މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް، ހައްޔަރުކުރި މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޝަމްއާން ވަހީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަމަށް އެދުމާ ގުޅިގެން މިއަދުއެވެ.

ޕީޖީ އޮފީހުން ބުނީ ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާ ކަމަށެވެ. އެހެންކަމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ކުޑަވެފައިވާ ކަމަށް ފެންނާތީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދިފައިވާ ކަމަށެވެ.

އެގޮތުން ދައުލަތުގެ އެދުމާ އެއްގޮތަށް ޝަރުތުތަކަކާއެކު ޝަމްއާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. ޕީޖީ އޮފީހުން ބުނީ ޝަމްއާން ބަންދުން ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުގައި ކަމަށެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލައިފައިވެއެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ.