އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ، އުމްރާ ދަތުރު ލިބޭ 13 ވަނަ ފަރާތް އިއުލާން ކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިންގެ ދަށުން، ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭއިރު، މި ފަހަރުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައްޑޫ ސިޓީ ހިތަދޫ، އައިޝަތު މުހައްމަދު ދީދީއެވެ.

އުރީދޫގެ އަހަރީ ދުވަހާއި ގުޅިގެން ޖުމްލަ 19 ކަސްޓަމަރަކަށް 19 އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާއިރު އުރީދޫގެ ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.

އުރީދޫ އިން ބުނީ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ ކަސްޓަމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައިގެންނެވެ. ނުވަތަ ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުންނެވެ.

މީގެ އިތުރުން އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލް ދައްކައިގެން އަދި ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުމުންވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވާނެކަމަށް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.