ހެންވޭރުގައި ހުރި ކުރީގެ ތެލެސީމިއާ ސެންޓަރުގައި "ޖީޕީ ކްލިނިކެއް" ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން، ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި އިމާރާތް ތަޅާލައި، އެ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ ބީލަމަށް ހުޅުވާލާފައެވެ.

މާލޭ ސަރަޙައްދުގައި ސަރުކާރުގެ މައި ހޮސްޕިޓަލްތަކަށް އާންމު ބަލިތަކަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ ކިޔޫ ކުޑަކުރުމަށް ހަ ޖީޕީ ކްލިނިކެއް އެޅުމަށް ނިންމާފައިވާއިރު އޭގެތެރެއިން، އެއް ކިލިނިކް ވަނީ މާފަންނުގައި ހުޅުވާފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުލިނިކެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މާލޭގެ 4 ސަރަހައްދެއްގެ އިތުރުން ހުޅުމާލޭގެ އިތުރު 2 ތަނެއްގައި ޖީޕީ ކްލިނިކްތައް ގާއިމްކުރުމުން މިހާރު ދަމަނަވެށިން ފޯރުކޮށްދޭ ހިދުމަތްތައްވެސް އެތަންތަނުން ލިބޭނެއެވެ.

މި ކްލިނިކްތަކުން ލޭގެ ޓެސްޓްހަދަން ސާމްޕަލް ނެގުމާއި އެކްސްރޭ ނެގުންފަދަ ފުރަތަމަ މަރުހަލާގައި ކުރެވޭ މުހިއްމުކަންކަން ކުރެވޭނެއެވެ. އަދި ބަލިމީހާގެ ސީރިއަސްކަމެއް ނެތްނަމަ ޖީޕީ ކްލިނިކްތަކުން ބޭސްދިނުން ފަދަ ކަންކަން ކުރިއަށްގެންދާނެއެވެ. އަދި ސްޕެޝަލިސްޓަކަށް ދައްކަން ޖެހޭނަމަ ޖީޕީ ކްލިނިކްތަކުން އެޕޮއިންޓްމަންޓް ހަދައިދޭނެއެވެ.