ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ ދަށުގައި މަރާމާތު ކުރުމުގެ މަސައްކަތެއް ކުރަން އޮތް މީހެއްގެ ގައިމައްޗަށް އެ ޕިކަޕު ވެއްޓި، މީހަކު ނިޔާވެއްޖެއެވެ.
ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވީ ސ. ހިތަދޫ، މެޑޯޒް، މުހައްމަދު މަނިކު، 60 އެވެ.
މިއަދު ފުލުހުން ބުނީ އެ ހާދިސާ ހިނގީ ޕިކަޕުގެ މަސައްކަތެއް ކުރުމަށް އެ ޕިކަޕުގެ ދަށުގައި އޮއްވައި، ޕިކަޕް އެ މީހާގެ ގައި މައްޗަށް ވެއްޓިގެން ކަމަށެވެ. މި ހާދިސާގެ މައުލޫމާތު އިއްޔެ 11:05 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު ހާދިސާ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ބުނެފައެވެ.
