"މަންމާއި......."

މަންޝާގެ މޫނަށް ގަދަ އޮރެންޖް އަލިކަމެއް އެޅިފައި ހުރުމުން ޖެހިލުންވެ ހުރެ އެއް އަތް ތިރިކޮށްލަމުން އެ އައްޔާ ދިމާއަށް ބަލާލީ ދެލޯ ހަނިކޮށްލަމުންނެވެ.

"އޭ މަންޝާ... ކަލޭ މޮޔަވީތަ... މިއޮއް ދަންވަރު ކޮންތާކަށް ތި ދުވަނީ..."

ކާރުގެ ދޮރުފަތް ހުޅުވާލަމުން ކާރުން ފޭބި މީހާ މަންޝާއަށް މުހާތަބުކޮށް ވާހަކަ ދެއްކުމުން ބަހެއް ނުބުނެ މަގުގެ އެއްފަރާތަށް އަރާ، ގެއާ ދިމާއަށް ދާން މަންޝާ ދުއްވައި ގަތެވެ. ދެއަތަށް ބޯ ހޫރުވަމުން އައިސް ކާރަށް އަރާ ދޮރުފަތް ލައްޕާލަމުން ކާރުގެ ފަހަތު ސީޓުގައި އިން ހޫދާ ދިމާއަށް ކިޝަން ބަލާލިއެވެ.

"އެއީ ކާކު؟... އެމީހާ ގައިގަ ޖެހުނީތަ؟..." ސުވާލުން ފުރިގެންވާ ފަދަ ބެލުމަކުން ކާރު ދުއްވަން އިން ކިޝަންއާ ސުވާލުކޮށްލަމުން ކުޑަދޮރުން ބޭރަށް ހޫދު ބަލާލީ މަންޝާ ދިޔަ ދިމާއަށެވެ.

"އަޅާނުލާ... އެއީ މިރަށުގަ އުޅޭ މޮޔަ އަންހެނެއް... މޮޔަވެސް ވާނެ ދޯ.. މީދެން ކޮން ގަޑިއެއް އަތިރިމައްޗަށް އެކަނި އައިސް ފައިބަން...." ކާރު ދުއްވާލަމުން ކިޝަން ވާހަކަ ދެއްކިއެވެ.

ކާރުގެ ދުވެލި މަޑުކޮށްލީ ތިން ބުރިއަށް ހަދާފައިވާ ގެއެއްގެ ކުރި މައްޗަށެވެ. ކާރުން ފޭބުމަށްފަހު ޑިކީގައިވާ ލަގެޖް ނަގައިގެން ކިޝަން ގާތްވެލީ ހޫދު ގާތަށެވެ. "މީ އަހަރެންގެ ގެ... މަގޭ އަންހެނުން ސައި ހަދާފަ ހުންނާނެ... ސައި ބޮއެގެން ދެން ނިދާލާނީ ދޯ.. ވަރަށް ވަރުބަލި ވެފައެއްނު ހުންނާނީ..."

"ވިލޯޑައަމަންޑްގެ" ދޮރު ހުޅުވާލަމުން ކިޝަން ވާހަކަ ދައްކަމުން ކުރިއަށް ހިނގައިގަތެވެ. ކިޝަންގެ ފަހަތުން އެގޭ ތެރެއަށް ހޫދު ވަދެގެން ދިޔައިރު ވަށައިގެން ބަލަމުން ދިޔައެވެ. "މީތަ ހޫދަކީ... އަވަހަށް އާދޭ ސައިބޯން... މިގޭ ހުރިހާ ކުދިން ވެސް މިހާރު ނިދައިފި... ހޫދު ނައިސްގެން އަހަރެން ވެސް މިހުރީ..." ސިޓިންގް ރޫމް ސޯފާގައި އިށީނދެގެން އިން އަންހެންމީހާ ތެދުވެ ބަދިގެއާ ދިމާއަށް ހިނގައިގަތުމުން ހޫދު އެ އަންހެން މީހާގެ ފަހަތުން އެތެރެއަށް ވަނެވެ.

"އެއީ އަހަރެންގެ އަންހެނުން ޝީޒާ..." ކިޝަން އޭނާގެ އަންހެނުން ތައާރަފް ކޮށްދިނެވެ.

*** *** *** *** *** ***

ގެއަށް ވަނުމަށްފަހު މަންޝާ އަވަސްވެގަތީ ގޭގެ މައި ދޮރު ތަޅުލާށެވެ. ދެ ދޮރުފަތް ކައިރި ކުރުމަށްފަހު ދޮރުގެ މެދެއްހާ ހިސާބުގައިވާ ތަންޑު އަޅުވަމުން ދިޔަ އިރު އޭނާގެ އަތުގައި ތުރުތުރެއް ހުއްޓެވެ. ހަމަޔަށް ނޭވާލާން މަސައްކަތް ކުރަމުން މަންޝާ އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. ވެފައިވާ ވަރުބަލި ކަމާއި، ހޫނުން އަރާމުކަމެއް ލިބޭތޯ ކޮޓަރީގެ ފަންކާއާ ބޮކީގެ ސްވިޗް ޖައްސާލިއެވެ. ފަންކާގެ ފިޔަތައް މަޑުމަޑުން ދައުރުވާން ފެށުމުން މަންޝާގެ ހިތަށް ލުއިކަމެއް ލިބިގެން ދިޔައެވެ. މުޅި މީހާ ވަނީ ދަލުން ތެމި ފޯވެފައެވެ. ފަންކާއިން ޖެހެމުން ދިޔަ ވައިން ހަށިގަނޑަށް ފިނިކަމެއް އިހްސާސްވުމުން މަންޝާ ގޮސް އެނދުގައި އިށީނުމަށްފަހު ފުންކޮށް ނޭވާލާން މަސައްކަތް ކުރިއެވެ.

އިރުކޮޅެއް ފަހެވެ. ގައި ހިރުވަން ފެށުމުން ލައިގެން ހުރި ހެދުމުގެ މަތިން މަޑުމަޑުން ކަހާލިއެވެ. ހަށަން ބަނދެގެން ހުރެ އަތުގެ މުލައްދަނޑި ކަހަމުން ދިޔަ އިރު މަންޝާގެ އަތުގެ މުލައްދަނޑީގައި ނޫފައިގެންފައިވާ ނިޝާންތަކެއް ހުރުމުން ދެއަތް ދެއަތަށް އަނބުރަމުން މަންޝާ ރަނގަޅަށް ބަލާލިއެވެ. އެވަގުތު މަންޝާގެ ލޮލަށް މަންޒަރު ސިފަވެގެން ދިޔައީ އާދަޔާ ހިލާފް ގޮތަކަށެވެ. އަތުގެ ކުޑަހުޅާ ހިސާބުގައި މޫގަނޑެއް ފަދަ އެއްޗަކުން ބަނދެވިފައި ވަނިކޮށެވެ.

ރޯ މަހެއްހެން މަންޝާ ތެޅިގަތެވެ. ދެއަތް ފޮޅާލަމުން އެނދުމައްޗަށް ދެފައި އަރުވާ ދެކަކޫ ގަޔާލާ ބޮނޑިކޮށްލައިގެން އިނެވެ. އަނެއްކާ ވެސް އަތުގެ ކުޑަހުޅާ ދިމާއަށް ބަލާލުމަށްފަހު އޭނާގެ ފައިގެ ކުޑަހުޅަށް ނަޒަރު ހިންގާލިއެވެ. ފައިގައި ވެސް ހުރި ނިޝާންތަކުގައި މަންޝާ އަތް ހާކާލީ ހައިރާންކަމާ އެކުގައެވެ. އެރޭ ފެނުނު ބިރުވެރި ހުވަފެނުގެ މަންޒަރު ސިފަވާން ފެށުމުން މަންޝާ ހާސްވެ ދެލޯ ބޮޑުކޮށްލިއެވެ.

އެ ބިރުވެރި މާ ސިންގާ ނިކަބިލިއްސާ ގަހުގެ މޫތަކުން މަންޝާގެ ދެއަތާ ފައި ބަނދެވިގެން ދިޔަ ގޮތެވެ. މަންޝާގެ ދެއަތަށާއި ފަޔަށް ލެވުނުހާ ބާރެއްލާ ވާންކުރަމުން ދިޔައިރު ދެއަތާއި، ފައި ބަނދެވިފައިވާ ދިމާލުން ހަން ގޮސްފައި ވެއެވެ. މަންޝާގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުއްލިއަކަށް ލައިގެން ހުރި ހަރުވާޅު ތިރިކޮށްލުމަށްފަހު ފަލަމަސްގަނޑާ ދިމާއަށް މަންޝާ ބަލާލީ ޖެހިލުންވެ ހުރެއެވެ. އިނގިލީގެ ނިޝާންތަކެއް ފަދައިން ފިހިފައި ހުރި ތަންގަނޑެއް ފެނުމުން މަންޝާގެ ލޮލަށް ކަރުނަ ޖަމާ ވިއެވެ. ވަށައިގެން މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލުމަށްފަހު ތިރިކުރި ހަރުވާޅު މައްޗަށް އަރުވާލީ ކައިރީގައި މީހަކު އުޅޭކަމުގެ އިހްސާސެއް ވުމުންނެވެ.

ކޮޓަރީގައިވާ ކުޑަދޮރުގައި އެއްޗެއް ޖެހުނު އަޑަށް މަންޝާ ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްގެން ހުރެ އެ ކުޑަދޮރާ ދިމާއަށް އެނބުރިލީ މޭމަތީ އަތް އަޅައިގެން ހުރެއެވެ. ކުޑަދޮރުގެ ދޮރުފަތް ވަނީ ހުޅުވިފައެވެ. ޖެހެމުން ދިޔަ ފިނި ވައި ރޯޅިތައް ކޮޓަރި ތެރެއަށް ވަންނަމުން ދިޔައިރު އެ ކުޑަދޮރުގައި ހަރުކޮށްފައިވާ ދޮރުފޮތިގަނޑު ހެލެމުން ދިޔައެވެ. ދޮރުފަތް ވަޔާއެކު އައިސް ބަންލާފައި ޖެހުމުން އަނެއްކާ ވެސް މަންޝާއަށް ސިހުމެއް ލިބުނެވެ.

އަވަސް ފިޔަވަޅުތަކެއްގައި ކުޑަދޮރާ ދިމާއަށް މަންޝާ ދިޔައީ އެދޮރު ލައްޕާލާށެވެ. ދޮރުފަތް ގާތްކޮށްލަމުން ތަންޑުއަޅުވާލުމަށްފަހު ބޭރު ނުފެންނާނެހެން ދޮރުފޮތި ކަހާލި ވަގުތު މަންޝާގެ އިސްތަށިގަނޑުގައި ވައިރޯޅިއެއް ބީހިލިކަމުގެ އިހްސާސް ވުމުން މަންޝާ ފަހަތަށް އެނބުރި ކޮޓަރި ތެރެއަށް ބަލާލީ ބިރުން ވިރިވިރި ހުރެއެވެ.

"ކާކު؟..."

މަންޝާ ވާހަކަ ދެއްކީ އެކޮޓަރީގައި އެހެން މީހަކު އުޅޭކަމުގެ އިހްސާސެއް ވުމުންނެވެ. ކޮޓަރިތެރޭގައި ހުރި ބޮކި ނިވި ދިއްލެން ފެށުމުން ކަންކަން ރަނގަޅު ނޫންކަން މަންޝާއަށް އެނގުނެވެ. އެއާއެކު ކޮޓަރިން ނިކުތުމަށް ދޮރާ ދިމާއަށް ދާން މަންޝާ ދުއްވައިގަތެވެ. ދޮރުގެ ތަޅުގައި މަންޝާ ހިފީ އެކޮޓަރިން ބޭރަށް ނިކުތުމަށެވެ. ނަމަވެސް ތަޅުގައި ހިފިއަތް، ތަޅުން ވަކިކޮށްލީ އަތަށް ވީ ހޫނެއްގެ ބޮޑުކަމުންނެވެ. ލައިގެން ހުރި ހެދުމުގެ ފަސްބައިން ބަޔަކާ އެކީ އެ ދޮރުގެ ތަޅުގައި މަންޝާ ހިފާ އަނބުރާލި ނަމަވެސް އެ ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ.

*** *** *** *** *** ***

ސައިބޮއި ނިމިގެން ހޫދުގެ ލަގެޖާއި، އަތްދަބަސް ދެވަނަ ބުރީގައިވާ ކޮޓަރިއަށް ގެންގޮސް ދިނުމަށްފަހު ކިޝަން އަވަސްވެގަތީ އަރާމުކޮށްލާށެވެ. ކޮޓަރިއަށް ވަދެ ލައިގެންހުރި އެއްޗެއްސާއެކީ އެނދުމައްޗަށް ހޫދު ވެއްޓިގަތެވެ. އޭސީ ޖައްސާލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލަމުން ދެލޯ މަރާލިއެވެ.

ހޫދުގެ ލޯމައްޗަށް ސިފަވެގެން ދިޔައީ ދާދި ދެންމެއަކު އެމީހުން ކާރުގައި އައި އިރު ފެނުނު އަންހެން މީހާއެވެ. އެނާގެ މޫނުމަތިން ފެނުނު ނުތަވަސްކަމެވެ. އެ ބިރުވެރިކަމެވެ. އަނގައިން ބަހެއް ވެސް ނުބުނެ މަގުގެ އެއްފަރާތަކަށް އަރާ ދުއްވައިގެން ގޮތެވެ. އޭނާގެ އެ އަވަސް ހަރަކާތްތައް ހޫދުގެ ލޯ މައްޗަށް ސިފަވެގެން ދިޔައެވެ. އެވަގުތު އޭނާގެ ކަންފަތުގައި ގުގުމާލީ ކިޝަން ބުނި ބަސްތަކެވެ.

"އޭ މަންޝާ... ކަލޭ މޮޔަވީތަ... މިއޮއް ދަންވަރު ކޮންތާކަށް ތި ދުވަނީ..."

ލޯ ހުޅުވާލުމަށްފަހު ހޫދު ސީލިންގަށް ބަލަން އޮތެވެ. އަދި މަޑުމަޑުން އެނާގެ ތުންފަތް ހަރަކާތް ކޮށްލިއެވެ.

"މަންޝާ....."

*** *** *** *** *** ***

ސިއްސައިގެންގޮސް އަޒީމަށް ހޭލެވުނީ މީހަކު ހަޅޭއްލަވާ ރޮއި ހަދާ ޒާތުގެ އަޑެއް އިވުމުންނެވެ. އެނދުގައި އިށީނދެ އަނދިރިކޮށް އޮތް ކޮޓަރި ތެރެއަށް ނަޒަރު ހިނގާލަމުން ކައިރީގައި ނިދާފައި އޮތް ނައުރީން އާ ދިމާއަށް އަޒީމް ބަލާލިއެވެ. ދަންވަރުގެ އެ ހަމަހިމޭންކަމުގެ ތެރެއަށް ކަންފަތް ދީގެން އިންއިރު އަޒީމަށް އިވެމުން ދިޔައީ އޭސީގެ އަޑު އެކަންޏެވެ. މީހަކު ހަޅޭއްލަވާ ފަދަ އަޑެއް އިވެމުން ދިޔަކަން އެއީ ކުށްހީއެއް ކަމަށް ނިންމުމަށްފަހު އަޒީމްގެ އެނދުކައިރީގައިވާ ކުޑަމޭޒުމަތީ ހުރި ބޮކި ޖައްސާލިއެވެ.

އެ ކޮޓަރީގެ އެއްފަރާތެއްގައި ހުރި ސިންގަލް އެނދުގައި ނިދާފައި އޮތް ހަތް އަހަރުގެ ޝާޔާއަށް ބަލާލުމަށްފަހު އަޒީމް އެނދުން ތެދުވެ ފެންފޮދެއް ބޯން ކުޑަ މޭޒުމަތީ ހުރި ފެންފުޅި ނެގިއެވެ. އޭގައި ހުރި ކުޑަ ފެންފޮދު އަނގަޔަށް ހުސްކޮށްލާ، ފުޅީގެ މަތިޖަހާލުމަށްފަހު މޭޒުމަތީ އޮތް ނަންބަރު އައިނު ނަގާ އަޒީމްގެ ލޮލުގައި އަޅާލިއެވެ.

ކޮޓަރިން ނިކުމެ އަޒީމް މިސްރާބު ޖެހީ ބަދިގެއާ ދިމާއަށެވެ. އެވަގުތު އަޒީމްގެ ފަހަތުން މީހަކު ދިޔަހެން ހީވުމުން ސިހިފައި އަޒީމް ފަސްއެނބުރި ބަލާލިއެވެ. "މަންޝާތަ؟..." އަޒީމް މަޑުމަޑުން ގޮވާލީ މަންޝާ ހޭލާ އުޅެދާނެތީއެވެ. މީހެއްގެ ހިލަމެއް ނުވުމުން އަޒީމް އެނބުރި ބަދިގެއާ ދިމާއަށް އަނެއްކާ ވެސް ހިނގައިގަތެވެ.

ފުޅިއަށް ފެން އަޅައިގެން އަޒީމް ކޮޓަރިއަށް ވަންނަން ދިޔަ ވަގުތު ބަންލާފާ އެއްޗެއް ވެއްޓުނު އަޑަށް ފިޔަވަޅު މަޑުކޮށްލިއެވެ. އެއީ ކޮން ދިމާލަކުން އައި އަޑެއްކަން އަޒީމަށް ނަގައިގަންނަން އެނގުނެވެ. މަންޝާގެ ކޮޓަރި ދޮރާ ދިމާއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އަޒީމް އެދިމާއަށް ދާން ފިޔަވަޅު އަވަސްކޮށްލިއެވެ.

ތަޅުގައި ހިފާ އަބުރާލި އިރު އެ ކޮޓަރީގެ ދޮރުވަނީ އެތެރެއިން ތަޅުލާފައެވެ. ތަޅުގައި ދެބުރަކަށް ހިފާ އަނބުރާލުމަށްފަހު އަޒީމް އެދޮރުގައި މަޑުމަޑުން ޓަކި ޖަހާލިއެވެ. އެތެރެއިން މަންޝާގެ އަޑެއް އިވޭތޯ ދޮރުގައި ކަންފަތް ޖަހައިގެން، ނޭވާ ހިފަހައްޓާލައިގެން އަޒީމަށް ހުރެވުނީ ކީއްވެކަމެއް ހުދު އޭނާއަކަށް ވެސް ނުވިސްނުނެވެ.

*** *** *** *** *** ***

ދޮރު ބުޑަށްޖެހިގެން އިނދެ މަންޝާ ރޮމުން ދިޔައީ އެކޮޓަރިން ނުނިކުމެވޭނެ ކަން އެނގޭތީއެވެ. އެހެން އިންދާ އަނެއްކާ ވެސް މަންޝާއަށް އިވުނީ ކުޑަދޮރުގެ ދޮރުފަތް ބަންލާފައި ޖެހުނު އަޑެވެ. ބޯ އަރިކޮށްލަމުން ކުޑަ ދޮރާ ދިމާއަށް މަންޝާ ބަލާލީ ޔަގީން ކުރާށެވެ. ދެންމެ ތަޅުލާފަ އައި ދޮރު މިހާރު ހުރީ ތަންމިނަށް ހުޅުވިފައެވެ. އަޑުގެނެއްކޮޅަށް މަންޝާ ހަޅޭއްލަވަމުން ދޮރުގައި ތަޅަންފެށިއެވެ.

"އަޒީމް.... އަޒީމް... ދޮރު ހުޅުވަބަލަ..." މީހަކު ތަޅުގައި ހިފިކަމުގެ އިހްސާސް ވުމުން މަންޝާގެ ހިތަށް ހަމަޖެހުމެއް ލިބިނެވެ. ދޮރު ހުޅުވަން ބޭނުންވެފައި ހުރިވަރުން ތަޅުގައި ހިފާލުމާއެކު އަތުން ނެގި ދިލައިން، ތަޅުން އަތް ވަކިކޮށްލުމަށްފަހު އަތް ފޮޅާލީ ޗޫސް ދަމާލަމުންނެވެ.

މާޔޫސްވެފައި އިން މަންޝާއަށް ހަމަޖެހުމެއް ލިބިގެން ދިޔައީ އެ ދޮރުގައި ދެބުރަކަށް މީހަކު ޓަކި ޖަހާލުމުންނެވެ. ތަޅުންމަތިން ތެދުވެ ދޮރުގައި މަންޝާ ތަޅަން ފެށީ، އަޒީމަށް ގޮވާ ހަޅޭއްލަވަމުންނެވެ. ދޮރު ހުޅުވައި ދިނުމަށް އެދި އާދޭސްކުރަމުންނެވެ.

*** *** *** *** *** ***

"އަޒީމް..."

ނައުރީން ގޮވާލި އަޑަށް އަޒީމަށް ސިހުމެއް ލިބުމުން ކަންފަތް ޖަހައިގެން ހުރި ދޮރު ކައިރިން ދުރަށް ޖެހި ނައުރީންއާ ދިމާއަށް ބަލާލިއެވެ. އަޒީމްމެން ކޮޓަރި ދޮރުމަތީ ނައުރީން ހުއްޓިގެން ހުރީ ކަޅި ޖަހާނުލާ އަޒީމާ ދިމާއަށް ބަލާށެވެ. ނިދާ ހެދުމުގެ މަތިން ލާފައިވާ ޖެކެޓްގެ ދެފަރާތުގައި ހިފާ ގާތް ކޮށްލަމުން ނައުރީން ހަށަން ބަނދެލިއެވެ. ދޮރު ކައިރިން ދުރަށް ޖެހިލަމުން އަޒީމް އިސްޖަހާލިއެވެ.

"މަންޝާމެން ކޮޓަރިން އަޑެއް އިވުނުހެން ހީވެގެން މި ބަލާލީ... ދޮރު ތަޅުލާފަ ހުރީ ވެސް... ނިދާފަ ކަންނޭނގެ..." ނައުރީން ކައިރިން ހިނގާފައި ގޮސް އަޒީމް، އޭނާގެ ކޮޓަރިއަށް ވަނެވެ. އެވަގުތު ނައުރީން މަންޝާގެ ކޮޓަރި ދޮރާ ދިމާއަށް ބަލަންހުރުމަށްފަހު އަޒީމްގެ ފަހަތުން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

ފެންފުޅި މޭޒުމަތީ ބެހެއްޓުމަށްފަހު އެނދުގައި އޮށޯވެ، ނިތްކުރިމަތީގައި އަޒީމް އެއް އަތް ބާއްވާލިއެވެ. އަޒީމްގެ މަގަތުގައި ނައުރީން އޮށޯތުމަށްފަހު އަޒީމްގެ މޫނަށް ބަލާލިއެވެ. ބަލާބެލުމަށް އަޒީމް އޮތީ ފުން ވިސްނުމެއްގައި ކަން އެނގުމުން ނައުރީންގެ ހިތަށް އުނދަގޫވިއެވެ. އަޒީމް އެ ވިސްނަނީ މަންޝާއާ މެދުގައި ކަން އެނގުމުން ނައުރީންގެ ހިތުގައި ހަސަދައިގެ ހުޅުގަނޑު އުތުރިއަރައިގެން ދިޔައެވެ. އަޒީމަށް ފުރަގަސްދެމުން އަނެއް ފަރާތަށް އެނބުރި ބާލީހެއްގައި ނައުރީން ބައްދާލިއެވެ.

ސީލިންގަށް ބަލަން އޮތް އިރު އަޒީމްގެ ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލުތައް އޭނާގެ ހިތާއި ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ. ބަދިގެއިން ފެންފުޅި ހިފައިގެން އައި އިރު މަންޝާގެ ކޮޓަރިން އަޑެއް އިވުނުކަން އަޒީމަށް ޔަގީނެވެ. އަޑެއް އިވެން ޖެހޭނީ މަންޝާ ހޭލާ އުޅޭތީކަން އަޒީމަށް ވިސްނުނެވެ. އަޒީމް ޓަކި ޖެހުމުން ވެސް މަންޝާ ދޮރު ނުހުޅުވީ ކީއްވެކަމާ މެދު އަޒީމްގެ ހިތުގައި ސުވާލު އުފެދުނެވެ. ބިއްދޮށަށް އެނބުރިގެން އޮތް ނައުރީންއާ ދިމާއަށް ބަލާލުމަށްފަހު އަޒީމް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ނައުރީންއަށް ނިދުމުން މަންޝާގެ ކޮޓަރިއަށް ދިއުމަށް އަޒީމް އަޒުމް ކަނޑައެޅިއެވެ.

އަޒީމްގެ ދެލޮލަށް ނިދި ސަވާރުވީ އިރު ވެސް ނައުރީންއަށް ނިދޭ ގޮތެއް ނުވިއެވެ. އެނދުން ތެދުވެ އެއްފަރާތެއްގައި ހުރި ހެއްލޭ ގޮނޑީގައި ނައުރީން އިށީނދެ ހަމަޖެހިލިއެވެ. މަޑުމަޑުން ގޮނޑި ހެއްލަމުން ދެލޯ މަރާލިއެވެ. ނިދަން އުނދަގޫވާ ރޭރޭ އެ ގޮނޑީގައި ހެއްލަން އެހެން އިނުމަކީ ނައުރީންގެ އާދައެކެވެ. މަންޝާގެ ސޫރަ ނައުރީންގެ ލޯމައްޗަށް ސިފަވުމުން، ދެބުމަ ގޮށް ޖަހާލިއެވެ. އެއީ މީގެ ވިހި އަހަރު ކުރީގެ ދުވަސްތަކެކެވެ.

*** *** *** *** *** ***

ހުކުރު ދުވަސްކަމުން އެންމެން ދަތުރު ދިޔައީ ހެރެތެރެ ރިސޯޓާ ދިމާއަށް އޮތް ގޮނޑުދޮށަށެވެ. ހުޅުދޫއާ ހެރެތެރެއާ ދެމެދުގައި ވަނީ ފާލަމެއް އަޅާފައެވެ. ރަށުގެ ގޮނޑުދޮށް ވަށައިގެން ވަނީ ހިލަތަކެއް ޖަހާފައެވެ. އޮލަ ވާހަކައެއްގައި އަޒީމްއާ މަންޝާ ތިބީ މޫދު ކައިރީ ހުރި ހިލަތަކުން ހިލައެއް މަތީ އިށީނދެގެންނެވެ. ދުރުގައި މަންޒަރު ބަލަން ހުރި ނައުރީންގެ ހިތަށް އުނދަގޫވަމުން ދިޔައީ އަޒީމް، މަންޝާއަށް ބަހައްޓާ އޯގާތެރިކަން ފެނިފައެވެ. ދެލޯ އަޅާލަމުން މަސްބަތް ކައްކަން ހުރި އިބްޒީމާއާ ދިމާއަށް ނައުރީން ބަލާލިއެވެ. "ދައްތަ ބުނި އަޒީމް ލިބޭނީ އަހަންނަށޯ.. އެކަމަކު ބަލާބަލަ އެއޮއް ކަމެއް.. ޑަންލޮޕް ހާކައިގެންތަ އެ އުޅެނީ... ދުރުވާ ވަގުތެއް ވެސް ނާދޭ... ކިހިނެއް މިވަރުން ކަމެއް ކުރާނީ..."

މަސްބަތް ތެލި ގަށަމުން އިބްޒީމާ އިސް އުފުލާލާ އަޒީމްމެންނާ ދިމާއަށް ބަލާލިއެވެ. "މަ ބުނި ގޮތަށް ކަންތައް ކުރޭ... މިއޮތީ ފެންފުޅި މި ހިފައިގެން ދޭ..."

އަޒީމްމެންނާ ދިމާއަށް ނައުރީން ބަލާލަމުން ބޮޑާ ހާކާފަދަ ގޮތަކަށް ވާހަކަ ދެއްކީ އޭނާގެ ހިތުގެ އުދާސްތައް ބޭރުކުރަމުންނެވެ. " އަޒީމް އަހަންނާ ދިމާއަށް ބަލާވެސް ނުލާ... ހީލިއަސް ތުން ދަމާފަ ބަލަން ހުރެދާނެ.. ވާހަކަ ދެއްކިއަސް އަނގައިން ވެސް ނުބުނޭ... އެ މަންޝާގެ ކިބައިގަ ކޯއްޗެއް ހުންނާތީތަ އަޒީމް މޮޔަވެފަ އެ ހުރީ... ކަޅު ފަލަ އެތިގަނޑެއް ކަހަލަ އަންހެނެއް... ވަރަށް ފޫހިވޭ..."

"އޭ މާ ވާހަކަ ގިނަ ނުކޮށް ދެންވެސް އަވަހަށް ދޭ... އަޒީމް މިދިމާއަށް އެ އަންނަނީ... އަހަރެން އަޒީމް ހިފަހައްޓާނަން... މަންޝާ ކައިރިއަށް ދޭ..." ތެލި އުނދުން މަތިން ބާލަމުން އިބްޒީމާ ވާހަކަ ދެއްކިއެވެ. އަދި އެއްފަރާތެއްގައި ހުރި ތާޒާ ބްރޭންޑްގެ ކުޑަ ފެންފުޅިއެއް ނައުރީންއާ ހަވާލުކޮށްލިއެވެ.

އެ ހިލަމަތިން ތެދުވެ އެއްގަމާ ދިމާއަށް އަޒީމް ދުއްވައިގަތެވެ. އަޒީމް އަންނަތަން ފެނުމުން ލަދުރަކި ގޮތަކަށް ނައުރީން ހިނިތުންވެލަމުން ނިއުޅުވާލަފައިވާ އިސްތަށިގަނޑުން ބައެއް ކަންފަތް ދަށަށް ލައްވާލިއެވެ. ނައުރީންއާ ދިމާއަށް ބަލާވެސް ނުލާ އަޒީމް އެދިޔަ ގޮތަށް ގޮސް ހުތްއަނބު ކޮށަން ހުރި އަޒީމްގެ ކޮއްކޮ، ޒުމްނާއަށް އުނދަގޫ ކުރަން ފެށިއެވެ. "ދޮންބޭ... ޕްލީސް އަތް ކަނޑައިގެން ގޮސްދާނެ..." އަޒީމް އުނދަގޫކުރަން ފެށުމުން ޒުމްނާ، އަޒީމާ ދިމާއަށް އަނބު އޮށެއް އެއްލިއެވެ.

މަންޝާ ގޮވައިގެން ރަށަށް އައި ފަހުން އަޒީމްގެ ސަމާލުކަމެއް ނުލިބޭތީ ނައުރީން އެކަމާ ރުޅިއައެވެ. ހިލަ މަތީ އެކަނި އިށީނދެގެން އިން މަންޝާ ކައިރިއަށް ގޮސް ނައުރީން ވާހަކަ ދައްކަން ފެއްޓިއެވެ. "މަންޝާ... އެކަނި ތި އިނިއްޔޯ... މީ އަހަރެމެން ކުޑައިރު ވެސް ޕިކްނިކް އަންނަ ތަން... އަޒީމްމެން ކުޑައިރު މިތަނަށް ވަރަށް ގިނައިން އަންނާނެ..." ނައުރީން ވާހަކަ ދައްކަމުން އައިސް އެ ހިލަ މަތީ މަންޝާގެ މަގަތުގައި އިށީންނަމުން އަތުން ހިފަހައްތައިގެން އިން ފެންފުޅިއަށް ބަލާލިއެވެ.

(ނުނިމޭ)