ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސް ދަޅު ކޭސް ބެހުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން ބުނީ، ރަމަޟާން މަހާއި ދިމާކޮށް ރައްޔިތުންނަށް ރޯދަ ހަދިޔާ ބެހުމަށް ސަރުކާރުން ހަމަޖައްސާފައިވާ އިރު، އެކަމަށް އެއްބާރުލުން ދީ، ހުޅުމާލޭގައި ހަދިޔާ ބެހުމަށް ފަސޭހަވާނޭ ހެން އިންތިޒާމްތައް ހަމަޖައްސައި ދިނުމުގެ މަސައްކަތް އެޗްޑީސީގެ ޓީމުން ދަނީ ކުރަމުން ކަމަށެވެ.
މާދަމާ އިން ފެށިގެން ރޯދަ ހަދިޔާ ބަހަން ހަމަޖެހިފައިވާ އިރު، ކިއުގައި ޖެހެން ނުޖެހޭނެ ގޮތަކަށް މި އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މާލެ ސަރަހައްދުގެ 15 ތަނަކުން މަސްދަޅު ކޭސް ބަހަން ހަމަޖެހިފައިވާ އިރު ކިއުގައި ނުޖެހި ޓޯކަންއެއް ނަގައިގެން މަސްދަޅު ބަލައިގަނެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސް ދޭން ނިންމާފައިވާ އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލު 400 އަށް ވުރެ އިތުރު ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެއަށް ވުރެ އިތުރުވާ ނަމަ ބާކީ ބަޔަކީ ޑޮސްކައުންޓްގެ ގޮތުގައި ހަމަޖައްސައި ދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މީގެ ކުރިން އައި ދެ ރޯދަ މަހު ވެސް ކަރަންޓާއި ފެން ބިލުން ވަނީ ޑިސްކައުންޓް ދީފައެވެ. ހަމައެއާއެކު މިދިޔަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ވަނީ މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެގޮތުން ހަދިޔާގެ ގޮތުގައި މިދިޔަ އަހަރު 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައި ވެއެވެ.
