ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް ޖެހި ރެއިޑުގައި 10 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓު ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި 95 ބިދޭސީއެއް ބަލައިފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަން އިން ބުނެއެވެ. އޭގެތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 10 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ވެސް އިމިގްރޭޝަން އިން ބުނެއެވެ.

ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކުގެ އިތުރުން ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައިވެސް ފުލުހުން ދަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި އެފަދަ ތަންތަން ގަވާއިދާ ހިލާފުވާނަމަ ބަންދުކުރާއިރު ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓު ވެސް ކޮށްފައެވެ.

ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ނުވި ނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ