ގަދައަށް ނިދާފައި އޮތް މަންޝާގެ ހަށިގަނޑުގައި ފިނި އަތަކުން ފިރުމަމުން ދިއުމުން ކުރާ ފަދަ އިހްސާސެއް އޭނާއަށް ވިއެވެ. ކަނދުރާ މައްޗަށް ވެއްޓިފައިވާ އިސްތަށިތައް މަޑުމަޑުން އެއްފަރާތްކޮށްލުމަށްފަހު އެމީހަކު މަންޝާގެ ހަށިގަނޑާ ގާތްވެލިއެވެ. ކަންފަތުބުޑުގައި ހޫނު ނޭވާއެއް އެޅިލުމުން މަޑުމަޑުން މަންޝާގެ ކޮނޑު އަރުވާލަމުން ކަންފަތް ދަށުގައި ދެބުރަކަށް ކޮނޑު ހާކާލެވުނީ ނިދާފައި އޮތުމުން ކޮންމެވެސް ވަރަކަށް އުނދަގޫވާތީއެވެ. ދެން އެމީހެއްގެ ފިނި އަތްތިލައިން މަންޝާގެ ކޮނޑުގައި ހިފަހައްޓަމުން ކަންފަތް ދޮށަށް ގުދުވެ ވައި އަޑުން މަންޝާއަށް ގޮވާލި އިރު އަނގައިން ބޭރުވި ހޫނު ނޭވާ މަންޝާގެ ކަންފަތަށް އެޅިގެން ދިޔައެވެ.
"މަންޝާ..."
އެ އަޑު ޖެހުމާއެކީ މަންޝާގެ ދެލޯ ތަންމިނަށް ހުޅުވާލީ ބިރުވެރިކަމެއް އިހްސާސް ވުމުންނެވެ. ހާސްވެ ކަންބޮޑުވެފައިވާ ހާލުގައި އެނދުގައި އިށީނދެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލީ ކޮޓަރީގައި މީހަކު އުޅޭހެން ހީވުމުންނެވެ. ފެންނަމުން ދިޔަ މަންޒަރުން މަންޝާގެ ސިކުނޑީގައި ރިހުމެއް އުފެދިގެން ދިޔައީ އެއީ އޭނާ ނިދަން އޮތް ކޮޓަރި ނޫން ކަން އެނގުނު ހިސާބުންނެވެ.
އެނދުން ތެދުވަން މަސައްކަތް ކުރަމުން ގޮދަޑީގައި އަތް ވިއްދާލި ވަގުތު އަތުގައި އެއްޗެހިތަކެއް ޖެހުމުން މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެއަތް ހާކާލަމުން މުށްކަވާލީ ބެޑްޝީޓްގައި ހިފާލާށެވެ. ލިބުނު ހައިރާންކަމުން ދެލޯ ބޮޑުކޮށްގެން އިނދެ މުށްކަވާފައިވާ އަތް އުފުލާލަމުން އަތަށް މަންޝާ ބަލާލިއެވެ. މުށުތެރޭގައިވާ ކަޅުކަން ގަދަ ހިމުން ވެލިތައް ފޮޅާލުމަށްފަހު ކައްޓެއް ޖެހިހެން އެތަނުން އޭނާ ތެދުވި އިރު ފައިކޮޅުން ފެށިގެން މައްޗަށް ތުރުތުރެއް އަރައިގެން ދިޔައެވެ.
މި އޮވެވުނީ ނިދަން އޮތް އެނދުގައި ނޫން ކަން އެނގުމުން އަވަހަށް ތެދުވެ ނިދާ ހެދުމުގައި އާއި ގައިގާ ހޭކިފައިވާ ކިލަޔާއި ވެލިތައް ފޮޅާލި އިރު މަންޝާގެ ހިތުގައި އެތައް ސުވާލުތަކެއް ފުނި ޖެހެމުން ދިޔައެވެ. އަނދިރިކަމުގެ ތެރޭގައި އެ ބިޔަ ގަސްތައް ފެންނަލެއް ވަރަށް ބިރުވެރިއެވެ. ބިޔަކޮށް ހެދިފައިވާ ގަސްތަކުގައިވާ ފަތްތަކުން ފުރޭނިގެން ބިންމައްޗަށް އެޅިފައިވާ ފަނޑު ހަނދުވަރުގެ އަލިކަން ފިޔަވާ އިތުރު އަލިކަމެއް ނެތެވެ.
ބިންމަތީގައި ކުރެހިފައިވާ ގަސްތަކުގެ ހިޔަނިތައް ނަށަމުން ދާހެން ހީވިއެވެ. ބިރުން ހުރުމުން މަންޝާގެ ނޭވާ އަވަސްވަމުން ދިޔައީ އެ ވީރާނާ މާހައުލުގައި އެކަނި ހުރުމުންނެވެ. ހަދާނެ ގޮތް ހުސްވެފައިވާ ހާލުގައި މަންޝާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. މަދަދަށް އެދި ގޮވާނީ ވެސް ވަކި ކާކަށް ހެއްޔެވެ؟
އެ ހަމަހިމޭން މާހައުލުން އަޑެއް އިވުނުހެން ހީވުމުން އެ ދިމާއަށް މަންޝާ ބަލާލީ މޭގައި އަތް އަޅާލަމުންނެވެ. "ކާކު...." ކުރިއަށް ފިޔަވަޅެއް އަޅަމުން މަންޝާ ގޮވާލީ ކުރަކި އަޑަކުންނެވެ. ގަސްތަކުގެ ތެރެއިން މީހެއްގެ ހިލަމެއް ވީހެން ހީވުމުން އެދިމާއަށް ދާން މަންޝާގެ ފިޔަވަޅު އަވަސް ކޮށްލިއެވެ. ކުރިއަށް އެޅި ފިޔަވަޅަށް ހުއްޓުމެއް އައީ ފަހަތުން މީހަކު ގޮވާލި އަޑު ކަންފަތުގައި ޖެހުމުންނެވެ.
"މަންޝާ... މިތާ ކީއްކުރަނީ؟..." ހިން ދިރުވާލަމުން ދޭނެ ޖަވާބަކާ ދޭތެރޭ މަންޝާ ވިސްނާލިއެވެ. އެ އިވުނީ ހަސަންބެގެ އަޑުކަން އެނގުމުން ހަސަނާ ދިމާއަށް ބަލަން މަންޝާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ހުރެވުނީ ކޮންތާކު ކަން ނޭނގޭ ހާލުގައި އެތަނަށް އާދެވުނު ގޮތެއް ވެސް މަންޝާއަކަށް ނުވިސްނުނެވެ.
"ހިނގާ ގެއަށް ދާން... މިތާ ކީއްތަ ތިކުރަނީ؟... މަންމަ ބުނެގެން މަންޝާ ހޯދަން މިއައީ..." ކުރިމަތިން ފެންނަން ހުރި ބޮޑު ނިކަގަހާ ދިމާއަށް ހިނގައިގަންނަމުން އަންނާށޭ ބުނެ ހަސަނު އިޝާރާތް ކޮށްލިއެވެ.
ބިރުން ހުރެ ނަމަވެސް ހަސަނުގެ ފަހަތުން މަންޝާ ހިނގައިގަތީ އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރުމުންނެވެ. އަނދިރިކަމުން ފުރިގެންވާ އެ ގަސްތަކާ ދިމާއަށް ބަލަމުން އޭނާ ދިޔައީ އުނދަގޫތަކެއް ވާތީއެވެ. ހަންގަނޑު ތޮރުފާ ޒާތުގެ ފިނިކަމެއް އިހްސާސްވަމުން ދާތީ ހަށަން ބަނދެލަމުން ފުން ނޭވާތަކެއް ލަމުން ހަމަޖެހެން މަންޝާ މަސައްކަތް ކުރިއެވެ.
ދުންފިނިކަމުގެ އަސަރު ފާޅުވަމުން ދާތީ ދުރުން އެއްވެސް މަންޒަރެއް ސާފުކޮށެއް ނުފެނެއެވެ. ނިކަގަހަށް ނުބަލަން މަންޝާ ހިނގަމުން ދިޔައީ އިސްޖަހައިގެންނެވެ. އެތަނުގައިވާ ހަމަހިމޭންކަމުގެ ތެރޭގައި މަންޝާ އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކީ ފައި ދަށުގައިވާ ހިކިފަތްތަކާ ގޮފިތައް މުގުރެމުންދާ އަޑު ނޫން އަޑެއް ނީވެއެވެ. ހާވާލާފައިވާ އޭނާގެ އިސްތަށިގަނޑުގައި ވައިރޯޅިއެއް ބީހިލުމާއެކީ މަންޝާގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. ފިޔަވަޅު މަޑުކޮށްލުމަށްފަހު އިސްތަށިގަނޑުގައި އަތް ހާކާލަމުން ފަސްއެނބުރި ބަލާލެވުނީ ފަހަތުގައި މީހަކު ހުރިކަމުގެ އިހްސާސް ވުމުންނެވެ.
ފަހަތުގައި އެއްވެސް މީހަކު ނެތުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލުމަށްފަހު އަނބުރާ ކުރިއަށް ދާން ހިނގައިގެން ވަގުތު މަންޝާއަށް ސިހުމެއް ލިބުނީ ހަސަންބެ ވެސް ފެންނަން ނެތުމުންނެވެ. ފިޔަވަޅު އަވަސްކޮށްލަމުން ކައިރީގައި ހުރި ނިކަގަހާ ދިމާއަށް މަންޝާއަށް ބަލާލެވުނީ ޖެހިލުންވާ ހާލުގައެވެ. ގަހުގެ ބިޔަކަމުން އެ ގަހުގެ ހިޔަނިން އެތަނަށް އިތުރު އަނދިރިކަމާއި ނާމާންކަން ވެރިވެފައިވާ ކަހަލައެވެ. އެ ގަހުގެ ބޮޑެތި މޫތަށް އެ ހިސާބަށް ފެތުފައި ވުމުންނާ އެކީ އެ ގަހަކީ އެ ވަލުތެރޭގައި ރަސްކަން ކުރަމުން ދާ ނިކަބިލިއްސާ ގަސްކަން މަންޝާއަށް އެނގުނެވެ.
ގަހުގެ ގޮފިތަކުން ފައިބާފައިވާ މޫތައް ވަޔާ އެކީ ހެލިލި ވަގުތު އަންހެނެއްގެ ވޭނީ ރުއިމުގެ އަޑު މަންޝާގެ ކަންފަތުގައި ޖެހުނެވެ. އެ އަޑު އެ އަންނަނީ ގަހާ ދިމާލުންކަން އެނގުމުން އެ ގަހާ ދިމާއަށް ދާން މަންޝާ މިސްރާބު ބަދަލުކޮށްލަމުން ގޮވާލީ ހިތަށް ނުތަނަވަސްކަން ވެރިވާތީއެވެ.
"ކާކު؟... ކާކު ހަޅޭއްލަވަނީ؟... ކިހިނެއްވީ؟.."
ގަހުގެ މައިގަނޑުގައި ވާ ގޮފިތައް އެތުރިފައިވާ ގޮތުން މީހެއްގެ ސޫރަ ފާޅުވަމުން ދިޔަހެން މަންޝާއަށް ހީވުމުން ފަހަތަށް ޖެހެވުނެވެ. މަންޝާއަށް ސިފަވީ ބިރުވެރި ސޫރައެކެވެ. ނަމަވެސް ދެލޯ ހަނިކޮށްލަމުން ދެން ބަލާލިބެލުމުން މަންޝާއަށް ހީވި ހީވުމެއް ކަމަށް ނިންމުނެވެ. އަނެއްކާވެސް އަންހެން ކުއްޖެއްގެ އަޑު އިވިގެން ދިޔައެވެ.
"ނޫން... ނޫން... މަ ސަލާމަތް ކުރޭ...."
އެ އަޑަށް ސަމާލުކަން ދެމުން ދިޔައިރު މަންޝާއަށް އެ އަޑު އަންނަ ދިމާ ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެވަގުތު ގަހުގެ ގޮފިތަކުން ފައިބާފައިވާ އަޅޯތައް ހެލޭތީ މަންޝާ އިސްއުފުލާލަމުން މައްޗަށް ބަލާލިއެވެ. މަންޝާއަށް ފެންނަމުން ދިޔައީ އެގަހުގެ ގޮފިތަކެއް ނޫނެވެ. އަނދިރިކަމުގެ ތެރެއިން ފެންނަންމުން ދިޔައީ އެތައް އަންހެނުން ތަކެކެވެ.
ގަހުގެ ގޮފިތަކުގައި ހައްޔަރުވެފައިވާ އަންހެނުންތަކުގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. އެންމެންވެސް ތިބީ އެ ގަހުގައި ބަނދެވިފައެވެ. ހަންގަނޑުގެ ކުލަ ބަދަލުވެފައިވާއިރު، ގޮފިތަކުގައިވާ ކުލައާ ރާޅުބާނި ކުރެހުންތައް އެ ހަށިތަކުން ފާޅުވާން ހުއްޓެވެ. އެމީހުންގެ ހަންގަނޑު ވަކަރަށް ބަދަލުވެފައިވާ ކަހަލައެވެ. ނަމަވެސް އެހަށިގަނޑަށް ގެންނަ ހަރަކާތްތައް ވަރަށް ފުރިހަމައަށް ފާޅުވަމުން ދިޔައެވެ.
އެ އަންހެނުންގެ އިސްތަށިގަނޑުތައް ތިރިއަށް އެލިފައި އެވަނީ ނިކައަޅޯތަކެއް ފަދައިން ފޯލި ފޯއްޔަށެވެ. ބައެއް އިސްތަށިގަނޑުތައް ތުނިވެފައި ކުރެވެ. އަނެއް އިސްތަށިގަނޑުތައް ބޯވެފައި ބިމުގައި ކޭއްތޭހާ ވެސް ދިގެވެ.
ބިރުންހުރެ މަންޝާ ފަހަތަށް ފިޔަވަޅެއް އަޅާލި ނަމަވެސް މަންޝާގެ ފައިގާ އެއްޗެއް ޖެހުނުކަމުގެ އިހްސާސްވުމުން ފަޔަށް ބަލާލެވުނެވެ. އެ ގަހުގެ މޫގަނޑަކުން މަންޝާގެ ދެފައި ގުޑުވާވެސް ނުލެވޭނެހެން ބަނދެލަމުން ފައިގައި އެ މޫގަނޑު ބާރުބާރަށް އޮޅާލިއެވެ. މަންޝާ ތެޅިގަތީ އެ މޫތަކުން މިންޖުވާށެވެ. ނަމަވެސް ފައި އަރިއަޅާލައިގެން ހިކިފައިވާ ފަތްތަކުގެ މައްޗަށް ބަނޑުވަތަށް މަންޝާ ވެއްޓުނެވެ. އެ މޫގަނޑުން ދެފައި ވަކި ކޮށްލެވޭތޯ މަންޝާ ގަދަ ހަދާ މަސައްކަތް ކުރަމުން ދިޔައީ އަޑުގެ ނެތްތަނަށް ހަޅޭއްލަވާ ރޮމުންނެވެ.
ގަހުން ފައިބާފައިވާ އަޅޯތައް މަންޝާގެ ދެއަތުގައި އޮޅާލުމުން އިތުރަށް ގަދައެއް ނުހެދޭނެކަން އެނގުނެވެ. ބަންޑުން އޮވެ އިސްއުފުލާލަމުން ގަހާ ދިމާއަށް މަންޝާ ބަލާލިއެވެ. ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިތަކުގެ ސަބަބުން މަންޒަރު ރީއްޗަށް ފެންނަ ގޮތެއް ނުވިއެވެ. ދެއަތަށް މަންޝާ ބޯ ހޫރުވާލީ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ދުރަށް ޖެއްސޭތޯއެވެ. ދާހިތްލާފައިވުމުން އިސްތަށިތައް ވަނީ މޫނުގައި ތަތްލާފައެވެ.
މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތަކުން ބައެއް އެއްފަރާތަށް ޖެހިލިވަގުތު އެ ހަނި ދޭތެރެއިން ގަހާ ދިމާއަށް މަންޝާ ބަލާލިއިރު ކަޅު ބޮޑު ހިޔަންޏެއް ފާޅުވި މަންޒަރު ފެނުނެވެ. އެހިޔަނި ބިޔަކަމުން ގަހާ ދާދި އެއްވަރެކެވެ.އެ ހިޔަނި މަންޝާއާ ގާތްވަމުން ދިޔަ ވަރަކަށް ކަމެއް ގޯސްވާން އުޅޭކަން އެނގިގެން މަންޝާގެ ހަށިގަނޑަށް ލެވުނުހާ ބާރެއްލާ ތެޅިފޮޅެމުން ދިޔައެވެ. އެ ވަގުތު ފަޔާއި އަތުގައި އޮޅާލާފައިވާ މޫގަނޑުތަކުގެ ބާރުން މަންޝާގެ ހަށިގަނޑު އުއްޑުންވާނެހެން އަނބުރާލިއެވެ. މަންޝާގެ މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއްފަރާތަށް ވިހުރުވާލީ އެވަގުތު ޖެހުނު ވައި ރޯޅީގެ އެހީގައެވެ. މޫނު އަނބުރާލަމުން ނިކަގަހާ ދިމާއަށް މަންޝާ ބަލާލީ އެ ހިޔަނި ހުރިނެތްތަނެއް ހޯދާށެވެ. އޭރު އެ ހިޔަނި މަންޝާގެ ގާތަށް އަންނަމުން ދިޔަ ވަރަކަށް ގަހުގައި ތިބި އަންހެނުންތަކުގެ ރުއިން ގަދަވަމުން ދިޔައެވެ. ބައެއް އަޑުތައް ތޫލިކަމުން ހީވަނީ ވޭނީ ހަޅޭކެއް ހެނެވެ. ބައެއް އަޑުތަކުން ބުނަމުން ދިޔަ ބަސްތައް އިވޭލެއް ސާފުކަމުން ހީވަނީ ދާދިގާތުން އިވޭ އަޑުތަކެއްހެނެވެ.
"މަންޝާ.... އާދޭ.... އާދޭ....."
މަންޝާއަށް އެވަގުތު ބަލާލެވުނީ އޭނާ ވެއްޓިފައި އޮތް ދިމާލުން މައްޗަށެވެ. ގަހުގެ ގޮފިތަކުގައި އޮޅުލައިގެން ތިބި އަންހެނުންތަކާ ދިމާއަށެވެ. ހަށިގަނޑަށް ގެންނަމުން ދިޔަ ބަނޑިތައް މަންޝާއަށް ސާފުކޮށް ފެނުނެވެ. އިވެމުން ދިޔަ އަޑުތަކަށް ރައްދުދެމުން މަންޝާ ނޫނެކޭ ބުނަމުން ދެއަތަށް ބޯ ހޫރާލިއެވެ. އެވަގުތު ގަހުގައި ތިބި ހުރިހާ އަންހެނުންތައް އެއްފަހަރާ މަންޝާއާ ދިމާއަށް މޫނު އަނބުރާލުމުން މަންޝާއަށް ލިބުނީ ހައިރާން ކަމެކެވެ. އެ ހުރިހާ އަންހެނުންތަކުގެ ދެލޯ ނޫކުލައަކުން ދިއްލިގެން ދިޔުމުން، އެ ނޫކުލައިގެ ވިދުމުގެ ދަޅަ އެހިސާބަށް އެޅިފައި ހުއްޓެވެ.
ގަހުގެ އެކި ދިމަދިމާލުން ފެންނަމުން ދިޔަ ލޯތަކަށް ބަލަން މަންޝާ އޮތީ ބިރުން ވިރިވިރިއެވެ. ދެއަތާ ފަޔަށް ލުކިޖަހަމުން ދިޔަވަރަކަށް މަންޝާގެ އަތުގެ މުލައްދަނޑިން ދިލަނަގަމުން ދިޔައެވެ. މިވަގުތު މަންޝާއަށް ރުއިން ނޫން ކަމެއް ކުރެވޭކަށް ނެތެވެ. އެގަހުގެ މޫތަކުގެ ބާރުން މަންޝާގެ ދެފައި ދުރުކޮށްލީ އެ ހިޔައްޏެއްހެން ހުރި ބިޔަ މީހާގެ އަތުގެ އިޝާރާތަށެވެ. އެވަގުތު އެހިޔަނި އައިސް މަންޝާގެ ގާތަށް ހުއްޓުނެވެ. ބަރު ފިރިހެނެއްގެ ހުނުމުގެ އަޑުން މުޅިތަން ގުގުމާލުމުން ސަލާމަތްވާން ދެން ކުރެވޭނެ ކަމެއް ނެތްކަން އެނގުމުން މަންޝާ ރޯން ފެށިއެވެ.
"ނޫން... ނޫން... އަހަރެން ދޫކޮށްލާ...."އެ ހިޔަނީގެ ބިރުވެރި ހުނުމުގެ އަޑު ގަދަވަމުން ދިޔަވަރަކަށް އެ ގަސްދަށަށް ޖެހެމުންދިޔަ ވައި ގަދަވިއެވެ. ވައިގަދަވުމުގެ ސަބަބުން ބިންމަތީގައިވާ ހިކިފަތްތަކާއި ކުނިބުނިތައް ވަޔާ އެކުވެ އުދުހެން ފެށުމުން މަންޝާ ދެލޯ މަރާ ބާރު ކޮށްލިއެވެ. ވަޔާއެކީ މަންޝާގެ ހެދުން އޭރުވަނީ ފަލަމަސްގަނޑާ ހަމައަށް އަރާފައެވެ. އޭރު އެ ހިޔަނި މަންޝާގެ ހަށިގަނޑާ ދިމާއަށް ގުދުވަނީއެވެ.
ވާން މިއުޅެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭ ހާލުގައި މަންޝާ ދެލޯ ހުޅުވާލަމުން އެހިޔަނި ހުރި ދިމާއަށް ބަލާލިއެވެ. އެ ހިޔަނީގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔަ މަންޒަރު މަންޝާއަށް ފެނުމުން އިހުނަށްވުރެ ބޮޑަށް ބިރުގަތެވެ. ހަދާނެ ގޮތް ހުސްވެގެން ދިޔަ ކަހަލައެވެ. މަންޝާގެ ފަލަމަސްގަނޑުގައި އޭތީގެ އަތް ޖައްސާލުމުން ކަރުބުޑުން މަންޝާ ހަޅޭއްލަވައިގަތީ އޭނާގެ ފައިން ނެގި ހޫނު ދިލައަށް ކެތް ނުކުރެވިގެންނެވެ.
"މަންމާ........"
(ނުނިމޭ)
