އެ ކުދިން ގޮސް ލޮލުކޮޅަށް ގެއްލުނު ދިމާއަށް ބަލަހައްޓައިގެން މަންޝާ ހުރިއިރު އޭނާއަށް ރޮވެނީއެވެ. ކުޑަދޮރު ކައިރިން ބިންމައްޗަށް ތިރިވެ ރޮމުން ދިޔައިރު މަންޝާގެ ގައިގާ މާ ބޮޑު ވަރެއް ނެތެވެ.

އިންތިޒާރުގައި ހުރި ސަކޭރާގެ ލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވީ، ތުއްތު ދެކުދިންނާ އެކީ ތަޒްކިޔާ ގެއަށް އައުމުންނެވެ. އެ ދެކުދިން އުރާލައިގެން ސަކޭރާ އެތެރެއަށް ވަނުމުން ތަޒްކިޔާ ބޭނުންވީ އެނބުރި ދުނިޔެއަށް ދާށެވެ. ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާއެކީ އިވިގެން ދިޔައީ އެ ތުއްތު މައުސޫމް ދެކުދިން ރޯން ފެށި އަޑެވެ. ތަޒްކިޔާއަށް އެންމެ ފިޔަވަޅެއް ވެސް ކުރިއަށް އެޅޭ ގޮތެއް ނުވިއެވެ.

އެ ދެކުދިން މަސަލަސް ކުރެވޭތޯ ސަކޭރާ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެކުދިންގެ ރުއިން ހުއްޓޭ ގޮތެއް ނުވިއެވެ. ހުދު ކުލައިގެ ފޮތިގަނޑެއް އަޅާފައިވާ މޭޒުމަތީ އެކުދިން ބޭއްވުމަށްފަހު ނިތްކުރީގައި ސަކޭރާގެ އަތް ޖައްސާލަމުން، ދެލޯ މަރައިގެން ހުރެ ސަކޭރާ ތުންތަޅުވަން ފެށިއެވެ. އެކުދިންގެ ރުއިމުގެ އަޑު ދިޔައީ ގަދަވަމުންނެވެ. ކަންތައް ބޮޑުވެފައި ހުރި ތަޒްކިޔާއަށް މިވަނީ ކިހިނެއް ކަން ނޭނގި ސަކޭރާގެ ޖަވާބެއްގެ އިންތިޒާރުގައި މަޑުކޮށްލެވުނެވެ.

ލޯ ހުޅުވާލަމުން ތަޒްކިޔާއާ ދިމާއަށް ސަކޭރާ ބަލާލި އިރު އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. ތަޒްކިޔާ ކުރިއަށް ޖެހިލަމުން ސަކޭރާގެ އަތުގައި ހިފެހެއްޓީ އޭނާ އަރިއަޅާލަން އުޅޭހެން ހީވުމުންނެވެ. "ބޮޑު ދައިތާ، ކިހިނެއްވީ؟... ކީއްވެ އެކުދިން އެ ރޮނީ؟..."ސަކޭރާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހެމުން ދިޔައެވެ. "ތަޒްކީ. މައިންނާ އެކުދިންނާ ދުރުވާ ފަދަ އިހްސާސެއް ކުރާތީ އެއުޅެނީ... ޒޭބާ މި ދުނިޔޭގައި ހުރިހެނެއް ހިއެއް ނުވޭ... މަންޝާ ވެސް..." ސަކޭރާ ބަޑިފަޅައިގެން ދިޔުމުން ތަޒްކިޔާގެ ގައިގާ އޮޅުލައިގަތީ އޭނާގެ ހިތުގައި ވޭނީ ރިހުމެއް އުފެދުމުންނެވެ.

ސަކޭރާ ހަމައަކަށް އެޅުމުން ތަޒްކިޔާ މޭޒާ ގާތްވެލީ އެ ދެކުދިން އުރާލާށެވެ. ރޮއިރޮއި ގިސްލެވި އެކުދިން ވަނީ ބަލިވެފައެވެ. ތަޒްކިޔާގެ މޫނަށް ކަޅިޖަހާ ނުލާ ބަލަން އެކުދިން ތިބިއިރު، ތަޒްކިޔާގެ ލޮލުން ފޭބި ކަރުނަތިކި ވެއްޓުނީ މަންޝާ ވިހެއި ކުއްޖާގެ ނިތްކުރިއަށެވެ. "މަންމައެއް ފަދައިން އަހަރެން މި ދެކުދިން ބަލާނަން. މިއަދުން ފެށިގެން މީ އަހަރެންގެ ދެކުދިން. މި ދެކުދިންގެ މަންމައަކީ އަހަރެން..."

ތަޒްކިޔާގެ އަނގައިން ނުކުތް ބަސްތައް އަޑު އަހަން ހުރި ސަކޭރާ ދެލޯ ބޮޑުކޮށްލަމުން ތަޒްކިޔާއާ ދިމާއަށް ބަލާލިއެވެ. އެ ދެކުދިން އުރައިގެން، ދެއަތަށް ހެއްލަމުން، ތަޒްކިޔާ ނާނާ ކިޔަމުން ދިޔައިރު އެ ދެކުދިންގެ ލޮލަށް ނިދި ސަވާރުވިއެވެ.

ޒިބާންގެ ކޮޓަރިއަށް ކުދިންތައް ލުމަށްފަހު ތަޒްކިޔާ ބޭރަށް ނިކުތީ އެކުދިންނަށް ދޭނެ އެއްޗެއް ތައްޔާރު ކުރާށެވެ. "ބޮޑު ދައިތާ އަދި އެކުދިންނަށް އެއްވެސް އެއްޗެއް ނުދީ އެތިބީ... ކިހިނެއް ހަދާނީ؟..." ސަކޭރާ ބަދިގެ ތެރޭ އެކުދިންނަށް ދޭނެ އެއްޗެއް ތައްޔާރު ކުރަން އަވަސްވެގަތެވެ. "ދަރިފުޅު ދޭ އެކުދިން ކައިރިއަށް... ބޮޑުދައިތަ އެއްޗެއް ތައްޔާރުކޮށްގެން އެބަ ދަން..."

ދެ ދުވަސްވީ އިރުވެސް ޒިބާންގެ އެއްވެސް ހަބަރެއް ނުވެއެވެ. އެކަމާ ތަޒްކިޔާއާ ސަކޭރާ ކަންބޮޑު ވިއެވެ. އެންމެފަހުން ސަކޭރާ ޒިބާން ގެންނަން ބޭނުންވުމުން ޒިބާންއަށް ސިގްނަލެއް ފޮނުވަން ކިޔެވެލި ކިޔަވާ މޭޒު ދޮށުގައި އިށީނެވެ. ސަކޭރާ ކިޔަވަން އިންނަތާ އިރުކޮޅެއްވީ ފަހުން ގޭ ގެ ދޮރު ބަންލާފަ ހުޅުވުމާއެކު ތަޒްކިޔާ ދިޔައީ ސިއްސައިގެންނެވެ. ޒިބާން ގޭތެރެއަށް ވަތްއިރު އޭނާގެ ހަށިގަނޑުގައި ވަނީ ހުޅު ހިފާފައެވެ. ދެލޮލުން އަނގުރު އަލިފާން ނިކުންނަމުން ދިޔަ ކަހަލައެވެ. ތަޒްކިޔާ ބޭނުންވީ އެތަނުން ދާށެވެ. ޒިބާންގެ ކޮޓަރިއަށް އޭނާ ގޮސް ވަނީ އެކުދިންނަށް ހޭލެވިދާނެތީއެވެ.

"ކީއްކުރަން އަހަންނަށް ތި ގޮވަނީ.. އެމީހުން ޒޭބާ އަންދާލައިފި.. މަންޝާ ވީތަނެއް ނޭނގެ.. ގައިމުވެސް އޭނާ މަރެއް ނުވޭ..." ޒިބާންގެ ބަރު އަޑުން ހަޅޭއްލަވަމުން ދިޔައިރު އެގޭތެރޭގައި އޭނާގެ އަޑު ގުގުމަމުން ދިޔައެވެ. ސަކޭރާއަށް ޒިބާން ގާތަށް ދާކަށް ނުކެރުނެވެ. ރުޅި އައިސްގެން ފަޅައިގެންދާން ކައިރިވެފައި ހުރި ޒިބާންގެ ކަންފަތުގައި އެވަގުތު ޖެހުނީ ތުއްތު ދެކުދިންގެ ރުއިމުގެ އަޑެވެ. ޒިބާންގެ ދެލޮލުގައިވާ ރަތްކަން ކެނޑިގެން ދިޔައިރު މީހާގެ ސިފަވެސް ރީތިވެ ޒިބާންގެ އަސްލު ސިފައަށް ބަދަލުވިއެވެ.

ކޮޓަރިއާ ދިމާއަށް ދާން ޒިބާން އަވަސްވެގަތެވެ. ދޮރު ތަންމިނަށް ހުޅުވާލަމުން މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލި އިރު، ތަޒްކިޔާ އެ ދެކުދިން މަސަލަސް ކުރުމުގައި އަވަދިނެތި އުޅުނެވެ. ޒިބާން ކޮޓަރިއަށް ވަނުމާއެކު އެ ދެކުދިންގެ އަޑު ކެނޑިގެން ދިޔައެވެ. ވަށައިގެން ބަލަމުން ދިޔައެވެ. ޒިބާން ފެނުމުން އެކުދިންގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ދެކުދިން އުރައިގެން ހުރި ތަޒްކިޔާގެ ހަށިގަނޑުގައި ޒިބާނަށް އޮޅުލައި ގަނެވުނީ ބޭއިޚްތިޔާރުގައެވެ. ޒިބާންގެ މި ހަރަކާތުން ތަޒްކިޔާއަށް ހުއްޓުން އަރާފައި ހުރެވުނެވެ.

ދުވަސްތައް މާޒީއާ އެކުވަމުން ގޮސް އެ ދެކެދުންނަށް ތިން އަހަރު ފުރުނު ދުވަހެވެ. ކުދިން ނިންދަވަން ތަޒްކިޔާ އެތެރެއަށް ވަތްއިރު ސަކޭރާއާ ޒިބާން ބޭރުގައި ތިއްބެވެ. ދެކުދިން އެނދުގައި އޮށޯތުމުން އެކުދިންނަށް ޝާހާދަތް ކިޔައި ދިނުމަށްފަހު އެކުދިންގެ ބޮލުގައި ތަޒްކިޔާ ފިރުމާލިއެވެ. "މަންމާ، ކީއްވެތަ ބައްޕި އަބަދު ދެރަވެފަ ހުންނަނީ.." ކުޑަކުޑަ ޒޯއީ ސުވާލު ކޮށްލިއެވެ. ޒޯއީއަކީ މަންޝާގެ ދަރިއެވެ. މަންޝާއާ ވައްތަރުވަނީ އޭނާގެ ފަން ދިގު ވަރުގަދަ އިސްތަށިގަނޑު އެކަންޏެވެ.

"ދަރިފުޅާ .. މާ ގިނަ ވާހަކަ ނުދައްކާ އަވަހަށް ނިދާލާ.. ބައްޕަ އެއުޅެނީ ބަލިކޮށް.. ޝަހާދަތް ކިޔައިގެން ވާހަކަ ދައްކާކަށް ނުވާނެ... އިނގޭ" ތަޒްކިޔާ ބުނި ބަސްއަހައިގެން ދެކުދިން ލޯ މަރާ ތަގުޅިކޮށްލިއެވެ. ދެކުދިންގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ތަޒްކިޔާ މަޑުމަޑުން އެކޮޓަރިން ނިކުތެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލި އިރު ބޭރުގަ ހުރި ސަކޭރާ ދައްކަމުން ދިޔަ ވާހަކަ ތަޒްކިޔާއަށް ސާފުކޮށް އިވުނެވެ.

"ޒިބާން... ލައްކަ ދުވަހު ތިހެން އުޅެވިއްޖެއްނު... ޒިބާންގެ ތިއުޅުން ފެނި ކުދިން ވެސް ދެރަވާނެ ދޯ.. ކުދިން ބޮޑުވަމުންދާ އިރު ހުރިހާ ސުވާލެއް ކުރާނީ ތަޒްކިޔާއާ.. އޭނާ ވަކި ދޭނީ ކޮން ޖަވާބެއް... އަހަރެމެންގެ ތެރޭގައި ވެސް ދޭތެރެ ޖައްސާ މީހުން ވެސް އުޅޭ... ދެމީހުން ކައިވެނި ނުކޮށް ތިހެން އުޅޭ ކަމަށް ވަންޏާ ކުދިންގެ ހިތުގަ އުފެދޭ ސުވާލުތަކަށް އަހަރެމެން ދޭނީ ވަކި ކޮން ޖަވާބެއް..." ސަކޭރާ ދައްކަމުން ދިޔަ ވާހަކަތަކުން ޒިބާންގެ ސިކުނޑީގައި ރިހުމެއް އުފެދުނެވެ. މަންޝާ ނޫން އެހެން މީހަކު އަތްބެއްގެ ގޮތުގައި ހިޔާރު ކުރާކަށް ޒިބާން ބޭނުމެއް ނުވެއެވެ.

"ބޮޑުދައިތަ ތި ބުނަން އުޅޭ އެއްޗެއް ސާފުކޮށް ބުނެބަލަ.." ރުޅިގަނޑު ހިފަހައްޓާލަމުން ޒިބާން ވާހަކަ ދެއްކީ ހަމަޖެހޭކަން ދައްކަމުންނެވެ.

"މި ކިޔާ އެއްޗަކީ ޒިބާން އަވަހަށް ކައިވެނި ކުރާށޭ.." ސަކޭރާ ބޭނުންވާ ގޮތް ހާމަކުރުމުން ޒިބާން އެކަމާ އިންކާރުކުރަން ދެއަތަށް ބޯ ހޫރާލިއެވެ.

"ތިނޫން ކަމަކު ބުނޭ..." ކޮޓަރިއަށް ދާން ޒިބާން އެނބުރިލި އިރު ތަޒްކިޔާ ހުރިތަން ފެނި ޒިބާންގެ ފިޔަވަޅު ހުއްޓުނެވެ. ޒިބާން އިސްޖަހާލީ ތަޒްކިޔާއާ ހަތަރުކަޅި ހަމަކުރަން ބޭނުން ނުވާތީއެވެ.

ގޭތެރެއަށް އިތުރު ބަޔަކު ވަދެގެން އައިތަން ފެނި ޒިބާނަށް ސިހުމެއް ލިބުނެވެ. ތަޒްކިޔާގެ ހިތް ތެޅި ފޮޅުނެވެ. ވާން މިއުޅެނީ ކިހާވަރެއްގެ ކަމެއްކަން ތަޒްކިޔާއަށް އެނގުން ނަމަވެސް ޒިބާނަށް އެއްވެސް ކަމެއް ރޭކައެއް ނުލައެވެ. ބިޔަ ހަށިގަނޑެއް ލިބިފައިވާ މެދު އުމުރުގެ މީހާ އައިސް ހުއްޓުނީ ތަޒްކިޔާ ކައިރީގައެވެ. ތަޒްކިޔާގެ އަތުގައި ހިފާލުމުން ޒިބާނަށް ކުރިއަށް ޖެހިލެވުނީ ވެގެން އުޅޭގޮތެއް އޮޅުން ފިލުވާށެވެ.

ޒިބާންގެ ދުލުން ބަހެއް ބޭރު ނުވަނީސް ހުދު ފޭރާމެއްގައި ހުރި އެ މީހާގެ އަތް ތިލަ ޒިބާންއާ ދިމާއަށް ދިއްކޮށްލަމުން އޭނާ އެތަނަށް އައި ބޭނުން ހާމަކުރިއެވެ. "އަހަރެން މި އައީ ތަޒްކީ ބަލާ... އެކުދިންނަށް ތިން އަހަރުވީ އިރުވެސް ކައިވެންޏަކާ މެދު ވަކިގޮތެއް ޒިބާނަކަށް ނުނިއްމުނު. އަހަރެން ބޭނުމެއް ނޫން ހުރި ހަމަ އެކަނި އަންހެން ދަރި މީހަކާ ނީނދެ މިހެން އުމުރު ދުވަހު އުޅޭކަށް. މިހާ ދުވަހު އަހަރެން މަޑުކޮށްގެން ހުރީ ތަޒްކީ ކިޔާވަރުން.. އެކަމަކު ދެން ނިމުނީ.. ތަޒްކީ.. ހިނގާ މިހާރު ގެއަށް ދާން..."

ޖަމާލު އޭނަގެ ދަރިފުޅުގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ތަޒްކިޔާ ނުދާން ގަދަހަދަމުން ފަސްއެނބުރި ކޮޓަރިއާ ދިމާއަށް ބަލާލިއެވެ. ސަކޭރާ މިއޮއްހާ ދުވަހު ދެއްކި ވާހަކަތަކަށް ބީރު ކަންފަތެއް ދީގެން ހުރި ޒިބާންގެ ހިތަށް އެއްޗެއް އަރާ ވަރުވީ ޖަމާލުގެ މި އަމަލުންނެވެ. ޖަމާލުގެ ކުރި ބައްދަން ޒިބާން އަތް ހުރަސްކޮށްލިއެވެ. ފިޔަވަޅު މަޑުޖައްސާލަމުން ޒިބާންގެ މޫނަށް ބަލާލުމަށްފަހު ތަޒްކިޔާގެ މޫނަށް ޖަމާލު ބަލާލިއެވެ. "ބައްޕާ... ހެޔޮނުވާނެ.. އެކުދިންނާ ނުލާ އަޅުގަނޑަކަށް ނޫޅެވޭނެ.. ބައްޕާ... އަޅުގަނޑު މިގޭގަ ބަހައްޓާ..." ތަޒްކިޔާ ރޮއި އާދޭސްކުރަމުން ދިޔައެވެ.

"ޒިބާން މިދެމަދަށް ވަންނަން ނޫޅެ ދުރަށް ދޭ... ކުދިން ބަލަން ގެނެއްސަ އިން ޚާދިމެއްހެން ކަލޭމެން މަގޭ ދަރި ތިގެންގުޅެނީ... މިއަދު އަހަރެން ހުއްޓުވަން ނޫޅޭތި..." ޖަމާލު ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ.

ޒިބާންގެ މޭގައި އަތްއަޅާ ކޮށްޕާލަމުން ޖަމާލު އެގެއިން ނިކުތުމަށް ހިނގައިގަތެވެ. ޒިބާންގެ މޫނަށް ތަޒްކިޔާ ބަލާލީ އާދޭހުން ފުރިގެންވާ ފަދަ ގޮތަކަށެވެ. ބައްޕަ ހުއްޓުވަން ކޮންމެވެސް ކަމެއް ޒިބާން ކުރާނެ ނަމައޭ ތަޒްކިޔާގެ ހިތަށް އަރަމުން ދިޔައެވެ.

ތަޒްކިޔާގެ ހިތުގެ ގޮވުން ޒިބާންއަށް އެނގެމުން ދިޔަ ކަހަލައެވެ. އެވަގުތު ތަޒްކިޔާގެ އަތުގައި ޒިބާން ހިފެހެއްޓުމުން ތަޒްކިޔާގެ ފިޔަވަޅު މަޑުކޮށްލިއެވެ. މަންޒަރު ބަލަން ހުރި ސަކޭރާއަށް ވެސް އޭރު ރޮވެނީއެވެ. ތަޒްކިޔާ ގޮއްސިއްޔާ އެކަމާ އެންމެ ދެރަވެގެން އުޅޭނީ ޒޯއީ އާއި މެހެކްއެވެ. އެދެކުދިން އަދި ވަރަށް ކުޑައެވެ. މަންމައެއްގެ ލޯތްބާ އަޅާލުން ފުރިހަމަ ގޮތުގައި ބޭނުންވާ އުމުރުގައި ތިބި ކުދިން އެކަނިވެރި ވާނެތީއެވެ.

"އަހަރެން ތަޒްކިޔާއާ ކައިވެނި ކުރާނަން..."

ޒިބާންގެ ދުލުން ނިކުތް ލަފްޒުތައް އަޑުއިވުނު އެންމެން ކަހަލަ ގޮތަކަށް ޒިބާނާ ދިމާއަށް ބަލާލިއެވެ. ހައިރާންވެފައި ތަޒްކިޔާއަށް ހުރެވުނީ ޒިބާންގެ މޫނަށް ބަލާށެވެ. އެވަގުތު ތަޒްކިޔާގެ އަތުން ޖަމާލު ދޫކޮށްލަމުން ކުރިއަށް ހިނގައިގަތީ ސަކޭރާއާ ދިމާއަށެވެ. ސަކޭރާއާ ހިނިތުންވުމެއް ބަދަލުކޮށްލުމުން ޖަމާލް ވާހަކަ ދެއްކިއެވެ. "ކައިވެނީގެ ކަންތައް އަވަސްކުރޭ..." ޖަމާލު އެނބުރިލަމުން ޒިބާންއާ ދިމާއަށް ބަލާލިއެވެ. "ޒިބާން. އަހަރެންގެ ދަރިފުޅަށް ދެރަ ގޮތެއް ނުހަދާނަން ކަމަށް ވައުދު ވޭ..."

ޒިބާން ބޯ ޖަހާލަމުން ތަޒްކިޔާގެ މޫނަށް ބަލާލިއެވެ. ތަޒްކިޔާއަށް އަދިވެސް އެ މޫނުމަތިން ހާސްކަމުގެ ކުލަވަރު ފެނެއެވެ. ޒިބާންގެ މި ނިންމުމަކީ އެ ދެކުދިންނައްޓަކައި ނިންމި ނިންމުމެއް ކަން ތަޒްކިޔާއަށް ޔަގީނެވެ. އަދިވެސް ޒިބާންގެ ހިތުގައި ވަނީ މަންޝާ ކަން ތަޒްކިޔާއަށް އެނގެއެވެ.

*** *** *** *** *** ***

އަތުގައި އޮތް ހިލަކޮޅު ފޮއްޓަށްލާ މަތިޖެހުމަށްފަހު ތަޒްކިޔާ ފުން ނޭވާއެއް ބޭރު ކޮށްލިއެވެ. ޒިބާންގެ ފަރާތުން ލޯބި ހާސިލްކުރަން ތަޒްކިޔާ މަސައްކަތެއް ނުކުރެއެވެ. ޒިބާން ދެކެ ކިތަންމެ ލޯބި ވިޔަސް އެ ލޯބި ހިތުގެ ކަނެއްގައި ފޮރުވައިގެން ހުރެހުރެ އެކަން ވަަނީ އާދައަކަށް ވެފައެވެ. މާޒީގެ އެކި ހިޔާލުތަކުން ތަޒްކިޔާގެ ހިތުގައި ރިހުމެއް އުފެދުނެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލި ވަގުތު މީހެއްގެ ހިލަންވުމުން ދޮރަށް ފުރަގަސްދެމުން ހިނިތުންވާން ތަޒްކިޔާ މަސައްކަތް ކުރިއެވެ.

"ދަރިފުޅާ ރޮނީތަ؟..." ސަކޭރާގެ އަޑު ޖެހުމުން ހެމުން ކަހަލަ ގޮތަކަށް ސަކޭރާއާ ކުރިމަތިލާން ތަޒްކިޔާ އެނބުރިލިއެވެ.

"ނޫން ކިހިނެއްވީ.." ތަޒްކިޔާ ބޭނުންވީ އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ވާހަކަތައް ފޮރުވާށެވެ.

"ބޮޑުދައިތައަށް އިނގޭ ކޮންމެވެސް ބޮޑުކަމަކާ ތަޒްކިޔާ ހާސްވެފަ ހުންނަ ކަން... ބުނެބަލަ.. ކިހިނެއްތަ ވީ؟... ޒިބާން އެއްޗެކޭ ބުނީތަ؟.." ލޯތްބާ އެކީ ވާހަކަ ދައްކަމުން ދިޔަ ސަކޭރާ މަސައްކަތް ކުރީ ތަޒްކިޔާއަށް އުނދަގޫ ކުރަމުން ދިޔަ ހިޔާލުތައް ދެނެގަންނާށެވެ.

ފުން ނޭވާއެއް ބޭރުކޮށްލަމުން ތަޒްކިޔާ ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. ކުޑަދޮރުން ބޭރުން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށް ބަލަން ހުރެ ތަޒްކިޔާ ވާހަކަ ދައްކަން ފެށިއެވެ. "އަހަރެންގެ ހިތް ބިރު ގަންނަނީ... ޒޯއީ އާއި މެހެކް ދުނިޔެއަށް ގޮސްދާނެތީ.. އެމީހުން އެހެން އުޅެނިކޮށް އިންސާނުންގެ ބަޔަކަށް ފެނި އެމީހުންނަށް ދެރަ ގޮތެއް ހަދާފާނެތީ... ޒޭބާ މަރުވެގެން ދިޔަ ގޮތް އެނގުނީމަ އަހަރެން ބިރުން ހަލާކު ނުވީ ކިރިޔާ..."

ސަކޭރާ ދެއަތަށް ބޯހޫރަމުން ވާހަކަ ދެއްކި އިރު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. "ނޫން ދަރިފުޅާ... އަދި ތި ވިސްނެނީ މުޅިން ރަނގަޅަކަށް ނޫން... އިންސާނުންގެ ތެރޭގައި ވެސް އުޅޭނެ ރަނގަޅު މީހުންނާ ގޯސް މީހުން... ޒޭބާއަށް އެހެން ދިމާވީ ޒޭބާގެ ވެސް ގޯސް ކަމުން.. ޒިބާން އާއި ޒޭބާ ދުނިޔެއަށް ފޭބީ ޟިރާރުގެ އާއިލާއަށް އުނދަގޫކޮށް ބަދަލު ހިފުމުގެ ނިޔަތުގައި... އަހަރެމެންނަށް ވެސް ދުނިޔެއަށް ގޮސް އެމީހުންގެ ތެރޭ އުޅެވިދާނެ، އެކަމަކު އެމީހުންނަށް އުނދަގޫ ނުކޮށް އުޅެންވާނީ... އިންސާނުންގެ ތެރެއަށް އަހަރެމެން ދިޔުން މަނާކުރާ ސަބަބަކީ އިންސާނުންނަކީ މާތްﷲ އުފެއްދެވި އެންމެ ރީތި ދަރިފަސްކޮޅު.. އަހަރެމެންނަށް އެމީހުންގެ ތެރެއަށް ދިޔުމުން އެ މީހުންދެކެ ލޯބިވުމަކީ ވެސް ވެދާނެ ކަމެއް... އެއްގޮތަކަށް ވެސް އިންސާނުންނަކީ ގޯސް ބައެކޭ ހިތަށް ނާރުވާތި.. އިންސީންގެ ތެރޭވެސް ޖިންނީންގެ ތެރޭވެސް ނުބައި މީހުން އުޅޭނެ..."

ސަކޭރާ ދެއްކި ވާހަކައިން ތަޒްކިޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ. ނަމަވެސް މަންޝާއާ އެމީހުންގެ އާއިލާއަށް ޒޯއީ ހުރިކަން އެނގޭ ދުވަހަކުން އެކުއްޖާ ގެންގޮސްދާނެއޭ ތަޒްކިޔާގެ ހިތަށް އެރިއެވެ. ސަކޭރާމެންނާ އެވާހަކަ ހިއްސާކުރާކަށް އޭނާއަކަށް ނުކެރުނެވެ.

*** *** *** *** *** ***

އަތުން ފެން ކޮތަޅުތައް ހިފައިގެން ހުރެ ގަސްތަކުގެ ތެރެއިން ތިން މީހުން ހިނގަމުން ދިޔައީ ސިއްރު ސިއްރުންނެވެ. "އަސްލު ތިގޮލާ މާލެތަ؟.." ކިނާން ބޯ ކަހާލަމުން އަހާލިއެވެ.

ހިނިގަނޑެއް ޖަހާލަމުން ހޫދު ވާހަކަ ދެއްކިއެވެ. "މަ މިރަށަށް ރަޖިސްޓްރީ ކުރަންވީނު... ހެހެހެ.. މިރަށް މާ ބޮލަށް ފަސޭހަ... މާލެ ވެއްޖިއްޔާ ބިލްޑިންގްސް، ކާރު، ސައިކަލު، ޓްރެފިކް، އަހް.. ބޯ ހަލާކުވާނެ.." ހޫދު ވާހަކަ ދައްކަމުން ދިޔަ އިރު ކިނާނާއި ރާއިދް ސިއްރުސިއްރުން ގަސްތަކެއްގެ ނިވަލުގައި ހުރެ މަގާ ދިމާއަށް ބަލަމުން ދިޔައެވެ.

"ޝްޝް... އޭ.. މިތިބީ އެއްކަލަ ގްރޫޕް... ހިނގާ... މަށަށް ރަތް ޓޮޕްލީ ކުއްޖާ..." ރާއިދް ވައި އަޑުން ވާހަކަ ދެއްކީ މަގުމަތީ ތިބި ތިން ކުދިންނަށް އަޑު ނީވޭނެހާ މަޑުންނެވެ. ކިނާން ދެން ތިބި ކުދިންނަށް ބަލާލުމަށްފަހު ދެލޯ ބޮޑު ކޮށްލިއެވެ. "މަށަކަށް ޝީން ފަހަތަކުން ނުދުވެވޭނެ... މަށަށް ކުރުކޮށް އެހެރަ މަންޖެ..." ކިނާން ބޭނުންވާ ކުއްޖާ ބުނުމުން އެކުދިންތަކާ ދިމާއަށް ހޫދު ބަލާލިއެވެ.

މިއަދު ހެނދުނު ކޮޓަރި ދޮރު ހުޅުވާލި އިރު ދިމާވި ކުއްޖާ އެތާ ހުރިތަން ފެނުނެވެ. އެކުއްޖާއަށް އިޝާރާތް ކުރަމުން ރާއިދު ވާހަކަ ދެއްކީ ހޫދުގެ ކޮނޑުމަތީ މަޑުމަޑުން ޖަހާލަމުންނެވެ. "ކަލޯ... އެއީވާ މަންޖެއެއް.. އަވިއްސެއް ކަހަލަ އެއްޗެއް... އޭނަ ގަޔަށް ފެން ޖަހައިފިއްޔާ ހޫދަށް ކަމެއް ކުރެވުނު ކަމަށް ވާނީ... ހިނގާ ނައްޓާލަމާ..."

ހޫދަށް ހުރެވުނީ ޝީންގެ ދިގު އިސްތަށިގަނޑަށް ބަލާށެވެ. ވަޔާއެކު އިސްތަށިތައް މޫނުމައްޗަށް ވިހުރެން ފެށުމުން ދެއަތުން އެ އިސްތަށިތައް ކަންފަތް ދަށަށް ލައްވާލަމުން ޝީން ޖައްސަމުން ދިޔަ ވައްތަރުން ހޫދަށް އޭނާ ވަރަށް ކަމުދިޔައެވެ.

ކިނާން އާއި ރާއިދް ދުވެފައި މަގުމައްޗަށް ނިކުތުމުން އެ ތިން އަންހެން ކުދިން ތިން ދިމާއަށް ދުއްވައިގަތެވެ. ހޫދު ފަޔަށް ލެވުނުހާ ބާރެއްލާ ޝީންގެ ފަހަތުން ދުއްވައިގަތީ އަތުގައި އޮތް ފެންކޮތަޅުގައި ބާރަށް ހިފަހައްޓަމުންނެވެ. ފަސްއެނބުރި ބަލަމުން ޝީން ދުވަމުން ދިޔައީ ހެމުން ހަޅޭއްލަވަމުންނެވެ. މަގުމަތިން ފެންނަ ކޮންމެ މީހަކު ޝީން އާއި ހޫދާ ދިމާއަށް ބަލައެވެ. އެމީހުންގެ ގައިން ރެކެމުން ދުވަމުން ދުވަމުން ގޮސް ޖެހިގެން އޮތް ގޯޅި އަޅާލިއެވެ.

އެ ގޯޅިއަށް އަޅާލި ގޮތަށް ޝީންއާ ދިމާއަށް އެއްލަން ހޫދު އަތުގައި އޮތް ފެންކޮތަޅު އަމާޒު ކޮށްލިއެވެ. އަތުކޮޅަށް ފެންކޮތަޅު ހޫރާނުލެވެނީސް ހޫދުގެ ހަރަކާތަށް ހުއްޓުމެއް އައީ ކުރިމަތީ ހުރި މެދު އުމުރުގެ އަންހެން މީހާ ފެނުމުންނެވެ. އޭނާގެ ފަން، ދިގު އިސްތަށިނޑު އައްސާފައިވާ އިރު އޭނާ ލައިގެން ހުރީ ކުރުތާއަކާ ހަރުވާޅެކެވެ. ދުވެފައި ދިޔަ ޝީން އެއަންހެން މީހާގެ ގައިގާ ހިފާ އޭނާގެ ފަހަތަށް ވަދެ ފިލިއެވެ. އަތް ތިރިކޮށްލަމުން ހޫދު އެހުރި ހިސާބަށް ހުއްޓުނެވެ. ވަރުބަލިވެފައި ހުރުމުން އުނަގަނޑުގައި އަތް ވިއްދާލުމަށްފަހު ހަށިގަނޑު ގުދުކޮށްލަމުން ފުންކޮށް ނޭވާލާން މަސައްކަތް ކުރިއެވެ.

އެ އަންހެންމީހާ ވާހަކަ ދެއްކިއެވެ. "ދަރިފުޅާ... އެއީ ކާކުތަ؟... ބީރައްޓެއްސެއްތަ؟.." ހޫދުއާ ދިމާއަށް ނިތްއަރުވާލަމުން އެ އަންހެން މީހާ ވާހަކަ ދެއްކީ އޭނާގެ ފަހަތަށް ވަދެ ފިލާ ހުރި ޝީންއާއެވެ. އެ އަންހެން މީހާގެ ކޮނޑުމަތިން ބޯ ދިއްކޮށްލަމުން ހޫދާ ދިމާއަށް ޝީން ބަލާލިއެވެ. އެބެލުމުން ހޫދުގެ ހިތަށް ފުން އަސަރުތަކެއް ކޮށްފިއެވެ. އެއްއަތުން މޭގައި ހޫދު ފިރުމާލަމުން އެއްބުމަ އަރުވާލަމުން ޝިންއާ ދިމާއަށް ބަލާލިއެވެ.

ދޫނެރެ ހޫދުއާ ދިމާއަށް ޝީން ވައްތަރެއް ޖައްސާލަމުން އެ އަންހެން މީހާގެ ކޮނޑަށް އަތް ވައްޓާލިއެވެ. "ޝީންގެ މަންޝޫ ވެސް މީނީ ސައިނުބޮއެތަ؟.. އަވަހަށް ހިނގާ ސައިބޯން.." ސަމާސާ ރާގަކަށް ޝީން ވާހަކަ ދެއްކުމުން އަންހެންމީހާ ހިނިގަނޑެއް ޖަހާލުމަށްފަހު ޝީންގެ ބުރަކަށީގައި ފިރުމާލިއެވެ. ޝީން ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. އަންހެންމީހާ ފަސްއެނބުރި ހޫދާ ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ހޫދުގެ ދުލަށް އެ ނަން އައި ނަމަވެސް ގޮވާލާނެ ހިތްވަރެއް ނުލިބުނެވެ. ހިތާހިތުން އެނަން ކިޔާލެވުނެވެ.

"މަންޝާ..."

(ނުނިމޭ)