އޭނާ ބޮޑުވަމުން އައީ ކަސްރަތާއި ކުޅިވަރާ، ފިޓްނަސްގެ ތެރެއެށެވެ. އޭރު ޖިމްތަކާ، ކަސްރަތުކުރާނެ ތަންތަން މަދު ނަމަވެސް ލިބިފައިވާ ވަސީލަތްތަކާއެކު ކަސްރަތުކުރަން އުޅޭ މީހުން ފެނުމުން އެކަމަށް އޭނާގެ ޝައުގުވެރިކަން އަތުލިއެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ވަކި ހިސާބަކުން، އޭނާއަށްވެސް ގިނަ ގޮންޖެހުންތަކާ، ކުރިމަތިލާންޖެހުނެވެ.

މި ކިޔައިދެނީ އައްޑޫ ސިޓީ ހިތަދޫ އާއި މަރަދޫ ފޭދޫގައި ޕަވާ އަވާ ސްޓޫޑިއޯ ހިންގަމުން އަންނަ އުމުރުން 24 އަހަރުގެ އާމިނަތު ޔާސްމިން އޮސްމަންއަގިޗްގެ ވާހަކައެވެ. ކަސްރަތުގެ ދުނިޔެއެއްގައި ބޮޑުވަމުން އައި ޔާސްމީން ފުރާވަރަށް އަރައިގެން އައިއިރު މާ ބޮޑަށް ފަލަވެ ބުލީގެ ޝިކާރައަކަށްވިއެވެ. އެހެންނަމަވެސް އޭނާގެ ހިތްވަރު ބައްޔެއް ނުކުރެވުނެވެ. ސްކޫލުގައި ބާއްވާ އެކި ކުޅިވަރު މުބާރާތްތަކާއި، އެތްލެޓިކްސް ގައި ބައިވެރިވިއެވެ. ސްކޫލުގައި އުޅެމުން ޑައިވް ކުރުމާއި، ވޯޓާ ސްޕޯޓްސްގައި ބައިވެރިވެ އެކަމަށް ވަގުތު ހުސްކުރި ޔާސްމީން ވަނީ އައްޑޫގައި ބޭއްވި އެންމެ ފުރަތަމަ ރާޅާ އެޅުމުގެ މުބާރާތުގައިވެސް ބައިވެރިވެފައެވެ. އަދި އެހާވަރުންވެސް ނިންމާލާކަށް ޔާސްމީން ބޭނުމެއް ނުވިއެވެ.

ޔާސްމީން، ޕަވާ އަވާ ޖިމްގައި
"އެއީ އޭރު އައްޑޫ ސިޓީ ގަމުގައި ހުންނަ ޔޫތު ސެންޓަރުގައި އަންހެނުންނަށް ހާއްސަކޮށް ކަސްރަތު ކްލާސްތައް ފެށުނު ދުވަސްވަރު. އެ ކްލާހަށް އެންމެ ފުރަތަމަ ދިޔަ މީހުންގެ ތެރޭގައި މަންމަވެސް ހިމެނޭ. އެންމެ ފުރަތަމަ ދާން ފެށީ މަންމައާއި އެކު އެ ކަސްރަތު ކްލާހަށް. އޭރު ކުޑަކުއްޖަކަށް އެ ކްލާހަށް ދަނީ އަޅުގަނޑު އެކަނި." އުމުރުން 13 އަހަރުގެ ހަނދާންތައް އާ ކުރަމުން ޔާސްމީން ބުންޏެވެ.

ސްކޫލް ނިންމާލުމަށްފަހު ޔުނިވާސިޓީގައި އުޅެމުން ޕާސަނަލް ޓްރެއިނަރަކަށް ޔާސްމީން އެންމެ ފުރަތަމަ މަސައްކަތްކުރީ ފިޓް ފޯ ޔޫތުގައެވެ. އޭގެފަހުން އަހަރެއްހާ ދުވަސް ވާންދެން ބީފިޓް ޖިމްގައި މަސައްކަތް ކުރުމަށްފަހު ފިޓް ފޯ ލައިފްގައި ވެސް އެއް މަސް ދުވަހު މަސައްކަތްކުރިއެވެ. އެ ދުވަސްވަރު ލިބުނު ތަޖުރިބާއާއި އެކު ޔާސްމީން ބޭނުންވީ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް އިތުރު ތަމްރީންތައް ހެދުމަށެވެ. އޭނާއަކީ މިހާރު އޭސީއީ ސާޓިފައިޑް ޕާސަނަލް ޓްރެއިނަރެކެވެ. އަދި މި ވަގުތު އޭނާ އަންނަނީ ޒުމްބާ އަދި ސްޓްރޯންގް ނޭޝަންއިން ޓްރެއިނިން ހަދަމުންނެވެ.

ގަން ޔޫތު ސެންޓަރުގައި އިންސްޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރިއިރު އުފަންވި ޕަވާ އަވާގެ ހުވަފެނުގައި ހަގީގީ ކުލަޖެއްސުމުގެ ޔާސްމީން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ހިލޭ ސަބާހަށް ރަށުގައި ބާއްވަމުން ދިޔަ ބޫޓްކޭމްޕްތަކާއި އަދިވެސް މިފަދަ އެހެން ކަސްރަތު ޕްރޮގްރާމުތަކަށް ލިބުނު ތަރުހީބާއެކު 11 ފޫޓް 22 ފޫޓްގެ ކުޑަ ފިހާރައެއްގައި ފެށި މި މަސައްކަތް މިއަދު ވަރަށް ކާމިޔާބެވެ.

ޕަވާ އަވާގެ، ކަސްރަތު ކްލާހެއްގެ ތެރެއިން

މަރަދޫފޭދޫގައި ކުޑަގޮތަަކަށް ފެށި މި މަސައްކަތް އޭގެ 6 މަސް ފަހުން ރަނގަޅު ސްޓޫޑިއޯކަށް ބަދަލުވެ އަދި ހިތަދޫގައިވެސް ސްޓޫޑިއޯއެއް ހުުޅުވިގެން ދިޔައެވެ. މި މަސައްކަތް ފެށުމުން ޔާސްމީންއަށް އެންމެ ބޮޑަށް އެނގިގެން ދިޔަ އެއް ކަމަކީ މިއީ އަބަދުވެސް އައްޑޫ ރައްޔިތުން ބޭނުންވެފައިވާ ކަމެއްކަމެވެ.

"ޕަވާ އަވާ ސްޓޫޑިއޯ އަކީ ހަމައެކަނި ހިކެން އަންނަތަނެއް ނޫން. މިއީ ސިއްހީ އެކި މައްސަލަތަށް ދިމާވެފައިވާ ފަރާތްތަކަށްވެސް، އެމީހަކާ ގުޅޭ ކަސްރަތަކާއެކު ލުއި ފަސޭހަކަމާ އެކު ރަނގަޅު ފަރުވާ ހޯދުމަށް އެހީތެރިވެދޭ ތަނެއް. މިއީ ވަކި އުމުރަކަށް، ވަކި ސައިޒަކަށް އޮތް ކަމެއް ނޫން" ޔާސްމީން ބުންޏެވެ.

އައްޑޫ ސިޓީގައި މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ޓްރެއިނަރުން ލިބެން ނެތުންކަން ފާހަގަކޮށް ޔާސްމީން ބުނީ އެފްއީއޭ މޯލްޑިވްސް އާއި ގުޅިގެން އައްޑޫ ސިޓީގައި ފައުންޑޭޝަން ލެވެލްގެ ފިޓްނަސް ކޯހެއްވެސް ހިންގާފައިވާ ކަމަށެވެ. އަދި މިހާރުވެސް ރެޑިކަލް ފިޓްނަސް އާއި ގުޅިގެން އިތުރު ކޯސްތަކެއް ހިންގުމަށް މަސައްކަތްކުރަމުން އަންނަކަމަށް ޔާސްމީން ވަނީ ބުނެފައެވެ.

ޔާސްމީން، ޕަވާ އަވާ ޖިމްގައި

އިތުރަށް ޔާސްމީން ބުނީ މިއީ އައްޑޫ ސިޓިއަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި ބޭނުންވަނީ ރަނގަޅު އިންސްޓްރެކްޓަރުންނާއެކު ހިންގޭ ގިނަ ޖިމްތަކެއް ކަމަށެވެ. މިހާރު ވެސް ބައެއް މީހުންގެ ފަރާތުން ނެގެޓިވް ބަސްތައް ރައްދުވަމުން އަންނަކަން ފާހަގަކޮށް ޔާސްމީން ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއްކުރިއަސް އެކަން ބަލައިގަންނަން އުނދަގޫ މީހުން ތިބޭނެ ކަމަށެވެ. އަދި މީހުން ދައްކާ އެފަދަ ވާހަކަތަކަށް ރައްދު ދޭން ބޭނުން ނުވާކަމަށާ އަބަދުވެސް ދާނީ ފަސްޖެހުމެއް ނެތި ކުރިއަށް ކަމަށް ޔާސްމީން ބުންޏެވެ.

"މިހާރުވެސް ބުނޭ އަޅުގަނޑު ހުންނަނީ ފަލަކޮށޭ. ކިހިނެތްހޭ އެހެން މީހުން ހިއްކޭނީ. އެކަމަކު ހަގީގަތަކީ ވަރުގަދަ އަޒުމަކާއެކު އަޅުގަނޑުމެންގެ ސްޓޫޑިއާއި ގުޅުނު އެންމެންނަށްވެސް ވަނީ ރަނގަޅު ނަތީޖާތައް ފެނިފައި ކަން. މިކަން އަޅުގަނޑުގެ ކްލައިންޓުން ގަބޫލުކުރާނެ" ޔާސްމިން ބުންޏެވެ. ޔާސްމީން އަބަދުވެސް ޓްރެއިންވަމުން އައި ޕަވާލިފްޓިން އަށް ކަން ފާހަގަކޮށް އޭނާ ބުނީ އޭނާގެ ސިއްހީ މައްސަލަތަކެއް ހުރުމާއެކު ބަރުދަން ލުއިކުރުމުގައި ގޮންޖެހުންތައް ދިމާވި ކަމަށެވެ. މިހާރު އޭނާގެ ބަރުދަނާ، ހަށިގަނޑަށްވެސް ރަނގަޅު ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު ޔާސްމީން ބުނީ ކޮންމެ ނެގެޓިވް ކޮމެންޓަކީ ކުރިއަށް ދިއުމަށް ލިބޭ އިތުރު ހިތްވަރެއްކަމަށެވެ.

ޕަވާ އަވާ ޖިމްގެ މާހެފުން

މީގެ އިތުރުން ޔާސްމީން ބުނީ ކުރިއަރަމުން އަންނަ ދުނިޔޭގައި ފިޓްނަސް ދާއިރާއަކީ ވަޒީފާއެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި މިއީ ލައިފް ސްޓައިލަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ. "ކްލައިންޓުން ނަގައިގެން މިކަން ފަށަންވާނީ ރަނގަޅު ތަމްރީނާއެކު. ހަމައެކަނި ތަޖުރިބާއިން ނުވަތަ އޮންލައިން ޓްރެއިނިން އަކުން މީހާ ތަމްރީނެއް ނުވާނެ. އަބަދުވެސް މި ދާއިރާ އާއި ގުޅޭ ތަމްރީންތަކާ، ކޯސްތައް ހަދައިގެން މިކަންކޮށްފި ނަމަ މިއީ ހަމަ ކުރިއަށް ދިއުމަށް ރަނގަޅު ދާއިރާއެއް" ޔާސްމީން ބުންޏެވެ.

މިހާރު މޫނު ބުރުގާ އަޅާފައިވާ ޔާސްމީން ބުނީ، އޭނާގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލާއެކު ފިޓްނަސް ދާއިރާއިން ގެއްލިދާނެކަމަށް ވަރަށް ގިނަ ބަޔަކަށް ހީކުރެވުނު ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން ގިނަ ބަޔަކު ސުވާލުކުރަމުން އަންނަކަން ފާހަގަކޮށް ޔާސްމީން ބުނީ މޫނު ބުރުގާ އެޅުމަކީ މި ދާއިރާއިން ކުރިއަށް ދިއުމަށް އޮތް ހުރަހެއް ނޫންކަމަށެވެ. އަދި މޫނު ބުރުގާ އަޅައިގެން ކަސްރަތުކުރުމުގައިވެސް އެއްވެސް އުދަގުލެއް ނެތް ކަން ފާހަގަކޮށް ޔާސްމީން ބުނީ މި ކަމުގައި އޭނާގެ ގާތް ފަރާތްތަކާއި ކްލައިންޓުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަކަމަށެވެ.

ފިޓްނެސް ދާއިރާގައި ޔާސްމީންގެ ކާމިޔާބީތައް ވަރަށް ގިނައެވެ. އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޑެޑްލިފްޓިން މުބާރާތުގައި އުމުރުން އެންމެ 15 އަހަރުގައި ޔާސްމީން ބައިވެރިވީ އެކަން ކުރެވޭނެ ކަމުގެ ޔަގީން ކަމާއެކުގައެވެ. އެ މުބާރާތުގައި ބޮޑެތި މީހުންނާއި ވާދަކޮށް 120 ކިލޯ އުފުލާލާ، އަންހެން ކެޓަގަރީން 1 ވަނަ ހޯދިއެވެ. 2024 ވަނަ އަހަރު މަރަދޫގައި ބޭއްވި މުބާރާތުގައި 130 ކިލޯ އުފުލާލައިގެން އެއް ވަނަ ލިބުނުއިރު، 2025 ވަނަ އަހަރު ބޭއްވި މުބާރާތުގައި ޑެޑްލިފްޓިން އަދި ތަންޑިޔާގައި ބައިވެރިވެ 145 ކިލޯ އުފުލާލާ، އެއްވަނަ ހޯދިއިރު އޭނާއަށް ވަނީ އައްޑޫ ވީރް ރާނީގެ މަގާމުވެސް ހޯދާފައެވެ.

ޕަވާ އަވާ ޖިމްގެ ކްލައިންޓުންނާއެކު

"ޕަވާ ލިފްޓިންގެ މިހާރުގެ ޕާސަނަލް ރެކޯޑްސްތަކަކީ ޑެޑްލިފްޓްން 155 ކިލޯ، ޗެސްޓް ޕްރެސް 80 ކިލޯ، ސްކޯޓް 130 ކިލޯ. މިއީ ރާއްޖޭގެ އަންހެން ރެކޯޑްތަކަށް ބަލާއިރު ފާހަގަކޮށްލެވޭ އަދެއްކަމަށް ގަބޫލުކުރެވޭ" ޔާސްމީން ބުންޏެވެ. އައްޑޫގައި ބާއްވާ ވާދެމުމުގެ އެކި މުބާރާތްތަކުގައި ބައިވެރިވެފައިވާ ޔާސްމީން ބުނީ މިއީވެސް އޭނާ ޝައުގުވެރިކަމާއެކު ކުރާ ކަމެއްކަމަށެވެ. އަދި އެންމެ ފަހުން އައްޑޫ ސިޓީގައި ބޭއްވި ވާދެމުމުގެ ދެ މުބާރާތުންވެސް އެއްވަނަ ލިބިފައިވާކަމަށް ޔާސްމީން ބުންޏެވެ.

މި މަސައްކަތުގައި އޭނާ ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއްދެނީ ފިރިމީހާ އާއި އާއިލާގެ އިތުރުން އޭނާގެ ކްލައިންޓުންކަން ޔާސްމީން ފާހަގަކުރިއެވެ. އަބަދުވެސް ކުރިއަށް ދިއުމަށް ކްލައިންޓުން ދޭ ހިތްވަރާ ސްޓޫޑިއޯގައި ބާއްވާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ ލިބޭ އުފަލެއްކަން ޔާސްމީން ފާހަގަކުރިއެވެ. މި ދާއިރާގައި ޔާސްމީން ދެކޭ ހުވަފެން ގިނައެވެ. ބައިނަލްއަގްވާމީ މުބާރާތެއްގައި ބައިވެރިވެ ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަކީ ޔާސްމީންގެ އުއްމީދެވެ.