"މަންޝާ... އެކަނި ތި އިނިއްޔޯ... މީ އަހަރެމެން ކުޑައިރު ވެސް ޕިކްނިކް އަންނަ ތަން... އަޒީމްމެން ކުޑައިރު މިތަނަށް ވަރަށް ގިނައިން އަންނާނެ..." ނައުރީން ވާހަކަ ދައްކަމުން އައިސް އެ ހިލަ މަތީ މަންޝާގެ މަގަތުގައި އިށީންނަމުން އަތުން ހިފަހައްތައިގެން އިން ފެންފުޅިއަށް ބަލާލިއެވެ.
"އާން.. އަޒީމް ބުނި ތި ވާހަކަ... ވަރަށް ސަޅި މިތަން..." އަތްދަބަސް ހިލަމަތީ ބެހެއްޓުމަށްފަހު އިސްތަށިގަނޑު އެއްކޮށްލާ ހުޅިޖަހާލަމުން މަންޝާ ވާހަކަ ދެއްކިއެވެ.
ހިލަތަކާ ދިމާއަށް ބިންދާލާ ރާޅުތަކުން ބުރައިގެންދާ ލޮނުން އެ ދެމީހުން ތެތްމާލިއެވެ. މޫދުގެ ލޮނުގަނޑާ ދިމާއަށް ބަލާލަމުން ނައުރީން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. ދެއަތުގައި ޖެހުނު ލޮނުތިކިތައް އަތުގެ ނުފުށުން ފުހެލިއެވެ.
"ގަދަ ދުވަސްކޮޅު މިތަނަށް މީހުން ވަރަށް ނާންނާނެ.. އެ ދިމާލުގަ ވަރަށް އޮއެ ގަދަވާނެ..." ރާޅުބާނި ގަދަ ދިމާލަށް އިޝާރާތްކުރަމުން ނައުރީން ވާހަކަ ދެއްކިއެވެ. ހިލަމަތިން ތެދުވެ އެއްގަމުގައި ހުރި އަޒީމާ ދިމާއަށް މަންޝާ ބަލާލިއެވެ. މަންޝާ ހުއްޓުވަން ނައުރީން މަސައްކަތްކުރިއެވެ. "ދަނީތަ... މިތާ އަނގަތަޅާލަން މަޑުކޮށްބަލަ..."
އުނަގަނޑުގައި އަތް ވިއްދާލަމުން ނައުރީންގެ މޫނަށް މަންޝާ ބަލާލީ ދެވަނަ ވިސްނުމަކަށް ދާށެވެ. އަޒީމްމެން ރަށަށް އައިފަހުން ވާހަކަދައްކާ މަޖާކޮށްލާނެ އެކުވެރިއަކު ނެތުމުން މަންޝާ ވަރަށް ދެރަވެއެވެ. ބައެއް ވަގުތުތަކުގައި ޒުހާ މަތިން ވަރަށް ހަނދާންވެއެވެ. ބޮޑު ރާޅެއް އެހިލަތަކާ ދިމާއަށް ދަތުރުކުރަމުން އަންނަ މަންޒަރު ފެނުމުން، ހަމަޖެހެން މަސައްކަތްކުރަމުން، ފުންނޭވާއެއް އެތެރެކޮށްލާ ނައުރީންގެ ހިތުގައިވާ ހަސަދަ މަންޝާއަށް ބާލަން ތައްޔާރުވެލިއެވެ.
ރާޅު ބިންދާލުމުން ނައުރީން ހަޅޭއްލަވައިގަތީ އަރިއަޅާލަން އުޅޭކަމަށް ހެދެމުންނެވެ. ނައުރީން ގައިގާ ހިފަހައްޓަން މަންޝާ އަތް ދިއްކޮށްލިއެވެ. ނަމަވެސް ނައުރީންގެ ހަށިގަނޑަށް ގެނައި ކުއްލި ހަރަކާތެއްގެ ސަބަބުން މަންޝާގެ ފައިތިލަ ހިލަމަތިން ކައްސާލިއެވެ. މޫދު ތެރެއަށް ވެއްޓެން ދިޔަ މަންޝާގެ ހަޅޭކުއަޑުން އެ ސަރަހައްދު ގުގުމާލިއެވެ.
"އަޒީމް... އަޒީމް..." އަޑުގެ ނެތް ތަނަށް ނައުރީން ހަޅޭއްލަވައިގަތް އިރު އަޒީމާއެކު އެއްގަމުގައި ތިބި މީހުންތައް އެދިމާއަށް އައެވެ. އޭރު ލޮނުގަނޑުގެ މަތިން މަންޝާގެ ބޯކޮޅު ފެނެއެވެ. ބަކަތަޅަމުން މޫދުގެ އަޑިއަށް މަންޝާ ގެނބެމުން ދިޔަ މަންޒަރު އަޒީމަށް ފެނުމުން ބަލާކަށް ނުހުރެ މޫދަށް ފުންމާލިއެވެ. މިމަންޒަރު ފެނި ނައުރީންގެ ހިތަށް އުނދަގޫވިއެވެ. އަތުގައި އޮތް ފެންފުޅީގައި ދެއަތުން ހިފާ ބާރުކޮށްލިއެވެ.
އަތްދަނޑި މައްޗަށް ލައިގެން މަންޝާ އެއްގަމަށް އެރުވުމަށްފަހު އޭނާ ދޮންވެލިގަނޑުމަތީ ބޭންދިއެވެ. މަންޝާ ކެއްސަމުން ދިޔައިރު މަޑުމަޑުން އޭނާގެ ބުރަކަށީގައި އަޒީމް ފިރުމާލަމުން ރަނގަޅުތޯ ސުވާލުކޮށްލިއެވެ. އިސްއުފުލާލަމުން ނައުރީންއާ ދިމާއަށް އަޒީމް ބަލާލިއެވެ. ނައުރީންއަށް ބަލާފަ އަޒީމް ހިނިތުންވެލި އެއީ ފުރަތަމަ ފަހަރެވެ. ހަދާނެ ގޮތެއް ނޭނގިފައި އަޒީމްގެ މޫނަށް ބަލަން ނައުރީން ހުރީ ގަބުވެފައެވެ. މިފެންނަނީ ހުވަފެނެއްބާއޭ ނައުރީންގެ ހިތަށް އެރިއެވެ.
"ތި ފެންފުޅި ދީފާނަންތަ..." ދެވަނަ ފަހަރަށް އަޒީމް އެހެން ބުނެލުމުން ނައުރީން އަތުގައި އޮތް ފުޅި އަޒީމަށް ދިއްކޮށްލީ ވަރަށް އުފަލުން ހުރެއެވެ. ފެންފުޅީގެ މަތި ނެގުމަށްފަހު ފެންފުޅިން އެއްބައި މަންޝާގެ ބޮލަށާއި މޫނަށް އަޅާލުމަށްފަހު ފެންފޮދެއް ބޯނަންތޯ އަޒީމް ސުވާލުކޮށްލިއެވެ. ނޫނޭކޭ ބުނެ ދޮންވެލިގަނޑުމަތީ ބުރަކަށި ދަމާލަމުން މަންޝާ އޮށޯތެވެ. ފުޅީގައި ބާކީހުރި ފެންފޮދު އަޒީމްގެ މޫނަށް އަޅާލިއިރު ޒުމްނާ އިތުރު ފެންފުޅިއެއް ހިފައިގެން އެތަނަށް އައެވެ. ހުސްފުޅި ނައުރީން އަތަށް ދިއްކޮށްލުމުން ފުޅީގައި ނައުރީން ހިފީ މޯޅިވެފައި ހުރެއެވެ. އެތައް ކިޔެވެއްޔެއް ކިޔަވައިގެން އަޒީމަށް ބޯންދޭން ގެނައި ފެންފުޅި ބޭކާރުވީމައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައިރު އަޒީމާ ގާތްވެވޭނެ ކަހަލަ ފުރުސަތެއް ނައުރީންއަށް ނުލިބޭތީ އޭނާގެ ރޭވުން ބަދަލުކޮށްލިއެވެ. މަންޝާއާ ގުޅުން ބަދަހިކޮށް މަންޝާއާ އެކީ ގިނަ ވަގުތު ހޭދަކުރަން ފެށިއެވެ. މަންޝާގެ ގާތް އެކުވެރިއަކަށް ނައުރީން ވިއެވެ.
ހުކުރު ދުވަހު މެންދުރުގެ ކެއުމަށް ނައުރީންއަށް ދައުވަތު ދިނީ މަންޝާއެވެ. މޭޒުމައްޗަށް ތަށިތައް އެރުވުމަށްފަހު ބަދިގެއިން މަންޝާ ނިކުތް އިރު ނައުރީން ގެއަށް އައިސް ވަންނަނީއެވެ. "އަހާނ... އާދޭ އެތެރެއަށް... އަޒީމް އަންނަންވާ އިރަށް އަހަރެން މިއަންނަނީ ރީތި ވެލައިގެން... މަންމަ އެބައުޅޭ އެތެރޭގަ.." މަންޝާ ކޮޓަރިއާ ދިމާއަށް ދާން އަވަސްވެގަތެވެ.
ބަދިގެ ދޮރު ހުޅުވާލަމުން އެތެރެއަށް ނައުރީން ބޯދިއްކޮށްލީ ސިއްރުސިއްރުންނެވެ. އުނދުން ކައިރީ ހުރި އިބްޒީމާއަށް ނައުރީން ފެނުމާއެކު އަތުގެ އިޝާރާތުން އެތެރެއަށް ވަނުމަށް އެދުނެވެ. "ކޮބާ؟ ފެން ކިޔަވައިފިންތަ؟" ސިއްރުސިއްރުން ނައުރީން ވާހަކަ ދެއްކީ އިތުރު މީހަކަށް އަޑު އިވިދާނެތީއެވެ.
"ފެންފުޅި ހުރީ ތައްޔާރަށް. ތަށިތައްޓަށް ޖޫސް އަޅަންވީނު. އަލަމާރިތެރޭގައި ހުރި ޖަގު ނަގާ." އިބްޒީމާ ބޯތައްޓަކަށް ރިހަ އަޅަމުން ވާހަކަ ދެއްކިއެވެ. އާންމުކޮށް އަޒީމް ކާން އިށީންނަ ދިމާ އިބްޒީމާ ދައްކާލުމުން މަސައްކަތައިގެން ނައުރީން އަވަސްވެގަތެވެ.
އަޒީމްގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑީގައި ނައުރީން އިށީނެވެ. މާ ގިނަ އިރެއް ނުވެ ކާގެއަށް އަޒީމާއެކު ޒުމްނާ އާއި މަންޝާ ވަނެވެ. ޒުމްނާ އިށީނީ ނައުރީންގެ މަގަތުގައެވެ. އެންމެން ކައި ނިމުނުއިރު ވެސް ގޮނޑިން ނުތެދުވެ، ނައުރީން މަޑުކޮށްގެން އިނީ އަޒީމް ޖޫސްތަށި ބޯލާނެ އިރެއްގެ އިންތިޒާރުގައެވެ. މޭޒުމަތީ ހުރި ހުސްތަށިތައް ހިފައިގެން ސިންކު ދޮށަށް މަންޝާ ގާތްވެލީ ތަށިތައް ދޮންނާށެވެ. ޖޫސްތަށި ނަގާ އަޒީމް ތުނބުގައި ޖަހާލިއެވެ. އެއްފަހަރުން ޖޫސްތަށި ހުސްކޮށްލުމަށްފަހު މޭޒުމަތީގައި ތަށި ބަހައްޓަމުން ނައުރީންއާ ދިމާއަށް އަޒީމް ބަލާލިއެވެ. ތަފާތުކަމެއް ފާހަގަވޭތޯ ކަޅިޖަހާނުލާ އަޒީމާ ދިމާއަށް ބަލަން ނައުރީންއަށް އިނދެވުނެވެ. ނައުރީންގެ މޫނަށް ބަލަން އިނުމަށްފަހު އަޒީމް ހިނިތުންވެލިއެވެ. ރައްދުގައި ނައުރީން ދަތްކޮޅު ދިލުވާލިއެވެ. މަންޒަރު ބަލަން ދުރުގައި ހުރި އިބްޒީމާގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ.
*** *** *** *** *** ***
ހެއްލަމުން ދިޔަ ގޮނޑީގައި ނައުރީން އޮތީ އެ ހިޔާލުތަކާއި ފިކުރުތަކަށް ގެއްލިފައެވެ. އަލިވާން ފެށުމުން ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ނައުރީން ބަލާލިއެވެ. އެނދުގައި ނިދާފައި އޮތް އަޒީމަށް ބަލާލުމަށްފަހު އަޒީމަށް ގޮވާލިއެވެ. "އަޒީމް.. އަޒީމް... އީދު ނަމާދަށް ދާން ތެދުވޭ..."
ދެލޯ ހަނިކޮށްލަމުން އަޒީމް ތެދުވެ އެނދުގައި ހަމަޖެހިލިއެވެ. ކުޑަކުޑަ ޝާޔާ އޭރު ވެސް އޮތީ ގަދަ ނިދީގައެވެ. "ދޭ ފެންވަރައިގެން އަންނަން..." އަލަމާރި ކައިރިއަށް ނައުރީން ހިނގައިގަތީ އަޒީމްގެ އީދު ހެދުން ނަގާށެވެ.
*** *** *** *** *** ***
އަތުގެ އީޝާރާތުން ހަރަކާތް ކުރަމުން ދިޔަ މެހެކްގެ ނަޒަރު ހުއްޓިފައިވާ ދިމާއަށް ޒޯއީ ބަލާލިއެވެ. ދުރުގައި ހުރި އުއްބަތިތަކާ ދިމާއަށް ދިޔަ އަލިފާންގުޅައަށް ބަލާލުމަށްފަހު ޒޯއީ ހިނިގަނޑެއް ޖަހާލިއެވެ. އަލިފާން ގުޅައަށް ބަލަމުން މެހެކްގެ އިނގިލި ހަރަކާތްކުރަމުން ދިޔައީ މަޑުމަޑުންނެވެ. އަލިފާންގުޅަ އުއްބައްތިތަކާ އަރާ ހަމަވުމުން ޒޯއީ ކުރިއަށް ގުދުވެލާފައި އަނގައިން ފުމެލުމުން އަލިފާންގުޅައިގެ ހުޅުކޮޅު ބޮޑުވެ ވައިހުރި ކޮޅަށް ހުޅު ފަޅައިގެން ދިޔައެވެ.
"އީދު މުބާރިކް މެހެކް..." ފަންއިސްތަށިގަނޑު ވިހުރުވާލުމަށްފަހު މެހެކްއަށް އީދުގެ ތަހްނީޔާ ކިޔަމުން ޒޯއީ ނަށާލިއެވެ. ނުރުހުންވެފައި ޒޯއީއާ ދިމާއަށް މެހެކް ބަލާލީ ތުންގަނޑު އޫކޮށްލަމުންނެވެ. "ޒޯއީ... ޒޯއީ މޮޅުކަން އިނގެޔޭ... އަހަންނަށް ކަމެއް ދަސްކުރެވޭކަށް ވެސް ނޯންނާނެ..."
"ތީ އެހާ އުނދަގޫ ކަމެއް ނޫން... މެހެކްއަށް އުނދަގޫވަނީ މާބޮޑަށް ހިފަހައްޓާތީ.. ފީލް ފްރީ..." ދެއަތް ފުޅާކޮށްލަމުން ޒޯއީ އެނބުރިލި އިރު އޭނާގެ ހަށިގަނޑު ބިމުގައި ނުޖެހި މައްޗަށް އަރަމުން ދިޔައެވެ. މޫނު ކުނިކޮށްގެން ޒޯއީއާ ދިމާއަށް ބަލަން މެހެކް އިނީ ފޫހި ގޮތަކަށެވެ. ޒޯއީއަށް ކޮންމެ ކަމެއް ކުރުމުގެ ހުއްދަ ލިބިފައިވީ ނަމަވެސް މެހެކް ދެކެ ކާފަ ރުޅިއައިސްދާނެތީ ބޭނުންހާ ގޮތަކަށް އުޅޭކަށް ނުކެރެއެވެ.
"އަހަންނަށް އިނގޭ ކޮންމެ ދުވަހަކު ޒޯއީ ފިލައިގެން ދަނީ ކޮންތާކަށް ކަން..." މެހެކް ބޭނުންވީ ޒޯއީ ބިރުގަންނަވާލާށެވެ. ޒޯއީ އެންމެ ސިއްރުން ކުރަމުންދާ ކަންތައް އެނގޭކަން މެހެކް އަންގާލިއެވެ.
މަޑު މުށިކުލައިގައިވާ ދެލޯ ބޮޑުކޮށްލަމުން ޒޯއީ ބަލާލީ ހައިރާން ކަމާ އެކުގައެވެ. މެހެކްގެ ކުދި ބުޅި އިސްތަށިތައް އޭރު ވައިގެ ތެރޭގައި ވިހުރެން ފަށައިފިއެވެ. ފޯލިފޯއްޔަށް ހުރި އިސްތަށިތައް ބޯވައެއްގެ ފައިތައްހެން އުދުހެން ފެށުމުން މެހެކް ރުޅިއައީކަން ޒޯއީއަށް ދެނެގަނެވުނެވެ.
"ރުޅި ނާންނާތި ޕްރިންސަސް... އާދޭ އަހަންނާ އެކީ... އެކަމަކު އެއްވެސް މީހެއް ކައިރީ މިވާހަކަ ނުބުނާތި.. މަންމައަށް އެނގިއްޖިއްޔާ މަންމަގެ ހިތް ކުދިކުދިވާނެ... ބައްޕައަށް އެނގިއްޖިއްޔާ މުޅިގޭގަ ހުޅު ރޯވާނެ... މީ ވަރަށް ބޮޑު ސިއްރެއް...." މެހެކްގެ އަތުގައި ހިފާލަމުން ޒޯއީ ވާހަކަ ދެއްކީ ސިއްރުސިއްރުންނެވެ. ބަސްއަހާ ކުއްޖެއް ފަދައިން މެހެކް ބޯ ޖަހާލިއެވެ. އޭރު އޭނާގެ އިސްތަށިގަނޑު ކުރިން ހުރި ގޮތަށް ބަދަލުވެ ތިރިވެއްޖެއެވެ. ކުދި ބުޅި ރީތި އިސްތަށިގަނޑެއް ލިބިފައިވާ މެހެކް ވައްތަރީ އޭނާގެ މަންމަ ޒޭބާއާއެވެ.
"ކޮންތަނަކަށް ދާން ތިއުޅެނީ..." މެހެކް ކުރިއަށް ހިނގައިގަންނަމުން ސުވާލުކޮށްލިއެވެ.
ދެކުދިން އެކީގައި ބޭރަށް ނިކުތް ތަން ފެނުމުން ތަޒްކިޔާ ޖެހިލުންވިއެވެ. އީދު ނަމާދުން ފައިބައިގެން ސައިބްރޯތާއި، ޒިބާން އަންނައިރު މެހެކް އާއި، ޒޯއީ ނެތުމުން ސުވަލުކޮށްފާނެތީ ތަޒްކިޔާ ކަންބޮޑުވިއެވެ. ތަޒްކިޔާ ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ އޭނާގެ ކުރި ބައްދަން ކުރިމަތީ ނުފެންނަހެން ފަށަލައެއް ލެވިފައިވާކަން އެނގުމުންނެވެ. ބިރުން ހުރެ ފަހަތް ބަލާލި އިރު ސަކޭރާ ހިނިއައިސްފައި ހުރިތަން ފެނުމުން ތަޒްކިޔާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. "ބޮޑު ދައިތާ... އެކުދިން ނެތިއްޔާ ބައްޕަ ވަރަށް ސުވާލުކުރާނެ..."
"ތަޒްކީ... މީ އީދު ދުވަހެއްނު... އެކުދިން ވެސް މަޖާކުރަން ބޭނުންވާނެ... އަބަދަކު ހިފަހައްޓައިގެނެއްވެސް ނުގެންގުޅެވޭނެ. މިހާރު އެކުދިން އެތިބީ ބޮޑެތިވެފަ... ޒިބާންމެން އަންނަންވާ އިރަށް ހިނގާ ސައި ތައްޔާރުކުރަން..." ސަކޭރާ އެތެރެއަށް ވަނުމުން ތަޒްކިޔާ ބޭރަށް ބަލާލިއެވެ. ޒޯއީ އާއި މެހެކް ދިޔަ ދިމާލުން އެ ދެކުދިން ފެންނާކަށް ނެތެވެ. ބޯހޫރާލަމުން ތަޒްކިޔާ އެތެރެއަށް ވަނީ ހެނދުނުގެ ނާސްތާ ތައްޔާރުކުރާށެވެ.
*** *** *** *** *** ***
"ޒޯއީ.. ޕްލީސް މަޑުކޮށްބަލަ..." ބިރުން ވިރިވިރިވާ ހާލުގައި މެހެކް ވާހަކަ ދެއްކީ އާދޭހުގެ ރާގަކަށެވެ. ވައިގެ ތެރެއިން ޒޯއީ ދަތުރުކުރަން އުޅުނީ ދުނިޔެއާ ދިމާއަށެވެ. ވިލާގަނޑެއްގެ މަތީގައި ތިބެ ދެކުދިން ތިރިއަށް ބަލާލިއެވެ. "މަށަކަށް ނުކެރޭނެ.. މިހިސާބަށް އައި އިރުވެސް ކިރިޔާ ނުވެއްޓުނީ..." މެހެކް ވާހަކަ ދައްކަމުން ޒޯއީގެ އަތުގައި ހިފާ ދަމައިގަތީ އެނބުރި އެމީހުންގެ ދުނިޔެއަށް ދާން ބޭނުންވާތީއެވެ.
"ތިއޮއް ފިނޑިކަމެއް ދޯ... މަގޭ އަތުގަ ހިފާ އޭރުން ނުވެއްޓޭނެ..." މެހެކްއާ ދިމާއަށް ޒޯއީ އަތް ދިއްކޮށްލުމުން ކަޅި ޖަހާނުލާ އަތްތިލައަށް ބަލަން މެހެކް އިނެވެ. "ޓްރަސްޓް މީ..." ޒޯއީ ހިނިތުންވެލަމުން ބުނި ޖުމްލައިން މެހެކްއަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބުނެވެ. ޒޯއީގެ އަތުގައި ހިފާލުމަށްފަހު މެހެކް ދެލޯ މަރާލަމުން ފުން ނޭވާއެއް އެތެރެ ކޮށްލިއެވެ. ދެކުދިން ވިލާގަނޑުމަތީ ހުރެ ދުނިޔެއާ ދިމާއަށް ބަލާލަމުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.
"ރެޑީ؟..." ޔަގީންކޮށްލަން މެހެކް ގާތު ޒޯއީ އަހާލިއެވެ. ވިސްނާލުމަށްފަހު މެހެކް ބޯ ޖަހާލުމުން ޒޯއީ ގުނަން ފެށިއެވެ.
"ވަން... ޓޫ... ތުރީ... ގޯ....."
(ނުނިމޭ)
