"ރެޑީ؟..." ޔަގީންކޮށްލަން މެހެކް ގާތު ޒޯއީ އަހާލިއެވެ. ވިސްނާލުމަށްފަހު މެހެކް ބޯ ޖަހާލުމުން ޒޯއީ ގުނަން ފެށިއެވެ.

"ވަން... ޓޫ... ތުރީ... ގޯ....."

ތިރިއަށް ވެއްޓެމުން ދިޔަ އިރު މެހެކް ދެލޯ މަރާ ބާރުކޮށްލީ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުންނެވެ. ވައިކަފާ ތިރިއަށް ދިޔައިރު މަޑު ކަފަކޮޅެއް ފަދައިން ފެންނަމުން ދިޔަ ވިލާތައް ފޫއަޅުވަމުން އެ ދެކުދިން ތިރިއަށް ދިޔައީ ބާރު ސްޕީޑެއްގައެވެ. މެހެކް ގައިގާ ހުޅު ރޯވެ ނޫކުލައިން މުޅި ހަށިގަނޑު ވަށާ ފަށަލައަކުން ދިއްލުނެވެ. ދެލޯ މަޑުމަޑުން ހުޅުވާލުމަށްފަހު މެހެކްއަށް ލިބުނު ހައިރާންކަމުން ތެޅިގަނެވުނެވެ. މެހެކް މިގޮތަށް ދަތުރުކުރާ މީ ފުރަތަމަ ފަހަރުކަމުން ސިހުމެއް ލިބުނީއެވެ.

ޒޯއީގެ އަތަށް ލުކި ޖެހެމުން ދާތީ މެހެކްއާ ދިމާއަށް ޒޯއީ ބަލާލީއެވެ. މެހެކްގެ ހަށިގަނޑު ވަށާ ފެންނަމުން ދިޔަ ނޫކުލައިގެ ހުޅުކޮޅުގެ ކުލަ ފަނޑުވަމުން ދާތީ ޒޯއީ ކަންބޮޑުވިއެވެ. މެހެކްގެ އަތުގާ ހިފާ ގަޔާ ދިމާއަށް ޒޯއީ ދަމައިގަތެވެ. މެހެކްގެ ހަށިގަނޑުގައި ދެއަތް ވަށާލަމުން ހަމަޖެހޭށޭ ޒޯއީ ބުނެލުމުން މެހެކް ފުންކޮށް ނޭވާލާން މަސައްކަތް ކުރިއެވެ. މެހެކް ހުރީ އިންތިހާއަށް ބިރުގަނެ ހާސްވެފައިކަން ޒޯއީއަށް އެނގުނެވެ.

"މެހެކް... ދެލޯ މަރާލަބަލަ" ޒޯއީގެ އެދުމަށް މެހެކް ދެލޯ މަރާލީ އޭނާގެ ހިތުގެ ވިންދު އަވަސް ވާން ފެށުމުންނެވެ.

ވައިރޯޅި މަޑުވިކަމުގެ އިހްސާސްވުމުން މެހެކް މަޑުމަޑުން ލޯ ހުޅުވާލިއެވެ. ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރެއަށް މެހެކްއާ އެކީ ޒޯއީ ފޭބިއެވެ. ބިމުގައި ފައިޖެހުމާއެކު ވަށައިގެން ފެންނަމުން ދިޔަ މާހައުލަށް ކަޅި ޖަހާނުލާ ބަލަން މެހެކްއަށް ހުރެވުނެވެ.

"މީ ކޮންތަނެއް؟... މީހަކަށް ފެނިދާނެ... ހިނގާ ދާން... މިހާރު މަންމަ ހޯދާނެ..." ފެހިކަން ގަދަ ގަސްތަކަށް ނަޒަރު ހިންގަމުން މެހެކް ވާހަކަ ދެއްކީ އަވަސްއަރުވާލައިގެން އުޅޭ މީހަކު ފަދައިންނެވެ.

"ހަމަޖެހިބަލަ..." ގަސްތަކުގެ ތެރެއިން ޒޯއީ ކުރިއަށް ހިނގައިގަތީ އޭނާ ލައިގެން ހުރި ހެދުމުގެ ފަސްބައިގާ ހިފާ އުފުލާލަމުންނެވެ. ތާރުއަޅާފައިވާ މަގަށް ނިކުތުމުގެ ކުރިން ޒޯއީ ލައިގެން ހުރި ހުދުހެދުން ބަދަލު ކޮށްލިއެވެ. މަޑު ނޫކުލައިގެ ޖިންސަކާއި ރަތް ޓޮޕަކަށް ހެދުން ބަދަލުވެގެން ދިޔަތަން ފެނުމުން މެހެކްއަށް ހައިރާން ކަމެއް ލިބުނެވެ.

"ތިއޯ.."

އެ މަގުމަތިން ފެންނަމުން ދިޔަ މީހުންތަކާ ދިމާއަށް ލޮލުން އިޝާރާތްކޮށްލަމުން ޒޯއީ ބުނަން އުޅުނީ ކީކޭކަން ދެނެގަންނަން މެހެކްއަށް އެނގުނެވެ. އެމަގުން ދިޔަ އަންހެން ކުއްޖެއް ލާފަ ހުރި ކަޅު ކުލައިގެ މެކްސީ ފެނުމުން އެ ކަހަލަ ހެދުމަކަށް މެހެކްގެ ހެދުން ބަދަލުކޮށްލަން މަސައްކަތް ކުރިއެވެ.

ރަތްކުލައާ ކަޅުކުލައިގެ ކުރެހުމެއް އެކުލެވިފައިވާ އެހެދުން ވަރަށް ވެސް ރީއްޗެވެ. މެހެކްގެ އަތުގައި ހިފާލަމުން ޒޯއީ މަގުމައްޗަށް ނިކުތެވެ. އެވަގުތު މަގުކޮޅުން އައި ސައިކަލުގައި އިން ޒުވާނާއަށް ޒޯއީއާ މެހެކް ފެނުނެވެ. އެ ޒުވާނާއާ ދިމާއަށް މެހެކް ބަލަން އިނީ ހައިރާންވެފައެވެ. އިންސާނުންގެ ރީތިކަން ފެނި މެހެކް ހުރީ ބަސް ހުއްޓިފައެވެ. ކަޅި ޖަހާ ނުލާ އެމީހުންނާ ދިމާއަށް ސައިކަލުގައި ދާ ޒުވާނާ ބަލާކަން އެނގުމުން މެހެކްގެ އަތުގައި ޒޯއީ ހިފާ ފިއްތާލިއެވެ.

"މެހެކް ލެޓްސް ޑިސެޕެއާ. މީހުންނަށް ފެނިގެން އުޅޭކަށް ނުވާނެ..."

ކުއްލިއަކަށް އެ ސައިކަލުގެ ބުރެކި ޖެއްސީ އޭނާގެ ލޯމައްޗަށް އޭރު ފެނުނު ދެއަންހެން ކުދިން ގެއްލުމުންނެވެ. އެ ބޮޑު މަގުން އެމީހުން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ. ވަށައިގެން މަގުމައްޗަށް ބަލާލުމަށްފަހު އެ ޒުވާނާ އެ ހިސާބުން ފެންނަން ހުރި ގަސްތަކާ ދިމާއަށް ބަލާލީ ބިރުން ވިރިވރި ވާ ހާލުގައެވެ.

*** *** *** *** *** ***

އީދު ނަމާދުން ފައިބައިގެން ގެއަށް އައިސް ބަދިގެ މޭޒުމައްޗަށް ސައި ތައްޔާރުކުރަން މުނީރާއާ މަދީހާ އަވަސްވެގަތެވެ. ހަދީޖާއަށް ސައި ތައްޔާރުކޮށްގެން މަދީހާ ދިޔައީ ހަދީޖާ އޮތް ކޮޓަރިއަށެވެ. ތަށިތައް މޭޒުމަތީ ބެހެއްޓުމަށްފަހު މަދީހާ ގާތްވެލީ އެނދުގައި އޮތް ހަދީޖާ ގާތަށެވެ. އޭނާ އެނދުމަތިން ތެދުކުރުވުމަށްފަހު މޭޒު ކައިރީ ހުރި ޕްލާސްޓިކް ގޮނޑީގައި މަޑުމަޑުން ބޭންދިއެވެ. ގޮނޑި، މޭޒާ ކައިރިކޮށްލިއެވެ. ހަދީޖާ ކާން ފެށުމުން މަދީހާ ފޯނު ނަގާ ގަޑިއަށް ބަލާލިއެވެ. މަންޝާ މަތިން ހަނދާންވުމުން މަންޝާގެ ފޯނު ނަންބަރު ޑައަލްކޮށްލުމަށްފަހު ކަންފަތުގައި ފޯނު ޖަހާލިއެވެ.

*** *** *** *** *** ***

ފޯނު ރިންގްވާ އަޑަށް މަންޝާ ދެލޯ ހުޅުވާލި އިރު ބޮލުގައި ރިހުމެއް ހުރިކަމުގެ އިހްސާސެއްވިއެވެ. ނިއްކުރިމަތީ އަތް އަޅައިގެން އޮވެ ތެދުވަން އެއް އަތް ވިއްދާލިއެވެ. މުޅި ހަށިގަނޑުގެ އެތަން މިތަނުގައި ރިއްސާވަރުން ތަޅުން މަތިން މަންޝާ ތެދުވީ ހުތް ކިޔާފައެވެ. އެނދުމަތީ އޮތް ފޯނު ނަގަން މަންޝާ ކުރިއަށް ހިނގައިގަތެވެ. ފަޔަށް ބަރުވެފައި ހުރުމުން ސީދަލަށް ހިނގޭ ގޮތެއް ނުވިއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން މަންޝާ ހަލޯ އޭ ބުނެލީ މަޑުމަޑުންނެވެ.

"ދަރިފުޅާ... އީދު މުބާރިކް... ހާލު ކިހިނެއްތަ؟.." މަދީހާގެ އަޑު ޖެހުމާއެކު މަންޝާގެ ދެލޯ ކަރުނުން ފުރުނެވެ. ހިތުގައި ރިހުމެއް އުފެދުނެވެ. ލޯބި އުނިވެފައިވާ އެހިތުގެ ކަނަކުން ވިންދު ޖަހާލި ކަހަލައެވެ.

"މަންމާ... މަންމާ... އީދު މުބާރިކް... މަންމާ" ވާހަކަ ދައްކަމުން ދިޔަ މަންޝާއަށް މާ ގިނަ އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ. އޭނާއަށް އުފަލުން ގޮސް ރޮވެނީއެވެ. މުޅި ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވިގެން އުޅޭ ކަހަލައެވެ.

"މަންޝާ ކައިރިއަށް މަންމަ ދާންވީތަ؟.. އަމާ ބަލިކޮށް އުޅޭތީ މިފަހަރު ނެދުވުނީ... ދަރިފުޅު ބޭނުމިއްޔާ މަންމަ ހިނގައިދާނަން.. މިހާރު މުނީރާ ވެސް އެބަ އުޅޭ... ދަރިފުޅާ ވާހަކަ ދައްކަބަލަ..." މަދީހާގެ ވާހަކަތަކުން މަންޝާއަށް ރޮވޭ ގޮތް ވިއެވެ. ދެ ތުންފަތް ފިއްތާ ބާރުކޮށްލަމުން މަންޝާ މަސައްކަތް ކުރީ އަޑެއް ނުލައްވާ ވޭތޯއެވެ. މަދީހާ ގާތަށް ދާން މަންޝާ ވެސް ބޭނުމެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި އެ ހުންނަ ނިޝާންތައް މަދީހާއަށް ފެންނާކަށް ބޭނުމެއް ނޫނެވެ.

"މަންޝާ...ވާހަކަ ދައްކަބަލަ... ރޮނީތަ؟ ކޮބާ އަޒީމް.. އަޒީމް އެއީ ހާދަ ނުބައި ނުލަފާ ފިރިހެނެކޭ..." މަދީހާއަށް ހިމޭނަކުން ނުހުރެވުނެވެ. އޭނާގެ ހިތުގައި ފޮރުވާފައިވާ ވާހަކަތައް މަންޝާގެ ކަންފަތަށް ވާސިލްވާނެހެން ބޭރުކޮށްލިއެވެ.

"މަންމާ... ދެން ބޭއްވީ... އަޒީމް ދެކެ ތިހާ ރުޅި އަންނަންޏާ އަހަރެން ކައިރިއަށް އަންނާނެ ކަމެއް ނެތް..." ދަށްބަނޑުގައި އެއް އަތް އަޅައިގެން ހަށިގަނޑު ގުދުކޮށްލަމުން މަންޝާ ވާހަކަ ދެއްކީ ހަމަ ހިތްވަރުންނެވެ. ފޯނު ކަނޑާލުމަށްފަހު އެނދުމައްޗަށް ފޯނު ހޫރާލަމުން މަންޝާ އަޑުން އަޑު ނަގާ ރޯން ފެށިއެވެ.

ތެތްފިނި އެއްޗެއް ގައިގާ ޖެހޭކަހަލަ އިހްސާސެއް ވާތީ މަންޝާ އިސްއޮބާލަމުން ފައިތިލައާ ދިމާއަށް ބަލާލިއެވެ. ލޭތިކި ތިކި ޖަހާފައިވާ ތަން ފެނުމުން ހައިރާންވެ ހުރެ ހަރުވާޅު ކައްގަނޑުގައި އަތް ޖައްސާލިއެވެ. ހަރުވާޅު ވަނީ ލެއިން ތެމި ފޯވެފައެވެ. ދެފައި ފިއްތައިގެން ހިނގާފައި ގޮސް އަލަމާރި ހުޅުވާލީ ބޭނުންވާ ސާމާނުތަކާއެކު ފާޙާނާއަށް ވަދެ ފެންވަރާށެވެ.

*** *** *** *** *** ***

އަންހެން ކުއްޖެއްގެ ހުނުމުގެ އަޑަށް އެނދުން ބޯ ހިއްލާލަމުން ކޮޓަރި ތެރެއަށް ހޫދު ބަލާލީ ދެލޯ ހަނިކޮށްލަމުންނެވެ. ރޭގަ ލަހުން ނިދުމުގެ ސަބަބުން ބޮލުގައި ރިހުމެއް ވިއެވެ. ހޫދު އެނދުމަތިން ތެދުވީ އެއް އަތުން އިސްތަށިގަނޑުގައި އަތް އުނގުޅަމުންނެވެ. ލައިގެން ހުރި އެއްޗެހި ބަދަލުނުކޮށް އޮވެ ނިދުމުގެ ސަބަބުން މުޅި ގަމީހުގައި ވަނީ ކުދި ރޫތަކެއް ޖެހިފައެވެ. ފާޙާނާއާ ހަމައަށް ދާން ހިނގައިގަތް ހޫދުގެ ކަންފަތުގައި ޖެހުނީ އަނެއްކާ ވެސް ކުރިން އިވުނު ހުނުމުގެ އަޑެވެ. އެ އަޑު އަންނަނީ އެ ކޮޓަރިއަށް ވަންނަން ހުރި ދޮރާ ދިމާލުން ކަން ޔަގީންވުމުން އަވަސް ފިޔަވަޅުތަކެއްގައި ދޮރާ ދިމާއަށް ހޫދު މިސްރާބު ޖެހިއެވެ. ދޮރުފަތް ތަންމިނަށް ހުޅުވާލިއެވެ.

"އާއި...."

އިވުނު ތޫލި ހަޅޭކުގެ އަޑަށް ހޫދުގެ ދެލޯ ހުޅުވި ހަށިގަނޑުގައިވީ ކަންނެތްކަން ވެސް މުޅިން ފިލައިގެން ދިޔަ ކަހަލައެވެ. އެލާމެއް ކަހަލަ އަޑެކެވެ. ދޮރުގައި ލައްވެގެން ހުރި އަންހެން ކުއްޖާ ނުވިސްނާ ހުއްޓާ، ކުއްލިއަކަށް ހޫދު ދޮރުފަތް ހުޅުވާލުމުން އިދިފުށަށް އެއަންހެން ކުއްޖާގެ ހަށިގަނޑު އަރިއަޅާލިއެވެ. އެވަގުތު ތޫލި އަޑަކުން ހަޅޭއް ލަވައިގަތެވެ. އެކުއްޖާގެ ހަށިގަނޑުގައި ހޫދަށް ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. ހޫދުގެ އަތް އެ ހަށިގަނޑުގައި ޖެހުމާއެކީ އޭނާގެ ހަޅޭކުގެ އަޑު މުޅިންހެން ކެނޑިއްޖެއެވެ. ތަގުޅިކޮށްފައިވާ ދެލޯ މަޑުމަޑުން ހުޅުވާލަމުން އެ އަންހެން ކުއްޖާގެ އެސްފިޔަތައް ހަލުވިކަމާއެކު ތަޅުވާލިއެވެ. ހޫދުގެ މޫނަށް އެ އަންހެން ކުއްޖާ ބަލާލީ ހައިރާންކަމުން ފުރިގެންވާ ނަޒަރަކުންނެވެ.

ހިނދުކޮޅަކަށް ނަމަވެސް އެ ދޮން މޫނަށް ބަލަން ހޫދަށް ހުރެވުނީ ކީއްވެކަމެއް ނޭނގުނެވެ. ދެމީހުންގެ ކަތަރު ކަޅި ބައްދަލުވެގެން ދިޔަ އެ މަދު ސިކުންތުކޮޅަށް ފަހު، ބޭރުން އިވުނު ހަޅޭކުގެ އަޑަށް ދެމީހުން ސިއްސައިގެންގޮސް ހަމަބިމަށް އާދެވުނެވެ. ހޫދުގެ އެހީތެރިކަމާއެކު އެ އަންހެން ކުއްޖާ ކޮޅަށް ތެދުވުމަށްފަހު އެކޮޓަރިން ނިކުމެ ކޮރިޑޯ އިން ސިޑިއާވީ ފަރާތަށް ދުއްވައިގަތެވެ.

އެ އަންހެން ކުއްޖާގެ ފަހަތުން ކޮޓަރިން ބޭރަށް ހޫދު ނިކުމެ އެ ކުއްޖާއަށް ގޮވާލަން އަތް ދިއްކޮށްލި ނަމަވެސް ގޮވާނީ ކީކޭ ކިޔާފަ ކަމެއް ނުވިސްނުނެވެ. މަޑުމަޑުން އަތް ތިރިކޮށްލި އިރު ހޫދުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެއީ ކޮންމެވެސް ތަނަކުން ހޫދަށް ފެނިފައިވާ މޫނެއްކަން ޔަގީނެވެ.

ދުވެފައި ދިޔަ އަންހެން ކުއްޖާގެ، ހުޅި ޖަހާފައިވާ އިސްތަށިގަނޑު ދޫވެ، މުޅި އިސްތަށިގަނޑު ރޫޅިގެން ދިޔުމުން އެ އިސްތަށިގަނޑުގެ ފުރިހަމަކަން ހާމަވެގެން ދިޔައެވެ. ސިޑިއާ ހަމައަށް ދެވުމުން އެ އަންހެންކުއްޖާ ފަސްއެނބުރި ހޫދު ހުރި ދިމާއަށް ބަލާލިއެވެ. ނަމަވެސް އޭރު އެ ކޮރިޑޯގައި އެއްވެސް މީހަކު ފެންނަން ނެތުމުން އެ އަންހެން ކުއްޖާ ސިޑިން ފައިބަން އަވަސް ވެގަތެވެ.

*** *** *** *** *** ***

ރަށުތެރޭގައި މީހުން ހަލަބޮލިވެ މަސައްކަތްތަކުގައި އުޅެމުން ދިޔަތަން މެހެކްއާ ޒޯއީއަށް ފެނުނެވެ. އިންސާނުންގެ އުޅުމާ ވައްޓަފާޅި މެހެކްއަށް ދައްކަމުން ގޮސް އެމީހުންނަށް ނިކުމެވުނު މަގުމަތި ވަނީ ފެނުންނާ ކުލައިން ތެމިފައެވެ. ދެ ޖިންސުގެ ޒުވާން ކުދިން އެކަކު އަނެކަކު ގައިގާ ކުލަ ހާކާ ފެންޖަހަމުން ދިޔަ މަންޒަރު ފެނި މެހެކް ހުރީ އާޝޯޚްވެފައެވެ. އެމީހުންނަށް ދެން ނިކުމެވުނީ ވަރަށް ފުޅާ މަގަކަަށެވެ. އެހިސާބުން މެހެކްއަށް ތަފާތު އިހްސާސެއް ކުރެވެން ފެށިއެވެ. ކުރިއަށް ހިނގަމުން ދިޔަ ވަރަކަށް މެހެކްގެ ހިތް ބާރުބާރަށް ތެޅެމުން ދިޔަކަން ފާހަގަވިއެވެ. ދަގަނޑު ދަގައްފާނަށް ދަމާފަދަ ބާރަކުން 'ވިލޯޑައަމަންޑްގެ' އާ ދިމާއަށް ދެވުނީ ކީއްވެކަމެއް ހުދު މެހަކްއަށް ވެސް ނޭނގުނެވެ.

މަގުމަތީ ތިބި މީހުންނަށް މެހެކްއާ ޒޯއީ ނުފެންނަނީ އެމީހުންނަށް ލިބިފައި ބާރެއްގެ ސަބަބުންނެވެ. އިންސާނުންގެ ލޯތަކަށް ވަންހަނާވެގެން އުޅުމުގެ ބާރު އެމީހުންނަށް ލިބިގެންވެއެވެ. އެގޭ ދޮރުމައްޗާ ހަމައަށް ދެވުމުން ވަށައިގެން އެހިސާބަށް ބަލާލީ މެހެކްއަށް އާދަޔާޚިލާފް އިހްސާސެއް ވާން ފެށުމުންނެވެ. "ޒޯއީ... އެއްވެސް ވަރަކަށް އުނދަގޫވާ ކަހަލަ ގޮތެއްވޭތަ؟..."

"ނޫން.. ކިހިނެއްވީ..." ހައިރާންކަމާއެކު ޒޯއީ އަހާލިއެވެ.

"ނޭނގެ ބުނެދޭކަށް... ފާޑެއްގެ އުނދަގޫތަކެއް ވަނީ..." މެހެކް ވާހަކަ ދައްކަމުން ދިޔައިރު އެގޭ ދޮރުފަތް ހުޅުވުނު އަޑަށް ސިހިފައި އެމީހުންނަށް ބަލާލެވުނެވެ. ދުވެފައި ނިކުތް އަންހެންކުއްޖާ އައިސް ޖެހިގަތީ މެހެކް ގައިގައެވެ. ދެމީހުން އެކީ ބިންމައްޗަށް ނުވެއްޓުނީ ހަމަ ކިރިއާއެވެ. އެ އަންހެން ކުއްޖާއަށް ހިފުނީ މެހެކްގެ ކޮނޑުގައެވެ. ހައިރާންކަމާއެކު އެ އަންހެން ކުއްޖާގެ މޫނަށް މެހެކް ބަލަން ހުއްޓެވެ. އެކުއްޖާ އިސް އުފުލާލަމުން މެހެކްއާ ވާހަކަ ދެއްކިއެވެ. "ވަރަށް ބޮޑަށް ސޮރީ... އައިމް ރިއަލީ ސޮރީ..."

މެހެކްގެ މޫނަށް ބަލަން ހުރެ އެ އަންހެންކުއްޖާ ވާހަކަ ދައްކަން ފެށުމުން އެ ކުއްޖާއަށް މެހެކް ފެންނަނީ ކަން އެނގުނެވެ. މެހެކް ބަލާލީ އޭނާގެ ގާތުގައި ހުރި ޒޯއީއަށެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ އަނެއްކާ ވެސް އެ އަންހެން ކުއްޖާ ވާހަކަ ދެއްކިއެވެ. "މި ރަށުން ވަރަށް ނުފެނޭ... އަލަށްތަ މިރަށަށް ތިއައީ.. އެކަނި ތިހުރީ ކީއްވެ... ރާއިދްމެން މީހަކަށް ފެނިއްޖިއްޔާ ފެން ޖަހާނެ.." އެ އަންހެން ކުއްޖާ ދައްކަމުން ދިޔަ ކޮންމެ ވާހަކައަކަށް މެހެކް ބޯ ޖަހަމުން ދިޔައެވެ. އެ އަންހެން ކުއްޖާއަށް ޒޯއީ ނުފެންނަ ކަން އެނގުނީ އެ އަންހެން ކުއްޖާ ދެއްކި ވާހަކައިންނެވެ.

"ޝީން..."

މަގުކޮޅުން ދުއްވާފަ އައި ސައިކަލުގައި އިން ޒުވާނާ އަޑުގެ ނެތްތަނަށް ގޮވާލުމުން އެދިމާއަށް މެހެކް ބަލާލިއެވެ. މެހެކް ކައިރީ ހުރި އަންހެން ކުއްޖާ ސައިކާލާ ދިމާއަށް ބަލާވެސް ނުލާ ފުރަގަސްދީގެން އިނީ ދުލުކުރީގައި ދަތް އަޅައިގެންނެވެ. ސައިކަލު މަތީ އިން ޒުވާނާ ވަށިގަނޑު ތެރެއިން ފެންކޮތަޅެއް ނަގާ އަތަށް ހެޔޮވަރުކޮށްލި މަންޒަރު ބަލަން ހުރި ޒޯއީއަށް އެ އުޅެނީ ކީއްކުރަން އެނގުމުން އެ ދިމާލުން ދުރަށް ޖެހިލިއެވެ. އެ އަންހެން ކުއްޖާ ފަހަތް ބަލާލުމަށްފަހު ދެލޯ ބޮޑު ކޮށްލަމުން އެހުރި ދިމާއަށް ތިރިވިިއެވެ.

ރާއިދް އެއްލި ފެންކޮތަޅު އައިސް ޖެހުނީ މެހެކްގެ މޭމަތީގައެވެ. ދެލޯ ބޮޑުކޮށްލުމަށްފަހު ރާއިދާ ދިމާއަށް މެހެކް ބަލާލުމުން ރާއިދް ބުރެކި ޖެއްސިއެވެ. މައާފަށް އެދެމުން އައިސް މެހެކްގެ ކުރި މައްޗަށް ހުއްޓުނެވެ. "ސޮރީ.. ކޮބާތަ ޝީން؟.. ޝީން ތެއްމަންވެގެން އެއްލި ފެންކޮތަޅެއް އެއީ.. ސޮރީ ތަދުވިތަ؟.." ހެވިފައި ހުރެ ރާއިދް ވާހަކަ ދެއްކިއެވެ.

ރާއިދްގެ އަނގަ ހަރަކާތްކުރަމުން ދިޔަކަން މެހެކްއަށް އެނގެއެވެ. ނަމަވެސް ރާއިދް ކިޔަމުން ދިޔަ އެއްވެސް ލަފްޒެއް މެހެކްއަށް އަޑު ނީވޭ ކަހަލައެވެ. ރާއިދްގެ މޫނަށް ކަޅި ޖަހާނުލާ ބަލަން މެހެކް ހުރީ ގަބުވެފައެވެ. ރާއިދްގެ ރީތިކަން ފެނި މެހެކް ހުރީ އަންތަރީސްވެފައެވެ. މެހެކްގެ އަތުގަ ހިފަމުން އެތަނުން އޭނަ ދުރަށް ގެންދަން ޒޯއީ މަސައްކަތް ކުރިއެވެ.

*** *** *** *** *** ***

"ކިހިނެއްތަ އޭރު ހެދީ..." ޒޯއީ ނުރުހުމުގެ ރާގަކަށް ވާހަކަ ދެއްކިއެވެ.

"ކަމެއް ކުރީ އަހަރެންތަ؟.. އެއީ ހާދަ ރީތި މީހެކޭ... އޭނަ ދޯ އަހަރެން ގަޔަށް ފެން ޖެހީ..." މޭމަތީ އަތް ހާކަމުން މެހެކް ވާހަކަ ދެއްކިއިރު ލޯ މައްޗަށް ރާއިދުގެ ސޫރާ ފާޅުވަމުން ދިޔައެވެ.

"ސާބަސް..." ނިއްކުރިމަތީ އަތް ޖައްސާ، ބޯ ހޫރުވަމުން ޒޯއީ ވާހަކަ ދެއްކިއެވެ. "އެހިސާބަށް ގޮއްސަ އެމީހުންނަށް ފެނުނީ ކީއްވެހޭ؟... މަ ބުނިންދޯ އެއްވެސް މީހަކަށް ފެނިގެން ނުވާނެޔޭ..." ޒޯއީ ދެއްކީ ކޮން ވާހަކައެއްކަން ކިޔައި ދިނުމުން މެހެކް ދެލޯ މަރާ ފިއްތާލިއެވެ.

"އަހަރެނަކަށް ނޭނގެ އެހެންވީ ކީއްވެ ކަމެއް؟ އެގެއާ ކައިރިވީ ވަރަކަށް އަހަރެންގެ ހަށިގަނޑަށް ގޮތްތަކެއްވާން ފެށި... ބީރައްޓެހިކަމުގެ އެއްވެސް އިހްސާސެއް ނުކުރެވުނު... އަމިއްލަ ބިމޭ، އަމިއްލަ ގޭގަ އުޅެވުނު ކަހަލަ އިހްސާސެއް ވީ..." ވާހަކަ ދައްކަމުން ދިޔައިރު މެހެކްއަށް ވިސްނެމުން ދިޔައެވެ. އެފަދަ އިސްސާސެއް ވާންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

"ހަހަހަ... ދެން ތިހެން ކިޔާ.. މަށަށް އިނގޭ ކީއްވެ ވީކަމެއް ކަން އެއީ..." ޒޯއީ މޭ ފުއްޕާލާފަ އެހެން ބުނެލީ ފޮނިވެލާފައެވެ.

"ކޮންކަމެއްވީ ވާހަކައެއްތަ ތި ދައްކަނީ؟..." ޒިބާންގެ އަޑު ޖެހުމާއެކު މެހެކްއާ ޒޯއީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ޒިބާން ހުރި ދިމާއަށް ބަލާލަމުން މެހެކް އިސްޖަހާލިއެވެ.

(ނުނިމޭ)