިމާއަށް ބަލަން މެހެކް އިނީ ދެރަވެ ފެންކަޅި ވެފައެވެ. މެހެކް އިން ގޮތުން ޒޯއީއަށް އުނދަގޫވިއެވެ. "ކިހިނެއްވެފަ ތީނީ ތުން ފިއްތައިގެން؟... ކާފަ އެއްޗެކޭ ބުނީތަ؟.."

ދެއަތަށް ބޯހޫރުވަމުން މެހެކް ނޫނެކޭ ބުނުމުން ޒޯއީ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "ދެން ކޮންކަމަކާ ދެރަވެފަ ތީނީ؟.."

"އަހަރެން ބޭނުން ދުނިޔެއަށް ދާން... އެތަނުގަ މީހުން އުޅޭ ގޮތް ބަލަން... ޒޯއީ ނައިސްގެން މި ހުރީ... އެކަމަކު ދެން ދާކަށް ނުކެރޭނެ..." އިސްޖަހާލަމުން މެހެކް އެތެރެއަށް ވަނީ އެ ދެކުދިންނަށް ހާއްސަކޮށްފައިވާ ކޮޓަރިއަށް ދާށެވެ.

"ޒޯއީ މާ ލަހުން ތިއައީ؟..." ބޮޑާ ހާކާފަދަ ގޮތަކަށް މޫނު ފުސްކޮށްގެން ހުރެ މެހެކް ދިއުމުން ޒޯއީ ހިތުގައި ޖެހުނެވެ.

"އެބައޮތް ގޮތެއް.. ހިނގާ މަންމަމެން އަންނަން ވާއިރަށް ގޮއްސަ އަންނަން... މިގަޑީގަ އެންމެ މަޖާ ވާނީ ފުޓުބޯޅަ ދަނޑަށް ދިޔުން... ހަމަ އެރަށަށް ދޯ ދާނީ..." މެހެކް ބޯޖަހާލަމުން އައިސް ޒޯއީގެ ގައިގާ ބައްދާލިއެވެ.

*** *** *** *** *** ***

"ހޫދު ބުނީމަ އިނގޭ މިގަޑީގަ ކުޅެން ނުގޮސް މި އައީ؟... ރާއިދް ވަރަށް ކަޓާފަ ހުރީ އަހަރެން ކުޅެން ނުދާ ވާހަކަ ބުނީމަ.. އެހެންނު ވާނީ އޭނާއަށް ޖެހޭނީ ހިނގާފަ ވިއްޔާ ދާން..." ޝީންމެންގޭ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލަމުން ކިނާން ވާހަކަ ދެއްކީ ސައިކަލުގެ ފަހަތުގައި އިން ހޫދުއާ މުޚާތަބުކޮށެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު ދެ އެކުވެރިން އެގެއަށް ވަދެ ސަލާމް ގޮވާލިއެވެ.

"ވާލައިކުމުއް ސަލާމް... ޝީން ހޯދަން ދޯ.. އާދޭ އެތެރެއަށް..." ނައުރީންއަށް ކިނާން ފެނުމުން އެއީ އެރަށު ކިޝަންގެ ދަރިކަން އެނގުނެވެ. އެތެރެއަށް ވަނުމަށް ދައުވަތު ދިނުމަށްފަހު ނައުރީން އަޑުގެ ކޮޅަށް ޝީންއަށް ގޮވާލީ ޝާޔާ ރީތިކުރަން ކޮޓަރިއާ ދިމާއަށް ދަމުންނެވެ.

ކޮޓަރިން ބޭރަށް ބޯދިއްކޮށްލުމަށްފަހު ދެބުމަ ގޮށް ޖަހަމުން ބޭރު ދޮރާ ދިމާއަށް ޝީން ބަލާލިއެވެ. ދޮރުކައިރީ ތިބި ކިނާނާއި ހޫދު ފެނުމުން ޝީން އަނބުރާ ކޮޓަރި ތެރެއަށް ވަނެވެ. ލޯގަނޑުން ފަރި ބަލާލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީ އޮތް ފިޔާތޮށި ކުލައިގެ ލިޕްސްޓިކްގެ ކުލަ ތުންފަތުގައި ފައްދާލިއެވެ. ލައިގެން ހުރި ހެދުމަށް ދަމާލުމަށްފަހު ބަނޑު ހިނދާލީ ހަށިގަނޑު ސީދާކޮށްލަމުންނެވެ. "އޯކޭ..."

ކޮޓަރިން ނުކުމެގެންއައި ޝީންގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން ފެނި ހޫދު ލަދުރަކި ގޮތަކަށް އިސްޖަހާލުމަށްފަހު އެއް އަތުން ބޮލުގައި އަތް ހާކާލިއެވެ. ގޯތިތެރެއަށް ނިކުންނަމުން ކާނި ގަސްދަށުގައި އެލުވާފައިވާ އުނދޯލިތަކާއި ދިމާއަށް އެމީހުން މިސްރާބު ޖެހިއެވެ. "މިހިރީ ޝީން.. ދެން ވާހަކަ ދައްކަން ވީނު..." ސަމާސާ ރާގަކަށް ކިނާން ވާހަކަ ދެއްކުމުން ހޫދު ހިނިގަނޑެއް ޖަހާލިއެވެ.

"މިއަދު ބޯޅަ ކުޅެން ނުދަންތަ؟... އަހަރެން ހީކުރީ ތި މީހުން ވާނީ ދަނޑުގަ ކަމަށް.." ޝީން ވާހަކަ ދައްކަމުން މަޑުމަޑުން އުނދޯލި ހެއްލާލިއެވެ.

"އާން... މިއަދު ނުދަން.. އެކަމަކު އަހަރެން އެބަޖެހޭ ރާއިދު ބަލާ ދާން... މިރޭ ޝޯވް ބަލަން ދާން ވާނެއްނު.." ކިނާން އުނދޯލިން ތެދުވަމުން ވާހަކަ ދެއްކީ ހޫދުއާ ދިމާއަށް ބަލާފަ އެއްލޯ މަރާލަމުންނެވެ. ޖަވާބުގައި ޝީން ހޫން އަޅުވާލަމުން ކިނާންގެ މޫނަށް ބަލާލީ ހޫދާއި ދެމެދުގައި އިޝާރާތުން ވާހަކަތަކެއް ދެކެވޭ ހެން ހީވުމުންނެވެ.

"އޭ މަ ނައްޓާލީ.. ހޫދު... އަށެއް ޖަހަންވާ އިރަށް ސްޓޭޖް ކައިރިއަށް އަންނައްޗޭ..." ކިނާން ސައިކަލަށް އަރާ ސްޓާޓްކޮށްލަމުން ގޯތިތެރޭ ތިބި ހޫދު އާއި ޝީންއާ ދިމާއަށް އަތް ހަނާ އަޅާލިއެވެ. ކިނާން ދިއުމުން ހޫދު ފުން ނޭވާއެއް ބޭރުކޮށްލީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. ޝީން ފެންނަ ހިސާބެއްގައި ހުންނަ އިރު ހޫދުގެ ހިތަށާއި ސިކުނޑިއަށް އުނދަގޫވެއެވެ. ބަނޑުން އަޑު ކިޔާކަހަލަ ގޮތްތަކެއް ވާހެން ވެސް ހީވެއެވެ. ހަތަރެސްފައި ފިނިވެ ދޫ އޮޅޭ ގޮތް ވެއެވެ.

ދެމީހުންނަށް އެކަހެރިކޮށް ލިބުނު ވަގުތުގެ ފައިދާ ނަގަން ހޫދު ބޭނުންވި ނަމަވެސް އޭނާއަށް ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. އުނދޯލީގައި ލެނގިލައިގެން އޮތް ޝީންގެ ހަރާކާތަކަށް ބަލަން ހޫދަށް އޮވެވުނީ ދައްކާނެ ވާހަކައަކާ ދޭތެރޭ ވިސްނާށެވެ.

"ހޫދު މާލެތަ؟.. ކީއްކުރަން މިރަށަށް އައީ؟.." އުނދޯލީގެ ދެފަރާތުގައިވާ ވާގަނޑުގައި ހިފަމުން ޝީން ކުރިއަށް ޖެހިލީ ހޫދުގެ މޫނަށް ބަލަމުންނެވެ.

"އާން މާލެ.. މި ރަށަށް އައީ ކިނާންބޭގެ ގެސްޓްހައުސް މަސައްކަތުގަ... ޝީން ކީއްތަ ކުރަނީ ހަމަގޭގަ ހުންނަނީތަ؟.." ހޫދު ކުރި ސުވާލުން ޝީންއަށް ހައިރާންކަމެއް ލިބުނެވެ.

"ނޭނގުނު ދޯ!.. އަހަރެމެން ދިމާވިއެއްނު.." ހިނިގަނޑެއް ޖަހާލަމުން ޝީން ވާހަކަ ދެއްކީ ހޫދު އެހެން ބުނީ ސަމާސާއަކަށްހެން ހީވުމުންނެވެ.

"މާލޭންތަ؟... ނޮޕް... ބަޓް ކޮންމެސް ތާކުން ފެނުނު މޫނަކާ ވަރަށް ވައްތަރު.. ހަނދާން ނެތިގެން މިއުޅޭނީ..." ހޫދު ވިސްނަން އޮވެފަ ޖަވާބު ދެމުން ނިތްއަރުވާލިއެވެ.

"މާލޭން ކަމަށްވެސް ވެދާނެ... ރަނގަޅަށް ހަނދާންކޮށްބަލަ..." އުނދޯލީން ތެދުވެ ލައިގެން ހުރި ޖީންސްގެ ދެފަރާތުގައި ހިފާ ޝީން މައްޗަށް އަރުވާލިއެވެ.

"ގައިމުވެސް މާލެއިން ދިމާވެދާނެހެނެއް ހިއެއްނުވޭ.. އަހަރެން ބޭރުގަ ކިޔަވަން އުޅެފަ... ކޯސް ނިމުން ގޮތަށް މާލެއައި ތަނުން ބައްޕަބުނެގެން މިކޮޅަށް މިއައީ..." ހޫދުގެ ވާހަކަ މެދުކެނޑުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ނަގާ ކަންފަތާ ގާތްކޮށްލަމުން ހޫދު ހިނިތުންވެލިއެވެ. "ކީކޭ ރާއިދް.."

"ކޮބާތަ މަބަލާ އަންނަން ބުނި މީހާ... މިތާ ތިބި އެންމެން ހިނގައްޖެ... ކިނާނުގަނޑު ފޯނެއް ވެސް ނުނަގާ.. މަ ބުނިން ދޯ ސައިކަލު ދެމުންވެސް މަ ބަލާ އަންނަން ވާނޭ..." ރާއިދުގެ ވާހަކަ އަޑުއަހަން ހުރި ހޫދު ކަންފަތާ ދުރަށް ފޯނު ޖައްސަލީ ފޯނުން ތޫލިއަޑެއް އަރާތީ ކަންފަތަށް އުނދަގޫ ވުމުންނެވެ.

"ކިނާން ހިނގައްޖެއޭ... ދެން ހިއެއްނުވޭ މާ ލަހެއް ވާނެހެނެއް... އާން އޯކޭ... ތި މީހުންނާ މީޓް ކުރާނަން މިރޭ އަށެއް ޖަހާއިރަށް..." ފޯނަށް ވާހަކަ ދައްކާ ނިމުން އިރު ޝީން ހުރީ އެގެއިން ނިކުންނަ ދޮރު ކައިރީ މަޑުކޮށްގެންނެވެ. އުނދޯލިން ތެދުވެ ޝީން ކައިރިއަށް ދާން ހޫދު މިސްރާބުޖެހި އިރު ހޫދާ ދިމާއަށް ޝީން ބަލާލިއެވެ.

"ހިނގާދޯ ބޭރަށް ދާން.. މި އަދު ވައެއް ވެސް ނުޖެހޭތީ ވަރަށް ހޫނުވޭ... މިހެން ލާފަ އަތިރި މަގުން ލާފަ ތިގެއާ ދިމާއަށް ދެވޭނެ... ވަރަށް ރީތި މޫދެއް ވެސް އޮންނާނެ.." ގެއިން ނިކުމެ ޝީން ހިނގައިގަތީ އެގެއާ ޖެހިގެން އޮތް ގޯޅިއާ ދިމާއަށެވެ. ޝީންގެ ފަހަތުން ހޫދު ހިނގައިގަތީ ލިބުނު ފުރުސަތުގެ ބޭނުން ހިފަން އަޒުމް ކަނޑައަޅައިގެންނެވެ.

"ދެން ބުނެބަލަ ކޮންތާކުންތަ ދިމާވީ؟..." ޝީންގެ މޫނަށް ބަލަން ހުރެ ހޫދު ސުވާލުކޮށްލުމުން ލަދުރަކި ގޮތަކަށް ޝީން އިސްޖަހާލިއެވެ. "ނޭނގުނު ދޯ.. ފްލައިޓުގަ އިން އިރު ހެޑްސެޓް އަޅައިގެން އިނީ... ހުރިހާ އެންމެން ފޭބި އިރު ވެސް ހޫދު އިނީމަ... ހޫދަށް ގޮވަން ދިޔައީ އަހަރެން... މިހާރު ހަނދާންވެއްޖެތަ؟..."

ހޫދު އާއި ޝީން ދިމާވީ އައްޑޫއަށް އައި ފްލައިޓު ތެރެއިންކަން އެނގުމުން ހޫދު ރަނގަޅަށް ވިސްނާލިއެވެ. އާން އެއީ ޝީންއެވެ. އެދުވަހު ޝީން އިސްތަށިގަނޑު ހުޅިޖަހާފަ ގަދަ ރަތް ކުލައިގެ ލިޕްސްޓިކެއް ޖައްސާފަ ހުރުމުން ހޫދުއަށް ޝީން ދެނެގަންނަން ނޭނގުނީއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތްކޮށްޕާލަމުން ހޫދު އިސްޖަހާލުމުން ޝީން ހިނިތުންވެލިއެވެ. އެ ދެމެދުގައި އެކި ވާހަކަތައް ބަދަލުކުރެވެމުން ދިޔައިރު ދެމީހުންނަށް އެކަކު އަނެކަކު ދަސްވަމުން ދިޔަ ކަހަލައެވެ. އެއްގޮތް ކަންތައްތަކަކަށް ލޯބިކުރާ ދެމީހުންނަށްވުމުން ޝީންއަށް ހޫދު ވަރަށް ކަމުދިޔައެވެ.

*** *** *** *** *** ***

ފުޓުބޯޅަ ކޯޓު ކައިރީ މަޑުކޮށްގެން ހުރި ރާއިދަށް ތަފާތުކަމެއް އިހްސާސްވަމުންދާތީ އޭނާގެ ކޮނޑުގައި ދަބަސްއަޅައިގެން ކުރިއަށް ހިނގައިގަތީ ކިނާން ފެނޭތޯ މަގުގެ ކޮޅަށް ބަލަމުންނެވެ. ދުރުން ސައިކަލެއް އަންނަތަން ފެނުމުން އެ އަންނަނީ ކިނާނޭ ހިތަށް އެރުމުން ރާއިދްގެ ފިޔަވަޅު މަޑުކޮށްލިއެވެ.

"ސާބަސް.. ކޮންއިރެއް މިތާ ހުންނަތާ.. ގުޅާ ގުޅާ މޮޔަވި އިރު ވެސް ފޯނު ނެގީކީ ނޫން... ހާދަ ލަސްވީ!..." އެއްފައްޗަކަށް އެތައް ޝަކުވާތަކެއް ބަންޑުންކޮށްލަމުން ސައިކަލުގެ ފަހަތު ސީޓުގައި އިށީނދެ ރާއިދު ހަމަޖެހިލިއެވެ.

"މިއަދު ކިހިނެއްވީ މާ އަވަހަށް ނިންމާލީ.. މަ ހީކުރީ ހައެއް ޖަހާއިރަށް ކަމަށް ނިންމާނީ..." ކިނާން ސައިކަލު ދުއްވާލުމުން ރާއިދުގެ ޝަކުވާތައް އިތުރު ކޮށްލިއެވެ. "ކަލޭ އެންމެ މިނެޓެއް ލަސްވިނަމަ މަ ދުވެފަ ގެއަށް ބެޗީމުސް... މޯޑްމެން ދިޔައިމަ މަ ހުރީ ބިރުން ހަލާކުވެފަ... ކުޅެން ހުރި އިރުވެސް ވަރަށް ވަރުގަދަކަމަކާ ދިމާވިއޭ..."

"ކިހިނެއްތަވީ؟..." ސައިކަލުގެ އެއްފަރާތު ލޯގަނޑުކޮޅުން ކިނާން ފަހަތް ބަލާލީ އެމީހުންގެ ފަހަތުން އެއްޗެއް އަންނަހެން ހީވުމުންނެވެ.

"މިއުޅޭ ސަޓޯގެ ދުއްޕާން ބޮޑު ކަމުން ވެސް.. ކޮންމެ ފަހަރަކު ބޭރަށް ބޯޅަ ޖަހަނީ... މަ ކޮންމެ ފަހަރަކު ވަލަށް ވަދެފަ ބޯޅަ ހިފައިގެން އަންނަން ޖެހެނީ.. ދެން ވީ ކަމަކީ... ބޯޅަ ބަލާ ދާން ކޯޓުން ނުފޭބެނީސް ކުއްލިއަކަށް ބޯޅަ އައިއްސި ދަނޑާ ދިމާއަށް.. ނޭނގެ އައީ ކިހިނެއް ކަމެއް... މަ ވަރަށް ބެލިން ގަސްތަކު ތެރެއިން މީހަކު ފެނޭތޯ ވެސް... އެހެން ދެބުރަކަށް ވީމަ އެންމެން ބިރުން އަވަހަށް ނިންމާލީ... ދެން ކަލޭ އަންނަލެއް ލަސްވީމަ ކިހިނެއް އެކަނި އެތާ ހުންނަން ކެރޭނީ..." ރާއިދު ހާސްވެފައި ހުރި ކަން އޭނާގެ އަޑުންނާ ވާހަކަ ދައްކަމުން ދިޔަ ރާގުން ކިނާނަށް އެނގުނެވެ.

"ތިވާނީ ސަޓޯ އެއްލި ބޯޅައިން ޖިންނިއެއް ގައިގަ ޖެހުނީ ކަމަށް... މިރޭ އެ ގޮލާ މޮޔަނުވިއްޔާ ރަނގަޅު..." ސައިކަލުގެ ދުވެލި އަވަސްކޮށްލަން ހުންގާނުގެ މުށްގަނޑުގައި ހިފާ އަނބުރާލަމުން ކިނާން ހިނިގަނޑެއް ޖަހާލިއެވެ. ބޯ މަތިން އުދުހިފައި ދިޔަ ހުދުކުލައިގެ ދެކޮތަރަށް ނަޒަރު ހިންގާލަމުން ރާއިދަށް ބޯތިރިކޮށްލެވުނެވެ.

"ކިހިނެއްވީ ތެޅި ފޮޅެނީ..." ސައިކަލުގައި ފަހަތުގައި އިނދެ ރާއިދުގެ ހަށިގަނޑަށް ކުއްލި ހަރަކާތެއް ގެނައުމުން ކިނާން އަހާލިއެވެ.

"މި ހިސާބުން ކޮތަރު ފެނޭތަ؟... ބަލާބަލަ އެއޮއްދާ ދެ ކޮތަރު.. ވަރަށް ސަޅިދޯ... ހާދަ ހުދޭ.." ކުރިއަށް އުދުހެމުން ދިޔަ ކޮތަރުތަކާއި ދިމާއަށް އިޝާރާތްކުރަމުން ރާއިދު ވާހަކަ ދެއްކިއެވެ.

*** *** *** *** *** ***

ކޮތަރުތައް އައިސް ތިރިކުރީ ވަލުތެރޭ ހުރި ބިޔަ ބެރެބެދި ގަހެއްގެ ކައިރިއަށެވެ. އެ ދެ ކޮތަރުގެ ސިފަ މީހެއްގެ ސިފައަށް ބަދަލުވިއިރު އެމީހުން ލައިގެން ތިބީ ހުދުކުލައިގެ ހެދުމެކެވެ.

"އޭނަ އެހެރީ ބިރުން ހަލާކުވާ ވަރުވެފަ... މެހެކް ކީއްކުރަންތަ ބޯޅަ އެއްލީ؟... މިހާރުވެސް އޭނަ އެ ދައްކަނީ އެ ވާހަކަ.." ޒޯއީ ހިނިގަނޑެއް ޖަހާލަމުން މެހެކްއާ ސުވާލުކޮށްލިއެވެ. ގަސްދަށަށް ވެއްޓިފައި ހުރިމާތަކުން މަލެއްނަގާ އެމަލުން މެހެކް ވަސްބަލާލިއެވެ.

"އަހަރެން ހިއެއް ނުކުރަން އޭނާ ބިރުގެންފާނެއެކޭ... ކޮންމެ ފަހަރަކު އެ ސޮރު ބޭރަށް ބޯޅަ ޖެހީމަ ރާއިދު ބަލާ އަންނަން ޖެހޭތީ އޭނައަށް ފަސޭހައެއް ކޮށްދިނީއޭ..." މަލުގެ ފިޔަތަކާ ކުޅެން ހުރެ މެހެކް ވާހަކަ ދެއްކިއިރު އޭނާގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ.

"އޭ އަވަހަށް ހިނގާ ދާން.. މަންމައާ ބޮޑުދައިތަ އައުމުގެ ކުރިން ގެއަށް ވަންނަން ޖެހޭނެ..." މެހެކްގެ އަތުގައި ހިފަމުން ޒޯއީ ކުރިއަށް ހިގައިގަތީ އިސްއުފުލާލާ މައްޗަށް ބަލާލަމުންނެވެ. ޒޯއީ މައްޗަށް އަރަން ހިފާލުމުން މެހެކްއަށް ބިމުގައި މަޑުކުރާކަށް ނުކެރުނެވެ. ޒޯއީއާ އެކީ މައްޗަށް އަރަން އުޅުމުގެ ތެރޭގައި މެހެކްގެ އަތުގައި އޮތް މާ ބިންމައްޗަށް ވެއްޓުމުން ތިރިއަށް ބަލާލިއެވެ. އެމާ ވަޔާއެކީ އެނބުރެމުން އައިސް ބިންމަތީ ޖެހެނު މަންޒަރަށް ބަލަން ހުރެ މެހެކް ތުން ފިއްތާލިއެވެ.

(ނުނިމޭ)