ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލްކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި މައިމޫނާ އަބޫބަކުރު ހިދުމަތުން ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި ވަގުތު ޗުއްޓީގައި ހުންނެވި މައިމޫނާ، އެޗްޕީއޭ ގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުން ވަކިވެވަޑައިގަންނަވާނީ މި މަހުގެ 29 ހިސާބުގައި އާލީ ރިޓަޔާމަންޓަކުންނެވެ.
ސަރުކާރަށް 35 އަހަރު ހިދުމަތްކޮށްދެއްވާފައިވާ މައުމޫނާ އެޗްޕީއޭގެ އެންމެ އިސްވެރިއަކަށް އައްޔަންކުރެވުނީ ނޮވެމްބަރު 17، 2016 ގައެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ކުރިމަތިިވި ކޮވިޑްގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަސް ޖެހުމެއް ނެތި ހަރުދަނާ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅުއްވާފައެވެ.
ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި، ގައުމަށްޓަކައި އުފުލި ބުރައިގެ އަގު ވަޒަންކުރުމުގެ ގޮތުން އަންހެނުން ބާރުވެރިކުރުވަން މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ، 'ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް' އިން 2021 ވަނަ އަހަރު ދިން އަހަރުގެ އަންހެނާގެ އެވޯޑް މައިމޫނާއަށް ވަނީ އަރުވާފައެވެ.
