ސަރުކާރުން ފަށާފައިވާ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
"ވަތަނީ ހިދުމަތުގެ ބިލު"ގެ ނަމުގައި މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދުއެވެ.
މި ބިލުގައިވާ ގޮތުން އެ ހިދުމަތުގެ ސިޔާސަތުތައް ކަނޑައަޅަން ހާއްސަ ގަވަނިން ކައުންސިލެއް އުފައްދަންޖެހޭއިރު އެ ކައުންސިލްގެ އިސްވެރިޔަކީ ރައީސެވެ. އަދި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ދެ ބަޔަކަށްކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެއީ އަސާސީ ތައުލީމާއި ތަމްރީނުގެ ކޯސް އަދި ދައުލަތުގެ ޔުނިފޯމް އެޅި ހިދުމަތްތަކުގެ ތެރެއިން ކަނޑައެޅޭ ހިދުމަތެއްގައި މަސައްކަތް ކުރުމެވެ.
އެ ހިދުމަތުގައި ބައިވެރިވެވޭނީ، ބިލުގައިވާ ގޮތުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ބިލުގައިވަނީ ޕްރޮގްރާމްގެ މައިގަނޑު އަސާސްތަކާ އަދި މަގުސަދުތައް ހިމަނައި، ޕްރޮގްރާމް ހިނގާނެ އުސޫލުތައް ހިމަނާފައެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ހިންގައި، ވިލަރެސް ކުރަން ހަދާ ގަވަނިން ކައުންސިލްގައި ރައީސްގެ އިތުރުން، ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި ފިނޭންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް އަދި ކޮމިޝަނާ އޮފް ޕޮލިސް ހިމެނިވަޑައިގަންނަވާއިރު އެ ކައުންސިލްގެ މަސްއޫލިއްޔަތަކީ ހިދުމަތާ ގުޅޭ ކަންކަން ރަނގަޅަށް ތަންފީޒުވަމުންދޭތޯ ބެލުމެވެ. އަދި ކަންކަމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ހަރުދަނާ ކުރަން ޖެހޭ ކަންކަން ކުރުމެވެ.
