މާލޭގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރަން ނިންމައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބާއްވާ ބައްދަލުވުމުގެ ތެރެއިން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުން އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ސަލާހުއްދީން ސްކޫލްގައެވެ. އެހެންކަމުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ސަރުކާރުގެ ފަރާތުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ނިންމަވާފަިއވާ އިރު، މި ހަފްތާގެ ބުދަ ދުވަހުގެ ރޭ ވަނީ ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައެވެ. މި ބައްދަލުވުން އޮންނާނީ ބުދަ ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގައެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެ ރޭ މާލޭގެ ގަލޮޅު އަވަށު ރައްޔިތުންނާ ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ބައްދަލުކުރެއްވުން އޮންނާނީ، އަންގާރަ ދުވަހުގެ ރޭ 8:30 ގައި އިމާދުއްދީން ސްކޫލްގައެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުނު އިރު އެ މަނިކުފާނު ވަނީ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި ރަށްރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މަޝްވަރަކުރައްވާފައިވާއިރު، ރަށްރަށުގެ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ވަނީ ދެއްވާފައެވެ.
