އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީ އިންތިހާބުގެ ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން މިހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މި ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނަގަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮތް ނަމަވެސް ގުރުއަތު ނެގުމަށްފަހު ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ނޯންނާނެއެވެ. އީސން ބުނީ އިންތިހާބުގެ ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުމަށްފަހު، ކެމްޕެއިން ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.
އީސީން ވަނީ އިންތިހާބުގެ ކަންކަން ރާވާފައިވާ ގޮތުގެ ތަފުސީލުތައް، އިންތިހާބަށް ލަފާދޭ ގައުމީ ކޮމެޓީ މެމްބަރުންނާ ހިއްސާކޮށް އާންމުކޮށްފަ އެވެ. މި މަހުގެ ދެ ވަނަ ހަފުތާގައި ވޯޓުލުމަށް ރީ ރަޖިސްޓްރީވުމަށް ހުޅުވާލާއިރު، ފައިނަލް ވޯޓާސް ލިސްޓު އާއްމުކުރާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައެވެ. އަދި އެ ލިސްޓުގައި ކެންޑިޑޭޓުންނާއި މަންދޫބުން އަންނަ މަހުގެ ދެ ވަނަ ހަފުތާގައި ސޮއިކުރަން ފަށާނެއެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި، އެކި ޕާޓީތަކާ، އަމިއްލަ ގޮތުން ވާދަކުރާ މީހުންނާ އެކު، ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރެއެވެ. އެގޮތުން މި އިންތިހާބުގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުން ވާދަކުރާއިރު އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކޮންގްރެސް ޕާޓީން ކައުންސިލް އިންތިހާބުގައި 665 ކެންޑިޑޭޓުން ވާދަކުރެއެވެ.
