ސަރުކާރުން، ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުލިބި ލަސްވެއްޖެ ނަމަ އެ ކުންފުންޏަކުން މީރާއަށް ދައްކަން ޖެހޭ ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، ރޭ ވިޔަފާރިވެރިންނާ އެކު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ ސަރުކާރުގެ ޕްރޮޖެކްޓްތަކުން ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވާ އިރުވެސް މީރާއަށް ދައްކަން ޖެހޭ ފައިސާ ހޯދަން އެ އޮތޯރިޓީން ފިޔަވަޅު އަޅާ ކަމުގެ ޝަކުވާއާއި ގުޅިގެންނެވެ. މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ އެފަދަ ހާލަތުގައި ފިޔަވަޅު އެޅުމުގެ ބަދަލުގައި، ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރެއިން އެ ފައިސާ ކަނޑަން ހުށަހަޅައިފާއެވެ.
ވިޔަފާރިވެރިންގެ މި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ވިދާޅުވީ އެއީ މިހާރުވެސް ބައެއް ހާލަތްތަކުގައި އަމަލުކުރަމުން އަންނަ އުސޫލެއްކަން ހާމަކުރައްވާފައެވެ. އެހެން ނަމަވެސް އެއަށް ވުރެ ފުޅާކޮށް، ކޮމްޕްރިހެންސިވް ގޮތަކަށް، ވީހާ ވެސް ގިނަ ބަޔަަކަށް އެ އުސޫލެއްގެ ތެރެއިން އެކަން އެޕްލައިވާނެ ގޮތައް ހައްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ކުންފުނިތަކަށް ދޭން އޮތް ފައިސާ ނުލިބި ލަސްވާ މައްސަލައާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ މި މަސް ނިމޭ އިރު ގިނަ ކުންފުނިތަކަކަށް ފައިސާ ދެވޭތޯ ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ބާކީ ފައިސާތައް ރޯދަ މަހާ ހަމައަށް އަންނައިރު ދައްކާ ނިންމުމަށްވެސް މަސައްކަތްކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
