ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ތެރެއިން ޑޮލަރު ސޫޓް ކޭހެއް ފޭރިގަތް މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވީއައިއޭގެ އާ ޓާމިނަލަށް ވަންނަ ދޮރުމަތިން މޫނު ނިވާ ކޮށްގެން ތިބި ބަޔަކު އައިސް ފޭރިފައި ވަނީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު ބްރީފްކޭހެކެވެ. ފޭރުނީ ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރުދެއްކުމަށް ފަހުއެވެ.
މި މައްސަލައާއި ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު މި އެންމެންވެސް ތިބީ ބަންދުގައެވެ. އެ ހަތް މީހުންނަކީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު 27، އާއި ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު 44، އަދި ސ. ހިތަދޫ. ވަށަގުލިމާގެ، އަލީ އަފްޒަލް 21، އެވެ. އަދި ލ. މާވަށް، ރޭޝަމް، މާޒިން މޫސާ 25، އާއި މ. ކޯރަސް، އަހުމަދު ރައިހާން ނައީމް 20، ގެ އިތުރުން ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހިމް އަނޫފް 24، އަދި އެގޭ ހުސައިން ޝަހުދު 30، ވެސް ހިމެނެއެވެ.
މި މައްސަލައިގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު، ހައްޔަރުކޮށްފައިވަނީ ރ.މަޑުއްވަރި، މީޒާން, އިސްމާއީލް ސިރްހާން, 30, އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން ވެސް އިތުރު ހަތަރު މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނި ނަމަވެސް އެ މީހުންގެ ވަނަވަރު އާންމުކޮށްފައި ނުވެއެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ އެމީހުން ފޭރުމަށް ފަހު އެއާޕޯޓުން ފުރައިގެން ދިޔަ ލޯންޗު ވެސް ހޯދައިފައެވެ. ލޯންޗު ހޯދީ ކ. ހުރާ ފަޅުތެރެއިންނެވެ. ފިލައިގެން އެމީހުން ދިޔައީ އެ ރަށަށެވެ. ފޭރުނު ބްރީފްކޭހުގައި ހުރީ ފަސިންޖަރުންނަށް ބެންކު ރޭޓުން ދޫކުރާ ޑޮލަރެވެ. އޭގައި ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށް މައުލޫމާތު ލިބެއެވެ. އެ ފައިސާ މިހާތަނަށް ހޯދިފައެއް ނުވެއެވެ.
