ދިވެހި ސިފައިންގެ ވަޒީފާއިން ރިޓަޔާވުމަށްފަހު، ދައުލަތުގެ އެހެން މަގާމެއް އަދާކުރާ ފަރާތްތަކަށް ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް "ސިފައިންގެ ރިޓަޔަމަންޓް ގަވާއިދު" އަށް އިސްލާހު ގެނެސްފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު މިނިސްޓްރީ އޮފް ޑިފެންސް އިން މި ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ރިޓަޔަމަންޓް އިނާޔަތް ލިބޭ ގޮތަށް ވަޒީފާއިން ވަކިވެފައިވާ މީހަކު، ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ، އެ އާ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ މީހަކަށް ރިޓަޔަމަންޓް އިނާޔަތެއް ނުލިބޭނެއެވެ.
މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، މެދުކަނޑާލައި އިނާޔަތް އަލުން ލިބެން ފަށާނީ އެ ވަޒީފާއަކުން ވަކިވި ނުވަތަ ވަކިކުރި މަސް ނިމުމަށްފަހު، ދެން ފެށޭ މަހުން ފެށިގެންނެވެ. މީގެ އިތުރުން، ރިޓަޔާވެފައިވާ މީހަކު އިންތިހާބީ މަގާމަކާ ނުވަތަ ދައުލަތުގެ ވަޒީފާއަކާ ހަވާލުވުމަށްފަހު، އެކަން ޕެންޝަން އޮފީހަށް ނުވަތަ އެ އިނާޔަތް ދޭ އިދާރާއަކަށް ނާންގާ އޮތުމުގެ ސަބަބުން އިނާޔަތް ލިބެމުން ގޮސްފައިވާނަމަ، އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ސަރުކާރުގެ އެކި މަގާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު، އެ ބޭފުޅުންނަށް މަގާމުގެ މުސާރައިގެ އިތުރުން ރިޓަޔަމަންޓް އެލަވަންސް ވެސް ލިބޭތީ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އެއީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ގަބޫލުކުރައްވާތީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާވިސްގެ ގަވާއިދުތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ބަދަލަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި، އެއް މަގާމަށްވުރެ ގިނަ މަގާމުން އެއްފަހަރާ ދައުލަތުގެ ފައިސާ ލިބުން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
